އިބިލީހަށް ޢިޖާބަނުދީ އެއްވެސް ބުރަކަމެއް ނެތި މުޅި ހުކުރު ދުވަސް އަޅުކަމުގަ ހޭދަކޮށްލެވޭނެ ވަރަށް ފަސޭހަ މަގު މިއޮތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
އިބިލީހަށް ޢިޖާބަނުދީ އެއްވެސް ބުރަކަމެއް ނެތި މުޅި ހުކުރު ދުވަސް އަޅުކަމުގަ ހޭދަކޮށްލެވޭނެ ވަރަށް ފަސޭހަ މަގު މިއޮތީ!

ޢާންމުގޮތެއްގައި ހުކުރު ދުވަހުގެ ވަޤުތުތައް މިބަހައިލެވެނީ ދެބައަކަށެވެ. އެއީ ﷲ ތަޢާލާއަށް އަޅުކަންކުރުމަށާއި އެހެން ކަންކަން ކުރުމަށެވެ. މުޅި ހުކުރު ދުވަސް އަޅުކަމުގައި ހޭދަކުރަން ބޭނުންމީހާއަށް އެކަން ކުރުމަކީ ވަރަށް ފަސޭހައިން ކުރެވެން އޮތް ކަމެކެވެ. 

ފުރަތަމަ ކަމަކަށް އަޅުކަންކުރުމުގައި ޢާންމުކޮށް ހޭދަކުރާ ވަޤުތު ހަމަ އެކަމަށް ހޭދަކުރާނީއެވެ. (ފަތިސް ނަމާދުކުރުމާ ފަތިސްނަމާދަށްފަހު ޛިކުރުކުރުމާ ކަހްފިސޫރަތް ކިޔެވުމާއި ހުކުރަށް ދިއުމާއި މިހެންގޮސް ހުކުރު ދުވަހު ކުރާ އަޅުކަމުގައެވެ.) 

ދެން އޮތީ "އެހެން ކަންތައްތައް" ކުރަން ހުކުރު ދުވަހު ހޭދަކުރާ ވަޤުތެވެ. އެހެން ކަންކަމުގެ ގޮތުގައި ހުކުރުދުވަހު ކުރާ ކަންކަމަކީ 1 އަނބިމީހާއަށް އެހީތެރިވެދީ ގޭތެރޭގެ މަސައްކަތްކުރުން 2 އަނބިދަރިންނާއިއެކު ވަޤުތުހޭދަކުރުން، 3 މައިންބަފައިންނަށާއި ޢާއިލާގެ މީހުންނަށް ޒިޔާރަތްކޮށް ޙާލުބަލައި އެހީތެރިވުން ކަމުގައި ހަދައިފިނަމަ މުޅި ހުކުރު ދުވަސް ހޭދަކުރެވިގެންދާނީ އަޅުކަމުގައެވެ. 

އެގޮތަށް ހުކުރު ދުވަސް ހޭދަކުރެވޭނީ އެކުވެރިންގެ ކޯލްތައް ނުނަގައި ކޮފީއަށް ލިބޭ ދަޢުވަތުތައް ދޫކޮށްލާފައި ހުރެގެންނެވެ. އެހެން ޢިބާރާތަކުން ބުނާނަމަ އިބިލީހުގެ މަޅީގައި ނުޖެހި ހުރެވިގެންނެވެ. މިބުނި މަގުން ދުވަސް ހޭދަކުރެވޭނީ އިބިލީހަށް ނޫނެކޭ ބުނެވިގެންނެވެ. އިބިލީހަށް ނޫނެކޭ ބުނެވޭނީ އިބިލީހުގެ ފަރާތުން އަންނަ ދައުވަތުތަކަށް ނޫނެކޭ ބުނެވިގެންނެވެ. 

ހުކުރު ދުވަހަކީ ހަފްތާގެ އެންމެ މާތް ދުވަހެވެ. ދުވަހުގެ ކޮންމެ ހިނދުކޮޅަކީ ވެސް މަތިވެގެންވާ ވަގުތުކޮޅެކެވެ. އެވަގުތުތަކުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފަން ގަދައަޅައި މަސައްކަތްކުރާށެވެ! 

ހަމައެއާއިއެކު ހުކުރު ދުވަހު ތިމާގެ ކިބައިގައިވާ ޢާއިލީ ޒިންމާތައް އަދާކުރުމަކީވެސް އަޅުކަން ކަމުގައި ދެކޭށެވެ. ޙަދީޘްފުޅުގައިވާ ފަދައިން ޢާއިލާއަށް އެންމެ ހެޔޮ މީހާކަމުގައިވެ އެންމެ ހެޔޮކަންބޮޑު މުސްލިމުންގެރޭގައިވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ. އެއިރުން ތިބާގެ ދިރިއުޅުމުގައި ބަރަކާތް ލައްވަވާނެތެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން