ޖެހިޔަސް ޖެހުމުގެ ހުއްދަ ދެއްވަވާފައެއް ނުވޭ!: ޝައިޚް މުޙައްމަދު ހޮބްލޮސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ޖެހިޔަސް ޖެހުމުގެ ހުއްދަ ދެއްވަވާފައެއް ނުވޭ!: ޝައިޚް މުޙައްމަދު ހޮބްލޮސް

އިސްލާމް ދީނުގައި އަނިޔާވެރި ނުވުމަށް ބާރު އަޅުއްވަވާ މިންވަރު ނިކަން ބަލައިބަލާށެވެ. ދެމީހަކު ތަޅާ ފޮޅައި އެކަކަށް ބޮޑެތި އަނިޔާތައް ލިބުމުންވެސް އަނިޔާ ލިބުނު މީހާވެސް އެބަ ކުށްވެރިވެއެވެ. އެއީ އޭނާ ބަލިކަށިއިރުގައިވެސް ތަޅާފޮޅީ އަނެކާއަށް އަނިޔާކުރަން މެރުމަށް ކަމުގައިވާތީއެވެ. މިކަމުން އަންގައިދެނީ ރުޅި އައިނަމަވެސް އަތްއިސްކޮށްގެން ނުވާނެއެވެ. އެއްވެސް މީހަކަށް އަނިޔާކޮށްގެން ނުވާނެ ކަމެވެ.

ޙަދީޘްފުޅުން ފެނިފައި އޮތުމަކީ މީހާގެ ގައިގައި ޖެހިޔަސް ޖެހުން ހުއްދަކުރާ ސަބަބެއް ނޫނެވެ. މެރިޔަސް މެރުން ހުއްދަކުރާ ސަބަބެއް ނޫނެވެ. ޤިޞާޞް ހިފުމަކީ އަމިއްލައަމިއްލައަށް ގޮތް ނިންމައި ކަންކަންކުރަން އޮތް ކަމަކަށް ނުވާތީއެވެ.  

މީހަކު ތިމާގެ އަޚާ މަރައިލީއެވެ. ދަރިއެއްގެ ގައިގައި ޖެހީއެވެ. މިބާވަތުގެ ކަމެއް ކޮށްފިނަމަ ކޮންމެމީހަކަށްވެސް ރުޅި އައުދެވޭނެއެވެ. ނަމަވެސް އެރުޅިމަތީގައި ގޮސް އަނެކާ މަރާލުމުގެ ނުވަތަ ޖެހިމީހާގެ ގައިގައި ޖެހުމުގެ ހުއްދަ ލިބިގެނެއް ނުވެއެވެ. އެހެނީ ޤިޞާޞް ހިފަން އޮތީ އެކަމަށް ޝަރީޢަތް ކުރެވި ޝަރީޢަތުްނ ކުރާ ޙުކުމުގެ މައްޗަށެވެ.  

މިކަންކަން ބައަކު އެބަ އޮޅުވައިލައެވެ. ކިރިޔާކަމެއްވާއިރަށްވެސް އެބަ ބަދަލުހިފައެވެ. ބަދަލުހިފާފައި ބުނަނީވެސް ތިމާ މި ޢަމަލުކުރީ ދީނުގައި އޮތް ގޮތަށް ކަމަށެވެ. ﷲ ތަޢާލާ ގަންދީ ބުނަމެވެ. އަމިއްލައަށް ޤިޞާޞް ހިފުމަކަށް ދީނުގައި ހުއްދަދީފައެއް ނެތެވެ. ވީމާ ދީނުގެ ނަމުގައި އަމިއްލައަށް އެކަމެއް ނުކުރެވޭނެއެވެ.  

މީހަކު ޙަމަލާދީ އަޚަކު މަރައިލި ނަމަވެސް އަމިއްލައަށް ގޮސް އޭނާ މަރައިލުން ހުއްދަނުވާ އެއް ސަބަބަކީ މީހަކަށް މަރުގެ އަދަބުދެވޭނީ ޝަރީޢަތްކޮށް އޭނާގެ ހުރިހާ ވާރުތަވެރިން އެކަމަށް އެދިއްޖެނަމައެވެ. ހުރިހާ ވާރުތަވެރިން އެކަމަށް އެދުމުންވެސް ޝަރީޢަތުން އެމީހަކު މަރަން ޙުކުމްކޮށްފިނަމައެވެ.  

ބިރުވެތިވާށެވެ! ޤިޔާމަތް ދުވަހު އިންޞާފު ޤާއިމުރައްވަވާއިރު ދަޅުފެޅި ބިޔަ ވަރުގަދަ ޖަނަވާރުތައް އެނޫން ޖަނަވާރުތަކަށް ކުރި އަނިޔާއަށްވެސް ބަދަލުހިއްޕަވާނެތެވެ. ދަޅުހުރި ޖަނަވާރުތަކުގެ ދަޅު އުފުރުއްވަވައި ދުނިޔޭގައި ދަޅުނެތް ޖަނަވާރަށް ދެއްވަވާފައި ބަދަލުހިފަން އަންގަވާނެތެވެ.  

ވީމާ ތިމާގެ ގައިގައި ބާރުހުރުމަކީ އަމިއްލައަށް ބަދަލުހިފުން ފަދަ ކަންކަން ކުރަން އޮތް ސަބަބެއް ނޫނެވެ. މުސްލިމުން ކޮންމެ ކަމެއްގައިވެސް ޢަމަލުކުރަންޖެހޭނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށެވެ. އަމިއްލަ ގޮތްތައް ކުރިއަކަށް ނުނެރެވޭނެއެވެ. 

- ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން

 

މިއަދު އޮންލައިން