އަޅުގަނޑު ފަދައިން އަބަދު ކަންކަމުގައި އުޅެންޖެހޭ އަނހެނަކަށް ޛިކުރުކުރާނެ ވަޤުތު ހޯދަން އެންމެ ފަސޭހަވާނެ ގޮތަކީ ކޮބައިތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
އަޅުގަނޑު ފަދައިން އަބަދު ކަންކަމުގައި އުޅެންޖެހޭ އަނހެނަކަށް ޛިކުރުކުރާނެ ވަޤުތު ހޯދަން އެންމެ ފަސޭހަވާނެ ގޮތަކީ ކޮބައިތޯ؟

"ޛިކުރުކުރުން، އަޅުކަންކުރުން ފަދަ ކަންކަމާއި ގުޅިގެން މިއަދުނޫހުގައި ޝާއިޢުކުރާ ހުރިހާ ލިޔުމެއްހެން އަޅުގަނޑުވެސް ކިޔަމެވެ. އެކަންކަމުން ދެއްވަވާނެ ޘަވާބު އެނގުމުން ދެއްވަވާނެ ޘަވާބު އެނގުމުން ވަރަސް ދަހިވެސްވެއެވެ.

އަޅުގަނޑަކީ 3 ދަރިން ސްކޫލަށް ގެންގޮސް ގެނެސް ހަދާ އަންހެނަކީމެވެ. އުޅެނީ ހިނގާފައެވެ. ކޮންމެ ދުވަހަކުހެން ބަދިގޭގައި މަދުވެގެން 3،4 ގަޑިއިރު ހޭދަކުރަންޖެހެއެވެ. އެހެންކަމުން ހަމަޖެހިލައިގެން އިށީނދެ އިނދެލެވޭނެ ވަޤުތުކޮޅެއް ހަމަ ނުލިބެއެވެ. 

އެހެންކަމުން އަޅުގަނޑު ފަދައިން ބުރަކޮށް މަސައްކަތްކުރަންޖެހޭ އަންހެނަކަށް އެންމެ ފަސޭހައިން ޛިކުރުކުރެވޭނެ، އެކަމަށް ވަޤުތު ހޯދޭނެ ގޮތަކީ ކޮބައިތޯ؟" 

ފުރުތަމަވެސް ކިޔުންތެރިޔާއަށް ސެލިޔުޓްއަރުވަމެވެ. ތިހައި ބުރަކޮށް އުޅުއްވަމުންވެސް ތިއަ ފައުޅު ކުރެއްވި ޝައުޤުވެރިކަމަށެވެ. ކަމަނާގެ ސުވާލަށް ޖަވާބު މިއަރުވަނީ ދުނިޔޭގެ ފެންވަރުގައި މަޝްހޫރުވެފައިވާ ނާދިޔާގެ ބަސްފުޅަކުންނެވެ. 

"ޛިކުރުކުރުމުގެ މާނައަކީ ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމެވެ. އެއީ ކޮންމެ މަސައްކަތެއްގައި އުޅެމުންވެސް ކުރެވޭނެ ކަމެކެވެ. ދެވަނައަށް އޮތީ ޛިކުރުތައް ކިޔުމެވެ. އަވަދިނެތި އުޅޭ އަނހެނުންނަށް ބުނެލަން އޮތީ މަސައްކަތުގައި އުޅުނަސް އަސްތަޣްފިރުﷲ، ސުބްޙާނަﷲ، އަލްޙަމްދުލިﷲ، ﷲއަކްބަރު ފަދަ ކުރުކުރު ކަލިމަތައް ކިޔާށެވެ. 

ސްކޫލަށް ކުދިން ގޮވައިގެންދަމުންނާއި ބަލައިދާ އިރުގައާއި އެނބުރި އަންނައިރުވެސް ކިޔާށެވެ. ސްކޫލޮދޮށަށް ކުދިން ބަލައިގޮސް ހުންނައިރު ބޭކާރު ވާހަކަތައް ދެއްކުމުގެ ބަދަލުގައި ޛިކުރްތައް ކިޔާށެވެ. 

ކާރުގައިދާނަމަ ދަމުންވެސް އަންނަމުންވެސް އަދި ދަރިފުޅަށް އިންތިޒާރުކުރާ ވަޤުތުތަކުގައިވެސް ޛިކުރްތައް ކިޔަމުން ގެންދާށެވެ.

އެއިރުން ދުވަސް ނިމިގެންދާއިރު އެތައް ސަތޭކަ ފަހަރަކު ހުންނާނީ ޛިކުރުތައް ކީފައެވެ. ކިޔުނު ޢަދަދު ނުއެނގުމަކީ މައްސލައެއް ނޫނެވެ. މަލާއިކަތުން ވާނީ ފަތުގައި ލިޔުއްވަވައިފައެވެ. ޤިޔާމަތް ދުވަހު ޙިސާބުބެއްލެވުމުގެ ވަޤުތުގައި ޢަދަދު އެނގިގެންދާނެއެވެ." 

ޤަބޫލުކުރެވޭ ގޮތުގައި ނާދިޔާ އެވިދާޅުވަނީ ވަރަށް ރަނގަޅުވާހަކައެކެވެ. ވަޤުތު އިސްރާފްނުކުރަންވީއެވެ. ވަޤުތުގެ ބޭނުން ހެޔޮގޮތުގައި ހިފަން މަސައްކަތްކުރަންވީއެވެ. އެއިރުން ކިޔުންތެރިޔާގެ މައްސަލައަށް އޮންނާނީ ޙައްލު ލިބިފައެވެ. 

- މިއަދުނޫސް

މިއަދު އޮންލައިން