ބިރުވެތިވާށެވެ! ދީނުގައި އޮތް މަގުން ބޭރުން ތިމާގެ ހިތްހަމަޖެހުމަށާ ފައިދާއަށް ކައިވެނި ރޫޅައިލުމުން އެކުރެވެނީ ފާފައެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 14ސ
ބިރުވެތިވާށެވެ! ދީނުގައި އޮތް މަގުން ބޭރުން ތިމާގެ ހިތްހަމަޖެހުމަށާ ފައިދާއަށް ކައިވެނި ރޫޅައިލުމުން އެކުރެވެނީ ފާފައެކެވެ!

މީސްތަކުން އިސްލާމްދީނުގެ ކަންކަމަށް ފަރުވާކުޑަކުރަމުންގޮސް ފާފަތައްވެސް އޮޅުވާލައިފިއެވެ. ބައެއް ފާފަތަކަކީ ފާފަތައް ނޫން ކަމަށްވެސް ދެކެން ފަށައިފިއެވެ. އެގޮތުން އެންމެ ގިނަ ބައަކު އޮޅުވާލާފައިވާ އެއްކަމަކީ ކައިވެނި ރޫޅައިލުމެވެ.  

އިސްލާމް ދީނުގައި ވަރިކުރުން ހުއްދައެވެ. އަދި ވަރިވުންވެސް ހުއްދައެވެ. ނަމަވެސް ސަބަބުތަކަކާއިއެކުގައެވެ. އެއީ ތިމާ ހިތަށް އަރާހައި އިރަށް ކުރަން އޮތް ކަމެއް ނޫނެވެ. އެކަމުގެ ވަރަށް ގިނަ ހެކިތައް ސުންނަތުން ފެންނަން އެބަހުއްޓެވެ.  

މިޘާލަކަށް ފިރިމީހާ އަނިޔާކުރާތީ ޝަކުވާކުރަން ދިއަ ޞަޙާބީ ބޭކަނބަލަކަށް އެންގެވީ ވަރިވާކަށް ނޫނެވެ. އަދި ކައިވެނި ރޫޅައިލެއްވެވީއެއްވެސް ނޫނެވެ. ޙަދީޘްފުޅު ކުރެއްވެވީ އަނިޔާ ނުކުރަން ފިރިމީހާ ގާތުގައި ވިދާޅުވުމަށެވެ.  

އަނިޔާވެރި ފިރިއަކާއިއެކު ދިރިއުޅެން ބޭނުން ނުވެގެން ވަރިވުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ދަސްކުރަން އޮތް ފިލާވަޅަކީ ވަރިއާއި ހަމައަށް ދިއުން އޮތީ މަރުޙަލާތަކަކަށްފަހުގައިކަމެވެ. އެކުގައި ދިރިއުޅެވޭނެ އެއްވެސް ގޮތެއް ނެތިއްޖެނަމަ ކަމެވެ.  

ވަރިކުރިނަމަވެސް ވަރިވިނަމަވެސް އެކަން ކުރަންއޮތީ ރިވެތި ގޮތުގައެވެ. އެއީ އަނެކާއަށް އަނިޔާއަކަށް ނުވާނެ ގޮތަށެވެ. ކޮށީގައި އޮތް ބަކައްޓެއްދެކެ ރުޅި އައުމުން ކޮށިހުޅުވައި ބަކަރިނެރެ މަގުމައްޗަށް ދޫކޮށްލާ އުޞޫލުން ކަންކަން ކުރުމެއް ނެތެވެ. ވަރިކުރިނަމަވެސް ޢިއްދައިގެ މުއްދަތެއް އޮންނަނީވެސް މިފަދަ ސަބަބުތަކަށްޓަކައެވެ. ޢިއްދައިގެ މުއްދަތުގައި އެހީތެރިވެދީ ބަލަހައްތަންޖެހެނީވެސް އެހެންވެގެންނެވެ.  

އެއިގެ އިތުރުން ވިސްނައިލާށެވެ. އެކަކަށް ރަނގަޅު ގޮތެއް މެދުވެރިވުމުން އަނެކާގެ ހިތުގައި ޖެހޭ ގޮތަށް ކައިވެނިރޫޅައިލުމަކީ އަނެކާއަށް ދެވޭނެ އެންމެ ބޮޑު އަނިޔާއެކެވެ. އެއީ ވަޅިއަކުން ޒަޚަމްކޮށްލުމަށްވުރެ ވެސް މާބޮޑު އަނިޔާއެކެވެ.  

މިބުނަނީ ރީތި، ތަނަވަސް މީހަކު ލިބުމުން އަނބިމީހާ ވަރިކޮށްލާ ވާހަކައެވެ. އަދި އަނބިން ވަރިވެގެންދާ ވާހަކައެވެ. އެޙާލަތުގައި އަނިޔާ ލިބުނު މީހާގެ ހިތް އޮންނާނީ އަލިފާނުން ދަރުއަނދާފަދައިން އަނދައަނދައެވެ. ޚާއްޞަކޮށް ދަރިންލިބުމުން ވަރިކޮށްލެވޭ އަނބިންނަށް އަޅާ ވޭން ގަދަވާނެއެވެ.

ލޮބުވެތިއަޚުންނާއި އުޚުތުންނޭވެ. ދީނުގައި ކަނޑައެޅިގެންވާ އުޞޫލުން ބޭރުން ކައިވެނި ރޫޅާލައި އަނެކާއަށް ދެރަދިނުމަކީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ގޮތެއް ނޫނެވެ. އެކަން އެނގެނީ ހުއްދަ ކުރެއްވެވި ކަންކަމުގ ތެރެއިން އެންމެ ރުހިވޮޑިނުގަންނަވާ ކަމަކީ ވަރިކަމަށް އޮތުމުންނެވެ. ނަމަވެސް މިއަދު މިކަންކަމަށް ވިސްނައިލަނީ މަދުމީހެކެވެ.  

ދެދުނިޔޭގައިވެސް ކާމިޔާބު ލިބުން އޮތީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެ މަގުން ޢަމަލުތައްކޮށްގެންނެވެ. ވީމާ އަހަރެމެން ކުރާ ކޮންމެ ޢަމަލެއްވެސް ކުރަންވާނީ ދީނުގައި އޮތްމަގުންނެވެ. އެމީހަކަށް އެންމެ ފައިދާބޮޑުވާނެ ގޮތަކަށް ނޫނެވެ. ތިމާއަށް އެންމެ ފައިދާ ބޮޑުވާނެ ގޮތް ކަމަށް ދެކެގެން ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެ ގޮތަށް ކަންކަން ކުރާނަމަ އެމީހަކަށް ދުނިޔޭގައި ކޮންމެވެސް ވަރެއްގެ ކާމިޔާބީއެއް ލިބުނަސް ޤިޔާމަތް ދުވަހުން ޖަވާބުދާރީވާން ނުޖެހިއެއް ނުދާނެއެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން