ﷲ ދެއްވަވާ ނިޢްމަތްތައް ހޯދަން ބޭނުންވެގެން ﷲ ޙަރާމް ކުރެއްވެވި ކަންކަން ކުރީމާ އަމިއްލައަށް ތިއަ ފުންމާލަނީ ނަރަކައަށް ނޫންތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
ﷲ ދެއްވަވާ ނިޢްމަތްތައް ހޯދަން ބޭނުންވެގެން ﷲ ޙަރާމް ކުރެއްވެވި ކަންކަން ކުރީމާ އަމިއްލައަށް ތިއަ ފުންމާލަނީ ނަރަކައަށް ނޫންތަ؟

އެހެންމީހުންގެ ކުރިމަތީގައި ކެރޭ މީހަކަށްވާން ﷲ ތަޢާލާ ޙަރާމް ކުރެއްވެވި ކަންކަން ކުރަން ފެށި އެތައް ބައެއްގެ ނިމުން އެމީހުންނާއި ބައްދަލުކޮށްފައިވަނީ ވަރަށް ހިތިގޮތަކަށެވެ. އެންމެ ހިތާމަވެރި ގޮތަށެވެ. އެއިގެ ތެރޭގައި ބަނގުރާ ބޯންފެށި މީހުންނާއި ޑްރަގް ބޭނުންކުރަންފެށި މީހުންނާއި ޒިނޭކުރަންފެށި މީހުންނާއި ޖުވާކުޅެން ފެށި މީހުން ފަދައިން އެތައް ބައިވަރު ފާފަތައް ކުރަންފެށި މީހުން ހިމެނެއެވެ.

އަދިކީއްހެއްޔެވެ؟ ޢުމުރު ދުވަހު ރީތިކަންމަތީގައި ދެމިހުރުމުގެ ބޭނުމުގައި އޫރުގެ ބާވަތްތައް ބޭނުންކޮށްގެން އުފައްދާ އިންޖެޝަން ޖަހައި ބޭސްވެސް ބޭނުންކުރަނީއެވެ.

މިހާރަކަށް އައިސް ތިމާއަކީ ރީތި މީހަކަށްވުމަށްޓަކައި، ޒުވާންކަމުގައި ދެމިހުރުމަށް އަދި ސްމާޓް މީހަކަށްވުމަށް ކޮންމެ ކަމެއް ކުރަންވެސް ފަސްޖެހޭ މީހުން މިދަނީ މަދުވަމުންނެވެ. ކެރޭ "ގަޓްހުރި" މީހެއްކަން ދައްކަން، ދަރަޖަ މަތިވެރިކުރުމުގެ ދަހިވެތިކަމުގައި ކުރަން ފަސްޖެހޭ ކަމެއްވެސް އޮންނަ ކަމަކަށް ނުވެއެވެ.

އެކަމަކީ ﷲ ތަޢާލާ ޙަރާމްކުރެއްވެވި ކަމެއްކަމއިމެދުވެސް ވިސްނައެއް ނުލައެވެ. ކުރިން މިބަޔާންކުރި ކަންކަން ޙާޞިލުކުރުމުގެ ބޭނުމުގައި ކުރަންޖެހިލުންވާ އެއްވެސް ކަމެއް އޮންނަ ކަމަކަށް ނުވެއެވެ. އަޢުރަ ނިވާނުވާ ހެދުންލުމާއި ފާހިޝް ޢަމަލުތައް ކުރަންވެސް ޖެހިލުމެއް ނުވެއެވެ.

މިބުނި ކަންކަމަށް ހިތްވަރުދޭ މީހުން އެދެނީ ސީދާ އިބިލީސް އާދަމްގެފާނަށާއި ހައްވާގެފާނަށް ދިން ނަޞޭޙަތެވެ! އިބިލީސްވެސް އާދަމްގެފާނުގެ ދެކަނބަލުންނަށް ދެންނެވީ ތިމަން މިދެނީ ހެޔޮ ނަޞޭޙަތްކަމަށެވެ. އަދި އެކަމަށް އިބިލީސް ﷲ ތަޢާލާ ގަންދީ ހުވާވެސް ކުރިއެވެ.

މީސްތަކުންނޭވެ! ފުރިހަމަ ޞިއްހަތާއި ތަނަވަސްކަމާއި މަތީ މަޤާމުވެސް ދެއްވަވަނީ ﷲ ތަޢާލާއެވެ. އަދި ރީތިކަން ވެސް ދެއްވަވަނީ ހަމަ ﷲ ތައާލާއެވެ. ވީމާ އެއްވެސް ނިޢްމަތެއް ލިބިގަތުމުގެ ދަހިވެތިކަމުގައި ﷲ ތައާލާ ރުހިވޮޑި ނުގަންނަވާ އެއްވެސް ޢަމަލެއް ނުކުރާށެވެ! ދީނުގައި ޙަރާމްކުރައްވަވާފައިވާ ކިތަންމެ ކުޑަ ކަމެއް ނަމަވެސް ނުކުރާށެވެ! ދީނުގައި އެކަމެއް މަނާވެގެންވާނަމަ ކަމުގެ ކުޑަބޮޑުމިން ބަލަން މިންނާޅާށެވެ! އަވަހަށް އެކަމަކާއި ދުރުހެލިވެގަންނާށެވެ!

"ރީތި، ލޫޅާފަތި މީހަކަށްވުމަށް، ޒުވާންކަމުގައި ދެމިހުރުމަށް އަދި ސްމާޓް މީހަކަށްވުމަށް، ކެރޭ "ގަޓްހުރި" މީހެއްކަން ދައްކަން، ދަރަޖަ މަތިވެރިކުރުމުގެ ދަހިވެތިކަމުގައި" ކުރާ ކަންކަމުގެ ސަބަބުން މީހާ އަމިއްލައަށް ނަރަކައަށް ވެއްޓިނގަންނާށެވެ! ތިއަ އުންމީދުކުރާ ދުނިޔޭގެ ހުރިހާ އުފާތަކަކަށްވުރެ ނަރަކައިގެ އަލިފާނުގެ ދިލަ ގައިގައި ބީހިލުމުގެ ވޭންވެސް މާބޮޑުވާނެއެވެ! ބިރުވެތިވާންވީ ނަރަކައިގެ އަލިފާނަށެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން