މަރުމަތި އަމާންކުރައްވަވައި ދެއްވެވުން އެދި ކުރަންޖެހޭ ކަންކަން ބައިވަރު! މިފަދަ ދުޢާވެސް ކުރަންވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 28ސ
މަރުމަތި އަމާންކުރައްވަވައި ދެއްވެވުން އެދި ކުރަންޖެހޭ ކަންކަން ބައިވަރު! މިފަދަ ދުޢާވެސް ކުރަންވާނެ!

އަހަރެމެން އެންމެ ގިނައިން ދުޢާކުރަންޖެހޭ އެއްކަމަކީ ރަނގަޅު ނިމުމެއް ދެއްވެވުން އެދިއެވެ. އެކަމުގައި ހިމެނޭ ސަބަބުތައްވެސް ވަރަށް ގިނައެވެ. އެއީ ބަރުޒަޚުިގެ ޢާލަމްގައާއި ޢާޚިރަތް ދުވަހު އެމީހަކާއިމެދު ކަންކަންވެގެންދާނީ އެމީހަކު ނިމިދިއަ ގޮތުގެ މައްޗަށް ކަމުގައިވާތީއެވެ.

ބައެއް މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ "އަހަރެން މިއީ މުސްލިމެއް! އަހަރެންގެ ކަލާނގެއަކީ ﷲ! އަހަރެންގެ ރަސޫލަކީ ރަސޫލް () ކަމަށް" ކިޔަމުން ދުނިޔޭގައި ހިނގާމީހުންނަށް ކައްވަޅުގެ ސުވާލުތަކަށް ޖަވާބުދެވޭނެކަމަށެވެ.

މިސްތަކުންގެ ގާތުގައި އެފަދައިން ކިޔަމުން އިސްލާމް ދީނަށް، ޤުރްއާނަށް، ސުންނަތަށް އަމަލުނުކުރާ މީހާގެ ފާފަ އެތައް ގުނައަކަށް ބޮޑުވުމުގެ ބިރު އެހައިމެ ބޮޑެވެ. އެހެނީ: ޤަބޫލުކުރާނަމަ ލޯބިކުރީހެވެ ލޯބިކުރެވޭނަމަ ޢަމަލުކުރީހެވެ. ވީމާ ދުލުން ކިޔަމުން އަމަލު ނުކުރެވޭނަމަ އެމީހަކު އެބުނަނީ ތެދެއްކަމަކަށް ނުބެލެވޭނެއެވެ.

މަރުމަތީގައި ޝަހާދަތް ކިޔުމަކީ ފަސޭހައިން ކުރެވިދާނެ ކަމެއް ކަމަށް ޤަބޫލު ނުކުރާށެވެ! އަދި މަރުވެ ޤަބުރު ވަޅުލެވުމުން ކައްވަޅުގައި ކުރެވޭ ސުވާލުތަކަށް ޖަވާބު ދިނުމަކީވެސް ފަސޭހަކަމާއިއެކު ކުރެވިދާނެ ކަމެއް ކަމަށް ޤަބޫލުނުކުރާށެވެ!  އެހެނީ ދުލުން ބޭރުވާނީ ހިތުގައި އޮންނަ އެއްޗެކެވެ.

މި ކަންކަމުން އެނގެނީ އެމީހެއްގެ ހިތުގައި ޝަހާދަތް ނެތް ނަމަ ދުނިޔޭގައި އުޅޭއިރު ޝަހާދަތުގެ ދެކަލިމަ ކިޔައިލެވޭހައި ފަސޭހައިން މަރުމަތީގައި ކިޔައި ނުލެވޭނެކަމެވެ. ދެން ބަލައިލަންވީ ހިތުގައި ޝަހާދަތް އޮތުމުގެ މާނައަށެވެ.

މީހަކު ޝަހާދަތް ދަސްކޮށްފައިވާނަމަ އެމީހެއްގެ ހިތުގައި ޝަހާދަތް އޮންނާނެއެވެ. ނަމަވެސް މިތަނުގައި މާނަކުރައްވާފައި އެވަނީ އެމީހެއްގެ ހިތުގައި ޝަހާދަތަށް ލޯބި އޮތުމަށެވެ. ޝަހާދަތަށް ލޯބި އޮތުމަކީ އެމީހަކު ދުނިޔޭގައި އުޅޭ އިރު ޝަހާދަތަށް އަމަލުކުރުމެވެ. ޝަހާދަތަށް އަމަލުކުރުމަކީ ﷲ ތަޢާލާގެ އެންގެވުންތަކަށް ފުރިހަމަ ގޮތުގައި އަމަލުކުރުމާއިއެކު ރަސޫލް ()ގެ ސުންނަތަށް އަމަލުކުރުމެވެ. ﷲ ތަޢާލާ އަށާއި ރަސޫލް ()އަށް ލޯބިކުރުމަކީވެސް ހަމަ އެއީއެވެ. 

މަރުމަތި އަމާންކޮށްދެއްވެވުން އެދި ދުޢާކުރުމަކީވެސް މުހިންމު ކަމެކެވެ. 

للَّهُمَّ أَعِنِّي عَلَى غَمَرَاتِ الْمَوْتُ وَسَكَرَاتِ الْمَوْتِ

 

"O Allah, at this (time) of severity of death help me". (Tirmidhi)

އެމީހެއްގެ މަރުމަތީގައި، އެމީހެއްގެ އެންމެ ފަހުބަހަކަށް ޝަހާދަތް ކީއްޖެ ނަމަ ކޮންމެވެސް ދުވަހަކުން އެމީހަކަށް ސުވަރުގެ ދެއްވަވާނެ ކަމުގެ އުންމީދު އެބައޮތެވެ. އެހެންކަމުން މަރުމަތީގައި ޝަހާދަތް ކިޔަން ގަދައަޅައި މަސައްކަތްކުރަންވާނެއެވެ. އެވަގުތު ކައިރީގައި ތިބި ބައަކުވެސް އެކަން ކުރުވޭތޯ މަސައްކަތް ވެސް ކުރަންވާނެއެވެ. ދުނިޔޭގައި ދުވަސްތައް ހޭދަކުރާއިރު ގަދައަޅައި މަސައްކަތް ކުރަންވީ މަރުމަތި އަމާންކޮށް ދެއްވަވައިތޯއެވެ! ފަސޭހައިން މަރު ގެންދަވާ މީހަކު ކަމުގައި ލައްވަވައި ދެއްވަވާތޯއެވެ! އެންމެ ފަހު ބަހަކަށް ޝަހާދަތް ދުލުން ކިޔޭ މީހަކު ކަމުގައި ލައްވަވައި ދެއްވަވާތޯއެވެ!

– އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

 

 

މިއަދު އޮންލައިން