ވަޒީފާގައި މިއޮންނަނީ 2 ބާވަތެއްގެ ވަޒީފާއެވެ. އެއިގެ ތެރެއިން ފުރަތަމަ ބާވަތަކީ ﷲ ތަޢާލާ ކޮންމެ މީހަކާއިވެސް ޙަވާލުކުރައްވަވާފައިވާ ކަމެކެވެ. ދެވަނަ ބާވަތަކީ ތިމާ އަމިއްލައަށް ދުނިޔެއިން ހޯދާ ވަޒީފާއެވެ.
އަމިއްލައަށް ހޯދައިގެން އުޅޭ ވަޒީފާއަށް ކޮންމެ ދުވަހަކު ވެސް އޮފީހަށް ދާންޖެހޭ ގަޑިއަށް އެބަ އޮފީހަށް ދަމުއެވެ. ދުވާލަކު އެތައް ފަހަރަކު ދާންޖެހުނު ނަމަވެސް ގަޑިނުޖެހި ދާންޖެހޭ ގަޑިއަށް އެބަދަމުއެވެ. ސަމާލުކަން ދިނުމާއި ވަޒީފާގެ ކުރިއެރުން ހޯދުމަށްޓަކާ ގަޑި ޖެހުމުގެ ވަޤުތުކޮޅެއް ކުރިންވެސް ދަމުއެވެ.
ގަޑި ނުޖެހި އޮފީހަށް ދިއުމަށް އިންތިހާއަށް ސަމާލުކަން ދެމުއެވެ. މެންދުރު ގެއަށް ދިއަތަނާ ނިދުނީ ކަމަށް ބުނެ މެންދުރުފަހު އޮފީހަށް ނުގޮސް ބަހަނާއެއް ނުދައްކަމުއެވެ. މިކަން މިހައި ޤަވާއިދުން ކުރަނީ ކީއްވެގެން ހެއްޔެވެ؟ ތަނަވަސް ދިރިއުޅުމަކަށް ބޭނުންވާތީއެވެ. ދުނިޔަވީ ބޭނުންތައް ފުއްދުމަށެވެ.
މީސްތަކުންނޭވެ! ދެން ނަމާދާއިމެދު ވިސްނައިލާށެވެ! ނަމާދު ޤަވާއިދުން ކުރުމަށް އަހަރެމެން އިހްމާލުވާއިރު މިކުރެވެނީ ކީއްހެއްޔެވެ؟ އިހްމާލް މިވެވެނީ ﷲ ތަޢާލާ ޙަވާލުކުރައްވަވާފައިވާ އަމާނާތަށެވެ. ﷲ ތައާލާ ޙަވާލުކުރައްވަވާފައިވާ ވަޒީފާއަށެވެ. އެ ވަޒީފާއަށް ފޭލިވެގެން ހުރެ ﷲ ތަޢާލާގެ ޙަޟްރަތަށް ދިއުމުން ތިބާ އުންމީދުކުރާ އުޖޫރަ ދެއްވަވާނެ ކަމަށް ހީކުރެވެނީ ހެއްޔެވެ؟ ނުވަތަ އުންމީދުކުރެވެނީ ހެއްޔެވެ؟ އެކަމެއް ނުވާނެއެވެ.
ވަޒީފާގައި ފޭލިވީ ވަރަށް މުސާރައިން ކެނޑޭނެއެވެ. ކެނޑެމުން ކެނޑެމުން ގޮސް ހުސްވުމުން ވާނީ ކިހިނެއްޔެވެ؟ ދުނިޔޭގައި ވަޒީފާ ގެއްލުމުން ނުކުމެގެން ގޮސް އެހެން ވަޒީފާއެއް ހޯދިދާނެއެވެ. އެދުވަހު އެކަންވާނީ އެހެނެއް ނޫނެވެ. ﷲ ތަޢާލާ ޙަވާލުކުރެއްވެވި ވަޒީފާގައި ފޭލިވެއްޖެނަމަ ދާންޖެހޭނީ ނަރަކައަށެވެ. އިތުރު އެއްވެސް "ޗޮއިސްއެއް" ނުލިބޭނެއެވެ.
ﷲ ތަޢާލާ ޙަވާލުކުރެއްވެވި ވަޒީފާއަށް ފަރުވާކުޑަކޮށް ދުނިޔޭގެ ވަޒީފާއަށް ސަމާލުކަން ދިނުމުން ލިބެންޖެހޭ ކުރިއެރުމެއް ނުލިބޭނެއެވެ. އެހެނީ ދުނިޔޭގެ ވަޒީފާއިން ވެސް ކުރިއެރުން ލިބޭނީ ﷲ ތަޢާލާ މިންވަރުކުރެއްވެވުމުންނެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން