ސުވަރުގެ ވަނުމަށް ﷲ ދެއްވެވި ދަޢުވަތު ޤަބޫލުކުރާ އެންމެން ސުވަރުގެ ވައްދަވާނެތެވެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
ސުވަރުގެ ވަނުމަށް ﷲ ދެއްވެވި ދަޢުވަތު ޤަބޫލުކުރާ އެންމެން ސުވަރުގެ ވައްދަވާނެތެވެ! އިން ޝާ ﷲ

ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވަނީ މިފަދައިންނެވެ.

"----ހަމަކަށަވަރުން ގިނަގިނައިން ތައުބާވާ މީހުން ދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ. އަދި ޠޯހިރުވާ މީހުންދެކެވެސް ﷲ ލޯބިވެވޮޑިގެންވެއެވެ." (އަލްބަޤަރާ: 222)

މިއީ ތައުބާވުމަސް ﷲ ތަޢާލާ ދެއްވަވާފައިވާ ދަޢުވަތެކެވެ. ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ހޯދަން ކުރަން އޮތް ޢަމަލެވެ. އެކަން ވިސްނޭނީ ވިސްނައި ފިކުރުކުރާ މީހުންނަށެވެ.

ﷲ ތަޢާލާ ދެއްވަވާފައިވާ ދަޢުވަތު ޤަބޫލުނުކޮށް ދުނިޔޭގައި ހިތަށްއެރިހައި ގޮތަކަށް އުޅުމަށްފަހު ޤިޔާމަތް ދުވަހު ނަރަކައަށް ދާންޖެހުމުން އެންމެންވެސް ދެވަނަ ފުރުޞަތަކަށް އެދި ރޮއި އާދޭސް ދަންނަވާނެއެވެ! ނަމަވެސް އެއީ އެއްވެސް މީހަކަށް ދެއްވަވާނެ ފުރުޞަތެއް ނޫނެވެ. ވީމާ ދުނިޔޭގައި ހޭދަކުރަން ލިބޭ މަދު ދުވަސްކޮޅު އެކަންކަމަށް ވިސްނައި ސަމާލުކަން ދޭށެވެ!

އެދުވަހުން ރޮއި ކަރުނަ އަޅަން ޖެހޭ މީހުންގެ ތެރޭގައި ނުވުމަށްޓަކައި ﷲ ތަޢާލާ ދެއްވަވާފައިވާ ދަޢުވަތު ދުނިޔޭގައި ހުރެ ޤަބޫލުކުރާށެވެ! ﷲ ތަޢާލާ ދެއްވަވާފައިވާ ފުރުޞަތުތަކުގެ ބޭނުން ދުނިޔޭގައި ހުރެ ހިފާށެވެ! މަރުވުމުން އެކަމަށް ދެއްވެވި ހުރިހާ ފުރުޞަތުތަކެއް ގެއްލި ނިމުނީކަމާއިމެދު ބިރުވެތިވާށެވެ!

ﷲ ތައާލާ މިދުނިޔޭގައި އެންމެހައި މީސްތަކުންވެސް ލައްވަވާފައިވަނީ ވަރަށް ދީލަތި ގޮތެއްގައެވެ. އެމީހަކު ބޭނުންވަރަކަށް ފުރުޞަތު ދެއްވަވައިފައެވެ. ފުރުޞަތަށް އެދުމުގެ ބާރާއި އިޚްތިޔާރާއި ވިސްނުންވެސް ދެއްވަވައިފައެވެ. ކޮންމެދުވަހަކުވެސް ކޮންމެ ރެއަކުވެސް ކޮންމެ ވަގުތަކުވެސް ފުރުޞަތުގެ ބޭނުން ހިފަންވީއެވެ. ދުވާލަކު 1000 ފަހަރުވެސް ހަމަ ހިފަންވީއެވެ. އެއްވެސް ހުރަހެއް ނެތެވެ.

މިދައްކަނީ ތައުބާވުމުގެ ވާހަކައެވެ. އެކަމަށް ފުރުޞަތު ހުޅުއްވަވައިލަ ދެއްވަވާފައިވާ ވާހަކައެވެ. ވީހައި ގިނައިން ތައުބާވުމަށް ﷲ ތަޢަލާ ލޯބިވެވޮޑިގެންވާ ވާހަކައެވެ. އެފުރުޞަތު ގެއްލިގެންދަނީ ދިރިހުއްޓައެވެ. މަރުހިއްޕަވަން ވަޑައިގަންނަވާ މަލާއިކަތުން އެމީހެއްގެ ލޮލަށް ފެނުމުންނެވެ. އެވަގުތާއި ހަމައަށް އެފުރުޞަތު ވަނީ ހުޅުއްވަވައިލަދެއްވަވައިފައެވެ. ހަމައެކަނި ހުޅުއްވަވައިލަ ދެއްވެވީއެއްވެސް ނޫނެވެ. އެކަމަށް ވަނީ ދަޢުވަތުވެސް ދެއްވަވައިފައެވެ. ކީރިތި ޤުރްއާނުގައެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން