ރީތި އަންހެން ކުދިންތަކެއް ގެނެސް ކުރިމަތީގަ އަތުރާލުމުން ޝައިޠޯނާގެ ބޮލުގަ ކޮޅުފައިން ޖަހާ ﷲ އަށް ބިރުވެތިވި ޒުވާނަކަށް ލެއްވެވި ރަޙްމަތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 12ސ
ރީތި އަންހެން ކުދިންތަކެއް ގެނެސް ކުރިމަތީގަ އަތުރާލުމުން ޝައިޠޯނާގެ ބޮލުގަ ކޮޅުފައިން ޖަހާ ﷲ އަށް ބިރުވެތިވި ޒުވާނަކަށް ލެއްވެވި ރަޙްމަތުގެ ވާހަކަ-

ވަރަށް ގިނައިން ދަރުސްތަކުން އަޑުއިވެއެވެ. "ރަސޫލް ގެ ޒަމާނުގައި ފަދައިން މިޒަމާނުގައި ވެސް އަޅުތަކުންނަށް ކަންކަން މިންވަރުކުރައްވަވައެވެ. މިސާލަކަށް ދުނިޔޭގައިވެސް ނުބައިކަމެއް ކުރީމާ ވަޤުތުން ޢަޛާބުލިބި، އަދި ﷲ އަށް ބިރުވެތިވީމާ ވަޤުތުން ރަޙްމަތް ލައްވަވައެވެ. މިވެނި އެވެނި ކަންކަން ދެއްވަވައެވެ. 

އަޅުގަނޑުގެ ސުވާލަކީ އެފަދަ ކަންކަން ހަމަ މިޒަމާނުގައިވެސް އެބަ ހިނގައިތޯ؟" 

ކިޔުންތެރިޔާ ތިއަކުރެއްވި ފަދަ ސުވާލުތައް ވަރަށް ގިނައިން ލިބެއެވެ. ލިބޭކަން އެއީ އެއްވެސް މައްސަލައެއް ނޫނެވެ. ﷲ ތަޢާލާ އާއި އަދި އިސްލާމް ދީނާއިމެދު ޝައްކުތައް އުފައްދުވަން މިހައިގިނައިން މަސައްކަތްކުރެވެމުން އަންނަ ދުވަސްވަރެއްގައި ކަންބޮޑުވާންޖެހޭނީވެސް ތިއަ ފަދަ ސުވާލުތައް ނުކުރެވޭނަމަ ނޫންތޯއެވެ؟ ސުވާލުތައް ލިބޭކަން އަންގައިދެނީ މައްސަލައަށް ވިސްނާ މީހުން ގިނަވަމުން އަންނަކަމެވެ. އެކަމަށްޓަކައި އުފާކުރަމެވެ. 

ތިރީގައި އެވާ ލިޔުމަކީވެސް ޝައިޚަކު ހަމަ ތިއަފަދަ ޢިބްރަތްތެރި ޙާދިސާއެއްގެ ވާހަކަ ބަޔާންކުރައްވައި ދެއްވާފައިވާ ދަރުސެކެވެ. ވިދާޅުވުމުން ވަރަށް ގިނަ ކަންކަން އެނގިވަޑައިގަންނަވާނެއެވެ. 

މިރޭގެ ދަރުސް މިފަށަނީ ވަރަށް ޢިބްރަތްތެރި ވާހަކަކޮޅަކުންނެވެ. އެއީ ހަމަ އެންމެ ޒުވާން އުމުރުގެ ޒުވާނެކެވެ. ޢުމުރަކީ އެންމެ 32 އަހަރެވެ. ފާހިޝް ޢަމަލުތައް ކުރުމުގައި މުޅިދުނިޔެއަށް މަޝްހޫރު ބެންކޮކަށް އޭނާ މަސައްކަތްކުރާ ކުންފުނީގެ މާކެޓިންގ އެގެޒެކަޓިވެއްގެ މަޤާމުގައި ހުރެ ކުރި ދަތުރެއްގެ ވާހަކައެވެ. 

ދުވަހުގެ މަސައްކަތް ނިންމާފައި ހޮޓަލަށް ގޮސް ޒުވާނާ އޮތީ އޭނާގެ އާދައިގެމަތިން ނިދާށެވެ! ހޭލެވުނީ އެ ޤައުމުގެ އާދައިގެމަތިން ރޭގަނޑު ދަންވަރު ކޮޓަރީ ދޮރުގައި ޓަކިޖަހާއަޑަށެވެ. ދޮރުހުޅުވިއިރު ދޮރުމަތީގައި ތިބީ  ރީތި ޒުވާން އަންހެން ކުދިންތަކެކެކެވެ. ދޮރުހުޅުވައިލުމާއިއެކު ކޮޓަރިއަށް ވަދެ އިތުރަށް ބަރަހަނާކަން ދެއްކިއެވެ. ތަފާތު ހުށަހެޅުންތައް ހުށަހެޅިއެވެ. 

ޒުވާނާ ބުނީ އޭނާއަކީވެސް ޒުވާނަކަށްވުމުން އެކުދިން ތިބި ގޮތް ފެނުމުންނާއި ދެއްކި ވާހަކަތަކުން ވަރަށް ގިނަ އުނދަގޫތައް ލިބުނު ކަމަށެވެ.އޭނާގެ ހަށިގަނޑުގެ ގުނަވަންތައް އެކުދިންނަށް އެދި ރޮއި އާދޭސްކުރި ކަމަށެވެ. ނަމަވެސް އެކަން ކޮށްފިނަމަ މަރުވުމުން ޤިޔާމަތާއި ހަމައަށް އޮންނަން ޖެހޭނީ އަލިފާނުގެ ދުމަށްޓެއްގައި އަނދައި އަނދައި ކަމާއި ނަރަކައިގައި އޮންނަން ޖެހޭނީ މެއާއި ގުނަވަނުގައި ޗޭނު ޖެހި، އެލުވިގެން ނަރަކައިގެ ހޫނު ގަދަ އަލިފާނުން އަނދައަނދައިކަން ހިތަށްވަނުމުން ގަތް ބިރު ބޮޑުކަމުން ގައިން ހީބިހި ނެގި ކަމަށެވެ. 

ޒުވާނާ ބުނީ އެހެންކަމުން އެކުދިންގެ އެއްވެސް ހުށަހެޅުމެއް ޤަބޫލު ނުކުރުމުން ކޮޓަރީގެ ތަޅުންގަނޑުމަތިން ނަމަވެސް ހަމައެކަނި ހެނދުނު ވަންދެން ނިދައިލާނެ ތަންކޮޅަކަށް އެދުނު ކަމަށާއި ނަމަވެސް އެކަން ވެސް ޤަބޫލުނުކޮށް އެންމެފަހުން  އެކުދިން ނިދާނެ ކޮޓަރިއެއް ކުއްޔަށް ހިފައިދިނީ ކަމަށެވެ. އެއީ އެކުދިންގެ ކިބައިން ސަލާމަތްވެވޭނެ އެހެން ގޮތެއް އެވަގުތު ނުވިސްނުނީމައި ކަމަށެވެ! 

އެކަމުގެ ނަތީޖާ ޒުވާނާއަށް ފެނުނު ގޮތް އެނގޭ ހެއްޔެވެ؟ ކުރިން ބުނިފަދައިން ޒުވާނާ އެދަތުރު ބެންކޮކަށް ދިއައީ ކުންފުނީގެ މާކެޓިންގ އެގެޒެކަޓިވެއްގެ ގޮތުގައެވެ. އެނބުރި ދިއަތާ ދާދިމަދު ދުވަސްކޮޅެއްގެތެރޭގައި މަޤާމުގެ ގޮތުން 3 ހަރުފަތް ގިރާކުރެވި މާރކެޓިންގ ޑިރެކްޓަރެއްގެ މަޤާމަށް ދެވުނެވެ. 

މިފަދަ ކަންކަން ހިނގަމުން މިދަނީ ހަމަ މިޒަމާނުގައެވެ. މިހިރީ ހަމަ މިޒަމާނުގައިވެސް ލޮލަށް ފެންނަމުންދާ ކަންތައްތަކެވެ. ޢިބްރަތް ޙާޞިލުކުރަންޖެހޭ ކަންކަމެވެ. އާޚިރަތް ލިބުންވަނީ މިފަދަ ކަންކަމަށް ވިސްނައި ޢިބްރަތް ޙާޞިލުކުރިވަރަކުންނެވެ. 

ޙަޤީޤަތުގައި ޒުވާނާ ސާބިތުކޮށްދިނީ އޭނާގެ ކެތްތެރިކަމެވެ. ﷲ ތަޢާލާއަށް އޭނާ ބިރުވެތިވާ މިންވަރެވެ! އޭނާއަށް ލިބުނު ބޮޑު ކުރިއެރުމުގެ ހުރިހާ ވެސް ސަބަބަކީ އެކަންކަމެވެ. މިއަދުގެ ޒުވާނުން ވސްނާށެވެ! ޒުވާންކަން އަބަދަކު ދެމިނުހުންނާނެއެވެ. ދާދިއަވަހަށް ޒުވާންކަން ގެއްލިގެން ހިނގައިދާނެއެވެ. އަދި ކޮންމެ ވަގުތަކު މަރުވެސްވެދާނެއެވެ. މިފަދަ ޒުވާނުންގެ ވާހަކަތަކުން ޢިބްރަތް ޙާޞިލުކުރާށެވެ! ޤިޔާމަތްދުވަހު ޒުވާން އުމުރު ހޭދަކުރި ގޮތާއިމެދު ކުރައްވަވާ ސުވާލަށް ޖަވާބުދެވޭނީ އެއިރުންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

މިއަދު އޮންލައިން