އިއްޔެ އިސްތިޚާރާ ކޮށްފަ މިއަދު ފަތިސްނަމާދު ނުކުރީމާ ދެންވާނީ ކިހިނެއް؟ އެދައްކައިދެވެނީ ކޮންކަމެއް؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 14ސ
އިއްޔެ އިސްތިޚާރާ ކޮށްފަ މިއަދު ފަތިސްނަމާދު ނުކުރީމާ ދެންވާނީ ކިހިނެއް؟ އެދައްކައިދެވެނީ ކޮންކަމެއް؟

މީސްތަކުންގެ މިއަދުގެ ޙާލަތަށް ބަލައިފިނަމަ ހިތާމަކޮށް ކަރުނައަޅަން އެބަޖެހެއެވެ. ބުނާ ބަހާއި ކުރާ ޢަމަލު ދިމާނުވާތީއެވެ. އެއްވެސް މީހަކާއި ދިމާއަށް މުނާފިޤެކެވެ ބުނާކަށް ނެތީމެވެ. ނަމަވެސް ދައްކާ ވާހަކައާއި ކުރާ ޢަމަލު ދިމާނުވުމަކީ މުނާފިޤުންގެ ސިފައެކެވެ. އެއީ ޙަދީޘްފުޅުން ޔަޤީންކުރެވެން އޮތް ކަމެކެވެ.

ވިސްނައިލާށެވެ. ތަޤްވާވެރިކަން ހުރިވަރުން އިއްޔެ އިސްތިޚާރާ ނަމާދުކުރިއެވެ. އެއީ ﷲ ތަޢާލާ އެންމެ ރުހިވޮޑިގަންނަވާ ގޮތަށް ކަންކަންކުރުމަށްޓަކައެވެ. ކުރާ ކަންކަމުގައި ﷲ ތަޢާލާ ބަރަކާތް ލެއްވެވުން އެދިގެންނެވެ. ކުރާ ކޮންމެ ކަމަކީވެސް ތިމާއަށް އެންމެ ފައިދާހުރި ގޮތަށް ކުރެވޭކަމަށްވާނީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ގޮތަށް ކުރެވުނު ކަމަކަށްވެގެންކަން ޤަބޫލުކުރާތީއެވެ.

މިއަދު އިރު އެރިއިރު ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމުގެ އެއްވެސް ބޭނުމެއް އޮންނަކަމަކަށްނުވެއެވެ. އިސްތިޚާރާ ނަމާދެއް ވެސް މުހިންމެއް ނުވެއެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުމެއްވެސް ބޭނުމެއް ނުވެއެވެ. ބޭނުންވަނީ ﷲ އެންމެ ނުރުއްސަވާ ކަންތައްތައް ނަމަވެސް އެމީހަކު ކުރަން ބޭނުންވާ ކަންކަން ކުރާށެވެ! 

މިހެން ބުނީމާ ތިއަކިޔަނީ ކީކޭހެއްޔޭ؟ ﷲ ތައާލާގެ ރުހިވޮޑިގަތުން ބޭނުން ނުވާނީ ކާކުހެއްޔޭ؟ ސުވާލު އުފައްދާނެއެވެ. އެމީހުންނަށް ދޭން އޮތް ޖަވާބަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ބޭނުންވާ މީހުންގެ ޢަދަދު ފަތިސްނަމާދުކުރާ މީހުންގެ ޢަދަދުން އެނގިގެން އެދަނީއެވެ. ޚާއްޞަކޮށް ޖަމާޢަތުގައި ފަތިސްނަމާދުކުރާ ފިރިހެނުންގެ ޢަދަދުން ފެނިގެންއެދަނީއެވެ. 

ފަތިސް ނަމާދު ނުކުރާ މީހާ ތިމާއަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރާ މީހަކު ކަމަށް ބުނާނަމަ އެވާހަކައިގައި އޮތީ ކޮން ބުރަދަނެއް ހެއްޔެވެ؟ ދުވަސް ފަށަން ﷲ ތަޢާލާ އަންގަވާފައިވަނީ ފަތިސްނަމާދުންނެވެ. ފަތިސް ނަމާދުން ދުވަސްފަށާމީހަކަށް ރައްކައުތެރިކަން ދެއްވަވާނެ ކަމަށް އޮތް ބަސްފުޅަށް ވިސްނައިލި ނަމަވެސް ފަތިސްނަމާދުކުރުމުގެ މުހިންމުކަން އެނގިގެންދާނެއެވެ. 

ހަމަ އެއާއިއެކު ރިޒުޤް ތަނަވަސްވުމާއި ކުރަން އުޅޭ ކަންކަމުގައި ބަރަކާތް ލެއްވެވުން ފަދަ އެތައް ކަމެއް ވަނީ ފަތިސްނަމާދާއި ގުޅިފައެވެ. ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރާ އަޅުންނަށް ރަހްމަތް އިތުރުކުރައްވަވާނެކަން އެއީ ޝައްކުކުރަންޖެހެންވީ ކަމެއް ނޫނެވެ. އެއްވެސް މުސްލިމަކު ޝައްކުކުރާނެ ކަމެއްވެސް ނޫނެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ހަމައެކަނި ތިމާ ބޭނުންވާ ކަންކަން ޙާޞިލުކުރުމަށްޓަކައި ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދޭ މީހަކަށް ނުވާށެވެ. ތިމާ ބޭނުންވާ ކަންކަމުގެ ކުރިއަށް ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުން ނެރެ އެކަން ތިމާގެ ޢަމަލުތަކުން ދައްކާށެވެ. ކޮންމެ ގޮތަކުންނަމަވެސް ފަރުޟު 5 ނަމާދު އަދާކުރާ މީހަކަށްވާށެވެ! ދުވަހުގެ އެންމެ މުހިންމު ކަމަކީ ފަތިސްނަމާދުން ދުވަސްފެށުންކަމަށް ހަދާށެވެ. 

އެއިރުން ތިބާގެ ބޭނުންތައް ދާނީ ފުދެމުންނެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން