ހުކުރު ދުވަހުގެ މަތިވެރިކަން ބަޔާންކޮށް މެސެޖާ ފޮޓޯ ފޮނުވާ މީހުންގެ ތެރޭގަ ނަރަކައިގަ ގޮހޮރު ނެރެގެން އުޑިއެއްހެން އެނބުރެން ޖެހިދާނެ މީހުން ގިނަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 24ސ
ހުކުރު ދުވަހުގެ މަތިވެރިކަން ބަޔާންކޮށް މެސެޖާ ފޮޓޯ ފޮނުވާ މީހުންގެ ތެރޭގަ ނަރަކައިގަ ގޮހޮރު ނެރެގެން އުޑިއެއްހެން އެނބުރެން ޖެހިދާނެ މީހުން ގިނަ!

ހުކުރު ވިލޭރޭ ފަތިސްވުމާއިއެކު ހުކުރު ދުވަހުގެ މާތްކަމާއި މަތިވެރިކަމުގެ މެސެޖުތައް ލިބެން ފަށައެވެ. ކުރަންވީ ކަންކަންވެސް އަންގައިދޭ މެސެޖުތަކެވެ. އެހެނަސް އެ މެސެޖު ފޮނުވާ މީހުންގެ ތެރެއިން މަދުމީހަކު ނޫނީ ފަތިސްނަމާދުގެ ޖަމާޢަތަކުން ނުފެނެއެވެ.  

ދެން ބުނެލަން އޮތީ ފަތިސްނަމާދު ނުކޮށްހުރެ ކުރެވޭނެ ހުކުރެއް އޮންނާނެ ގޮތެއް އަހުރެންނަށް ނުއެނގޭކަމެވެ. އެހެނީ އެދުވަހަށް ހުކުރު ދުވަސްކީ ނަމަވެސް ހުކުރު ދުވަހުވެސް ދުވަސް ފެށެނީ ފަތިސްނަމާދުން ކަމުގައިވާތީއެވެ.  

ދެން ބުނެލަން އޮތީ ފަތިސް ނަމާދުނުކޮށްހުރެ ހުކުރަށް ދެވުނު ނަމަވެސް ފުރަތަމަކަމަކަށް ފަތިސްނަމާދުގެ 2 ރަކްޢަތް ޤަމާކުރާށެވެ. އެންމެ ރަނގަޅު ގޮތަކީ އިހުސުންނަތުގެ 2 ރަކްޢަތްވެސް ޤަޞާކުރުމެވެ. ކަހްފި ސޫރަތް ކިޔެވުމާއި އެހެން އަޅުކަން ކުރުމުން ވެސް ފައިދާކުރާނީ ފަރުޟް ނަމާދުތައް ކުރުމުން ކަމުގައިވާތީއެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިހާރަކަށް އައިސް ގިނަ ބައަކު އަވަދިނެތި އުޅެނީ ހުކުރު ދުވަހުގެ މާތްކަން އެހެން މީހުންނަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ކިޔައިދޭށެވެ. އެއީ އިތުރު ޘަވާބު ހޯދަން ކުރަން ހަމަ ވަރަށް ރަނގަޅު ކަމެކެވެ.  އެހެން މީހުންނަށް ކަންކަން ހަނދާންކޮށްދިނުމަކީ ވަރަށް މަތިވެރި އަޅުކަމަކަށްވާތީއެވެ. އިސްލާމް ދީން މަތިވެރިކުރަން ކުރެވޭ މަސައްކަތަކަށްވާތީއެވެ.  

ހިތާމައަކީ ތިމާ ހެޔޮ އަމަލުކުރާ މިންވަރު މަދުކަމެވެ. ކުރަންވީ ކަންކަން އެހެން މީހުންނަށް ބުނެދިން ނަމަވެސް ތިމާއަށް ނުކުރެވޭ ކަމެވެ. ރަނގަޅު ވާހަކައެކެވެ. އެހެން މީހުންނަށް ނަޞޭހަތްތެރިވުމަކީވެސް ކުރަން އޮތް ވަރަށް ރަނގަޅު ކަމެކެވެ. އެހެންކަމާއިއެކުވެސް ތިމާ ދޭ ނަޞޭހަތަށް ތިމާ އަމަލު ނުކުރާނަމަ ދެން އެވީ ކިހިނެއް ހެއްޔެވެ؟  

އެހެން މީހުންނަށް ޤާނޫނު ކިޔައިދޭއިރު ތިމާ އަމަލު ނުކުރާނަމަ އަބަދުވެސް ތިމާ ހުންނާނީ ފޭލްވެ ކުށްވެރިވެފައި ނޫން ހެއްޔެވެ؟ އަބަދުވެސް ހުންނަން ޖެހޭނީ ކުށްވެރިވެ އަދަބެއްގައި ނޫން ހެއްޔެވެ؟ އެއިރުން އެވީ ކިހިނެއް ހެއްޔެވެ؟ އެހެން ވިއަ ނުދޭށެވެ. އެހެން މީހުންނަށް ނަޞޭޙަތްދޭއިރު ތިމާ އަކީ ޙައްޤަށް އަމަލުކުރާ މީހަކަށްވާށެވެ!  

ހުކުރު ދުވަހު ކުރަން އޮތް އެންމެ މުހިންމު އަޅުކަމަކީ ޖަމާޢަތުގައި ކުރާ ފަތިސްނަމާދުގައި ބައިވެރިވުމެވެ. އެހެނީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ނަމާދަކީ އެއީއެވެ.  އެއަށްފަހު އޮތީ ވީހައި ކުރިން ހުކުރު ނަމާދަށް ދިއުމެވެ.  

ކޮންމެހެންވެސް ކަހްފި ސޫރަތް ކިޔަވަންވާނެއެވެ. ރަސޫލް () އަށް ޞަލަވާތް ކިޔެވުން ގިނަކުރަންވާނެއެވެ. އަދި ތިމާ އެދޭކަންކަން ހިންމަވައި ދެއްވެވުން އެދި ދުޢާކުރުންވެސް ގިނަކުރަންވާނެއެވެ.

މިކަންކަން ކުރަން އެހެން މީހުންނަށް ހަނދާންކޮށްދޭ ފަދައިން ތިމާވެސް ކުރާށެވެ! ކުރާ ހެޔޮ ޢަމަލުގެ ނަތީޖާ ފެންނާނީ އެއިރުންނެވެ. ހެޔޮ އަމަލުކުރަން މީހުންނަށް ބުނެދިނުމަށްފަހު ޢަމަލުނުކުރާ މީހުންނަށް ހުރި ޢަޛާބަށް ބިރުވެތިވާށެވެ! އެމީހުންނަކީ އެމީހުންގެ ގޮހޮރު ބޭރަށް ނެރެގެން ނަރަކައިގައި އުޑިއެއް ފަދައިން އެނބުރި ތިބެންޖެހޭނެ ބައެއްކަން ޙަދީޘުން އެނގެން އެބައޮތެވެ.

- ޝައިޚް އަޙްމަދު ތާރިމް

މިއަދު އޮންލައިން