ﷲ ތަޢާލާއަށް ކިޔަމަންތެރިވާންވީ ކަމަކަށް އެދި ދުޢާކުރަންވުމަކުން ނޫނެވެ! އަޢުރަ ނިވާކުރަންވީ ނަމާދުކުރަންވުމަކުން ނޫނެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ﷲ ތަޢާލާއަށް ކިޔަމަންތެރިވާންވީ ކަމަކަށް އެދި ދުޢާކުރަންވުމަކުން ނޫނެވެ! އަޢުރަ ނިވާކުރަންވީ ނަމާދުކުރަންވުމަކުން ނޫނެވެ!

ކޮންމެވެސް ދަތިކަމެއް ކުރިމަތިވުމުން ނުވަތަ މުޞީބާތެއް ޖެހުމުން ނަމާދުކުރާ މީހުން ގިނަވާކަން އެއީ އެންމެން ދަންނަ ކަމެކެވެ. އެހެން ނޫންނަމަ ފަރުޟު 5 ނަމާދު ކޮންމެ ދުވަހަކުވެސް ކުރަންޖެހޭކަން އެމީހުންނަށް އެނގެ ކަމަކަށް ނުވެއެވެ. 

ދަތި އުނދަގޫ ޙާލަތެއް ކުރިމަތިވުމުން އޮތީ ސުންނަތް ނަމާދުތައް ކުރުން ގިނަކުރުމާއި އަޅުކަންކުރުން ގިނަކުރުމެވެ. ފަރުޟު ފަސް ނަމާދުކުރުމަކީ ކޮންމެ ދުވަހަކުވެސް ކުރަންޖެހޭ ކަމެކެވެ. އޮޅުވާލައިގެން މިއުޅެނީ އެކަމެވެ. 

ހަމައެފަދައިން ބައެއް އަންހެނުން ނަމާދުކުރަންވުމުން އަޢުރަ ނިވާކުރެއެވެ. ދުޢާކުރަންވުމުން އަތް އުފުލައެވެ. އެހެން ވަގުތުތަކުގައި އަޢުރަ ނިވާނުކުރެއެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ކަމަކަށް ބޭނުންވުމުން ނޫނީ އެކަލާނގެ އަމުރުފުޅަށް ކިޔަމަނެއް ނުވެއެވެ. މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. 

އެފަދަ ކަނބަލުން ވިސްނައިލާށެވެ! ހަމައެކަނި ފިރިމީހާގެ ކިބައިން ކަމަކަށް ބޭނުންވުމުން ފިރިމީހާގެ ބަސް ޤަބޫލުކޮށް ކިޔަމަންތެރިވުމުން ތިބާ އެދޭ ކަންކަން ފިރިމީހާ ކޮށްދޭނެހެއްޔެވެ؟ 

ﷲ ތަޢާލާގެ ދީލަތިވަންތަކަން ބޮޑުކަމުން ކާފިރުންގެ ބޭނުންތައްވެސް މިދުނިޔޭގައި ފުއްދަވައި ދެއްވަވައެވެ. ކާފިރުންނަށްވެސް ރަޙުމް ކުރައްވަވައެވެ. ރިޒްޤްވެސް ދެއްވަވައެވެ. ނަމަވެސް އާޚިރަތް ދުވަހު އެމީހުންނަށް ޖެހޭނީ ކޮން ޙާލެއްކަން ކޮންމެ މުސްލިމަކަށްވެސް ރަނގަޅަށް އެނގޭނެއެވެ. 

ވީމާ ކުރިއާލައި އާޚިރަތް ދުވަހަށް ތައްޔާރުވާށެވެ! ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން ގަދައަޅައި މަސައްކަތްކުރާށެވެ! އަޢުރަ ނިވާކުރަންވީ ޙައްޖު ދުވަސް ފަދަ "މާތް" ދުވަހެއް އައުމަކުން ނޫނެވެ. ބާލިޣްވުމުންނެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން