ޝުކުރުގެ ސަޖިދަކުރުން ގިނަކޮށްފި މީހަކަށް ރަޙްމަތް އިތުރުކުރައްވަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ޝުކުރުގެ ސަޖިދަކުރުން ގިނަކޮށްފި މީހަކަށް ރަޙްމަތް އިތުރުކުރައްވަވާނެ! އިން ޝާ ﷲ

ޝުކުރުގެ ސަޖިދަ މަތިން ގިނަބައަކު ހަނދާންނެތިއްޖެއެވެ. ޝުކުރުގެ ސަޖިދަކުރެވޭތަން ކިރިޔާވެސް ފެންނަނީ ފުޓްބޯޅަމެޗެއްގައި ގޯލެއް ކާމިޔާބުކުރެވުން ފަދަ ކަމަކާއި ގުޅިގެންނެވެ. ދިރިއުޅުމުގައި ކިތަންމެ ބޮޑު އުފާވެރިކަމެއް ލިބުނަސް ޝުކުރުގެ ސަޖިދަކުރާތަނެއް ނުފެނެއެވެ.

އުފާވެރި ޚަބަރެއް ލިބިވަޑައިގެންފިނަމަ ރަސޫލް (ﷺ) އަވަސްވެވަޑައިގަންނަވަނީ ޝުކުރުގެ ސަޖިދަ ކުރެއްވުމަށެވެ. ނަމަވެސް މިއަދު އެ މަތިވެރި ސުންނަތް އަދާކުރެވެނީ އަހަރެމެންގެ ތެރެއިން ކިތައް މީހުންނަށް ހެއްޔެވެ؟

ޝުކުރުގެ ސަޖިދަ ކުރުމަށް ވުޟޫ ކުރާކަށްވެސް ނުޖެހެއެވެ. ވަކިތަނަކަށް ދާކަށްވެސް ނުޖެހެއެވެ. ކޮންމެ ތަނެއްގައި ހުރިނަމަވެސް ހުރިތަނުގައި ހުރެގެން ކުރަންވީއެވެ. ޝުކުރުގެ ސަޖިދައިގައި ކިޔާނެ ޚާއްޞަ ދުޢާއެއްވެސް ނެތެވެ. ހަމައެކަނި ބޭނުމަކީ ނިޢްމަތެއް ލިބުމުން، އެ ނިޢްމަތް ދެއްވެވީ ﷲ ތަޢާލާކަން ހިތަށް ގެނެސް ޝުކުރުވެރިވާކަން ހާމަކުރުމެވެ.

ތިބާއަށް ލިބޭ ކޮންމެ އުފާވެރި ކަމަކާއި ގުޅިގެން ޝުކުރުގެ ސަޖިދަކުރަން ނިކަން ފަށައިބަލާށެވެ! ތިބާއަށް ނިޢްމަތްތައް އިތުރުވުމަކީ ނުވެ ނުދާނެ ކަމެކެވެ. އެކަން އެނގެނީ ތިމަން ﷲގެ ނިޢްމަތްތަކަށް ޝުކުރުވެރިވާ އަޅުންނަށް ނިޢްމަތްތައް އިތުރުކުރައްވަވާނެ ކަމަށް ﷲ ތަޢާލާ ވަހީކުރައްވަވާފައި އޮތުމުންނެވެ.

ނިޢްމަތަކީ ކޮބައިތޯ ވެސް ބައެއް މީހުން ސުވާލުކުރެއެވެ. އަހަރެންގެ ޖަވާބަކީ އެއީ އެމީހަކަށް ފައިދާހުރި، އެކަމަކުން ތިމާއަށް އުފާ ލިބޭ ކޮންމެ ކަމެއް ކަމަށެވެ. ތިމާގެ ދަރިފުޅަށް ރަނގަޅު ނަތީޖާއެއް ޙާޞިލުކުރެވުމަކީ ވެސް ކިހައި ބޮޑު އުފަލެއް ހެއްޔެވެ؟ އެހާލަތުގައިވެސް ފުރަތަމަ ކަމެއްގެ ގޮތުން އަވަހަށް ޝުކުރުގެ ސަޖިދަކުޜާށެވެ!

މިއީ މިހާރުވެސް ވަރަށް ބޮޑަށް ގެއްލިގެން ގޮސްފައިވާ އެހައިމެ މަތިވެރި ސުންނަތެކެވެ. އެހެންކަމުން މި ސުނަން ދިރުވައި އާލާކުރަން ވަރަށް ބޮޑަށް ޖެހިފައިވާކަން ފާހަގަކުރަމެވެ. އަދި އެކަމަށް އިލްތިމާސްވެސް ކުރަމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން