ލޯބިވެރިޔާ ހިތުގަ ނުޖައްސަންވެގެން މައިންބަފައިންގެ ހިތުގަ ޖައްސާފަ ލޯބިވެރިޔާއާ ތިއަ ކައިވެނިކުރަނީ ލޯބިވެރިޔާ ތިބާދެކެ ލޯބިވާނީ ކޮން މުއްދަތަކަށްކަން ޔަޤީންވާތީހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 17ސ
ލޯބިވެރިޔާ ހިތުގަ ނުޖައްސަންވެގެން މައިންބަފައިންގެ ހިތުގަ ޖައްސާފަ ލޯބިވެރިޔާއާ ތިއަ ކައިވެނިކުރަނީ ލޯބިވެރިޔާ ތިބާދެކެ ލޯބިވާނީ ކޮން މުއްދަތަކަށްކަން ޔަޤީންވާތީހެއްޔެވެ؟

މައިންބަފައިންގެ ނުރުހުމުގައިވެސް ކައިވެނިކުރަން ބޭނުންވާންޖެހޭނެ ޙާލަތެއްވެސް އަތުވެދާނެއެވެ. ނަމަވެސް އެއީ އަނެކާ ތިބާދެކެ ލޯބިވުން ކަމަށް ހަދައިގެން ކައިވެނިކުރުމކީ ވަރަށް ބޮޑު މައްސަލައެކެވެ. މިހެން ބުނުމުން ބައެއް މީހުން ޚާއްޞަކޮށް ބައެއް ޒުވާނުން ރުޅިވެސް އަތުވެދާނެއެވެ. 

އެހެންކަމުން މިހެން މިބުނާ އެންމެބޮޑު ސަބަބުވެސް ބުނެލާނަމެވެ. އެ ސަބަބަކީ ލޯބި ކަމަށް ބަލައިފިނަމަ އަހުރެންގެ ކުރިމަތީގައި އެއީ ވަރަށް ބޮޑު މައްސަލައެކެވެ. ސަބަބަކީ ލޯބީގައި ބުރަދަންހުންނަވަރު ބޮޑު އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި އޮންނާތީއެވެ. 

މިޘާލަކަށް ބުނާނަމަ ކައިވެނިކުރެވެންދެން ވަރަށް ބޮޑަށް ލޯބިވާ މީހުން މަދެއް ނޫނެވެ. އަދި ދަރިން ލިބެންދެން ލޯބިވާމީހުންވެސް މަދެއް ނޫނެވެ. އަދި ތިބާގެ ޒުވާންކަމުގެ ރީތިކަން މޫނުން ފިލަންދެން ލޯބިވާ މީހުންވެސް މަދެއް ނޫނެވެ. ބަލިވަންދެން ލޯބިވާ މީހުންވެސް މަދެއްނޫނެވެ. އަދި ކީއްހެއްޔެވެ؟ ތިބާއަށްވުރެ ރީތި އެހެން މީހަކު ފެންނަންދެން ވަރަށް ބޮޑަށް ލޯބިވާ މީހުން ވަރަށް ގިނައެވެ. 

އެކަންކަން އެނގިތިބެވެސް އޭނާ ތިމާދެކެ ލޯބިވާތީ އޭނާގެ ހިތުގައި ނުޖައްސުވަންވެގެން މައިންބަފައިންނާއި ދެކޮޅަށްވެސް ކައިވެނިކުރަންބޭނުންވަނީއެވެ. ގިނަ ފަހަރަށް މިވާގޮތަކީ ސޯޝަލް މީޑިއާގައި ނުވަތަ ދެމީހުން ބައްދަލުވެގެން ދެކެވިފައި ހުންނަ ލޯބީގެ ވާހަކަތަކުގެ ގިރިޓީކަން މާގަދަވަނީއެވެ. ލޯބިވެރިޔާވެފައިވާ ވަޢުދުތަކުގައި މާބޮޑު ބުރަދަނެއް ހުންނަކަމަށް  ޔަޤީންކުރެވެނީއެވެ. 

އަހުރެން ދެކޭ ގޮތުގައި ތިމާއަށް ދަރިއެއްގެ ލޯބިދީ އަޅައިލާ، ކުޅަދާނަކަން ހުރިމިންވަރަކުން ކަންކަންކޮށްދީގެން ތަޤްވާވެރިކަންމަތީގައި ބޮޑުކުރާ ދަރިއަކު ހަމައެކަނި އަނެކަކު ތިމާދެކެ ލޯބިވާތީ މައިންބަފައިންނާއި ދެކޮޅަށް ކައިވެނިކުރުމަކީ ގެއްލުންހުރިކަމަކަށްވުން ގާތެވެ. އެހެން މިބުނަނީ އޭނާ ތިބާ ދެކެ ވަރަށް ބޮޑަށް ލޯބިވާ މުއްދަތަކީ ކުރިން މިބަޔާންކުރި ފަދަ މުއްދަތަކަށްވެގެން އެލޯބިވުން ހުއްޓޭ ދުވަހު ތިބާ ވަރިކޮށްފައި އެއްލައިލީމާ ރޮމުން އަންނަން ޖެހެނީ ހަމަ އެމައިންބަފައިންގެ ގާތަށް ކަމުގައިވާތީއެވެ. 

ހަމަ އެއާއިއެކު އެއް ކަމެއް ފާހަގަކޮށްލާނަމެވެ. ކުރިން މިބަޔާންކުރިފަދަ ދަރިންނަށް ލިބެންޖެހޭ ޙައްޤުތައް ނުލިބި ބޮޑެތިވާ ދަރިން ޢަމަލުކުރަންވީ ގޮތް ތަފާތުވާނެއެވެ. އެކަމަކު އެޙާލަތުގައިވެސް މިބުނި ކަންކަމަށް ވިސްނަންވާނެއެވެ. ސަބަބަކީ އޭނާ ތިބާ ދެކެ ލޯބިވާނެ މުއްދަތު ނުއެނގޭތީއެވެ. ވެފައިވާ ވަޢުދުތަކަށް ޢަމަލުކުރާނެ މިންވަރު ނުއެނގޭނެތީއެވެ. 

ޒުވާންކަމުގެ މަސްތުގައި ލޯބީގެ އަވާގައި ޖެހިގެން ކައިވެނިކުރާއިރު މިބުނި ކަންކަމަށް ނުބަލައިފިނަމަ ލޯބިވެރިޔާގެ ލޯބި ގެއްލުމުގެ އިތުރުން މައިންބަފައިންގެ ލޯބި ގެއްލިއްޖެނަމަ ދެން ކުރަންޖެހޭނެ ހިތާމަ އެތައް ގުނައަކަށް ބޮޑުވެގެން ހިގައިދާނެކަމަށް ވިސްނަންވާނެއެވެ. 

ނިންމާލަމުންވެސް ބުނާނީ ލޯބިވެރިޔާގެ ލޯބި ހޯދަން މައިންބަފައިންގެ ލޯބި ނަގައިނުލާށެވެ. ވާހަކަދައްކާށެވެ. މަޝްވަރާކުރާށެވެ. ހެކިދައްކާށެވެ. އިން ޝާ ﷲ މައިންބަފައިންގެ ރުހުން ލިބޭނެއެވެ.

- އަލަފްގެ ވިސްނުމުން

މިއަދު އޮންލައިން