ފާފަކުރެވުނަސް މާޔޫސްވާން ނުޖެހޭ މީހަކަށްވާށެވެ! އެއިރުން ހުރިހާ ކަންބޮޑުވުންތަކެއް ފިލާނެއެވެ! އިން ޝާ ﷲ: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
ފާފަކުރެވުނަސް މާޔޫސްވާން ނުޖެހޭ މީހަކަށްވާށެވެ! އެއިރުން ހުރިހާ ކަންބޮޑުވުންތަކެއް ފިލާނެއެވެ! އިން ޝާ ﷲ: މުފްތީ މެންކް

ތައުބާވުމަށްފަހުގައިވެސް ފާފަކުރެވުމަކީ އެކަން ހިނގަމުންދާނެ ގޮތެވެ. ވިސްނައި ޔަޤީންކުރާށެވެ. ކޮންމެ މީހެއްގެ ތައުބާވެސް ﷲ ތަޢާލާ ޤަބޫލުފުޅުކުރައްވަވަނީ އެއްވެސް ޙާލެއްގައި އެއިގެ ފަހުން އޭނާ ފާފައެއް ނުކުރާނެތީއެއް ނޫނެވެ. 

އެހެނީ ތައުބާވީނަމަވެސް އެއްވެސް ފާފައެއް ނުކޮށް ހުރެވުމަކީ ވަރަށް ނާދިރުކަމެކެވެ. އެހެންވެ ﷲ ތަޢާލާ އެކަން ލައްވަވާފައިވަނީ ތައުބާވުމަށްފަހު ފާފަކުރެވުމުން އެކަން މައްސަލައަކަށް ނުވާނެގޮތަށެވެ. އެކަން މައްސަލައަކަށްވާނީ ފާފަކުރެވުމުން އަލުން ތައުބާ ނުވިނަމައެވެ. 

ޝައިޠޯނާވާކަމާއި މީސްތަކުން މަގުފުރައްދަން ޝައިޠޯނާ މަސައްކަތްކުރާނެކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ޝައިޠޯނާގެ މަޅީގައި މީސްތަކުން ޖައްސުވާނެކަންވެސް ދެނެވޮޑިގެންވެއެވެ. އެންމެހައި އާދަމްގެދަރިން ލައްވައި ފާފަކުރުވާނެކަމަށް ޝައިޠޯނާ ބުނުމުން ފާފަކޮށްފައި ތައުބާވުމުން އެމީހާގެ ފާފަ ފުއްސަވައި ދެއްވަވާނެ ކަމަށް ﷲ ތަޢާލާ ވަޙީޚުރެއްވެވީ އެހެންވެގެންނެވެ. 

މިކަންކަމަށް ބަލައިފިނަމަ މީސްތަކުންނަށް ހެދޭ އެންމެ ބޮޑު ގޯހަކީ ފާފަކުރެވުމެއް ނޫނެވެ. ފާފަކުރެވުމުން ތައުބާ ނުވުމެވެ. "ކަލޭ ތިއަ ފާފަކުރަނީ މާގިނައިންނޭ، ދެން ކަލޭގެ ފާފަ ފުއްސަވައެއް ނުދެއްވަވާނެއޭ" ބުނެ ޝައިތޯނާ ޖަހާ ދަންތުރައިގައި ޖެހެވޭ ކަމެވެ. 

ތަފާތު ޢިބާރާތްތަކުން މިވާހަކަ ގިނަގިނައިން ދައްކަން މިޖެހެނީ މިވަރަށް ކިޔައިދޭއިރުވެސް ކޮންމެ ދުވަހަކުހެން ގިނަ ބައަކު ﷲ ތަޢާލާގެ ރަޙްމަތާއިމެދު މާޔޫސްވެގެން އީމޭލްތައް ފޮނުވާތީއެވެ. ފާފަފުއްސަވައިދެއްވަވާނެ ކަމާއިމެދު ޝައްކުކޮށް މެސެޖްތައް ކުރާތީއެވެ. 

މީސްތަކުންނޭވެ! ކޮންމެ މީހަކަށްވެސް ފާފަކުރެވޭނެއެވެ. މިވާހަކަ ދައްކާ މީހާއަށްވެސް ފާފަކުރެވޭނެއެވެ. އަނެއްކާވެސް ހަމަ ތަކުރާރުކޮށްފައި މިބުނަނީއެވެ. ކަންބޮޑުވާންވީ ފާފައެއް ކުރެވިގެނެއް ނޫނެވެ. ތައުބާ ނުވެވޭނަމައެވެ. އަދި ވިއްދައިގެން ހެޔޮ ޢަމަލެއް ނުކުރެވޭނަމައެވެ. ފާފައެއް ކުރެވިއްޖެކަން ވިސްނޭއިރަށް ތައުބާވެ ވިއްދައިގެން ހެޔޮ ޢަމަލެއް ކުރެވޭ މީހަކަށް މާޔޫސްވާކަށް ނުޖެހޭނެއެވެ. އިން ޝާ ﷲ 

- މުފްތީ މެންކުގެ ދަރުސަކުން 

މިއަދު އޮންލައިން