ކޮންމެ ކަމެއްގަވެސް ﷲ ތަޢާލާ އިން ފުދޭކަމަށް ބުނާ މީހާ އަބަދުވެސް ހުންނާނީ އެންމެ އުފަލުގަ! ﷲ ތަޢަލާ އެމީހަކު ދޫކޮށެއް ނުލައްވަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 26ސ
ކޮންމެ ކަމެއްގަވެސް ﷲ ތަޢާލާ އިން ފުދޭކަމަށް ބުނާ މީހާ އަބަދުވެސް ހުންނާނީ އެންމެ އުފަލުގަ! ﷲ ތަޢަލާ އެމީހަކު ދޫކޮށެއް ނުލައްވަވާނެ! އިން ޝާ ﷲ

حَسْبِيَ اللَّهُ ގެ މާނަ ވަނީ ގިނަ ބައަކަށް އޮޅިފައެވެ. ބައެއް މީހުންނަށް ހީވެފައި އޮންނަނީ ހަމައެކަނި ދުޢާއެއް ކަމަށެވެ. އެއީ ދުޢާއެއްވެސްމެއެވެ. އެއިގެ އިތުރުންވެސް އެކަލިމައިގައި ވަރަށް ގިނަ ކަންތައްތަކެއް ހިމެނިގެންވެއެވެ.

އެހެނީ حَسْبِيَ اللَّهُ ބުނުމުން އެއީ އެމީހެއްގެ ހުރިހާ ކަމެއް ﷲ ތަޢާލާއާއި ޙަވާލުކުރުމެވެ. ވަކީލްކުރުމެވެ. ވީމާ މިގޮތަށް ވިސްނާށެވެ! 

ކުޑަކުއްޖަކު ކަމުގައިވާނަމަ އޭނާގެ ހުރިހާ ކަންކަން ބަލަހައްޓަނީ މައިންބަފައިންނެވެ. އެއީ މައިންބަފައިންގެ މައްޗަށް އޮތް ވަރަށް ބޮޑު ވާޖިބެކެވެ. އަދި މައިންބަފައިން ދަރިފުޅުގެ ހުރިހާ ކަންކަން ބަލަހައްޓާނީވެސް ވަރަށް އުފަލުން ތިބެއެވެ. 

ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި ވަކީލުކޮށް حَسْبِيَ اللَّهُ ކިޔައި ތިމާއަށް ﷲ ތަޢާލާ އިން ހުރިހާ ކަމެއް ނުވަތަ ތިމާގެ ހުރިހާ ކަމަކަށް ﷲ ތަޢާލާ ފުދޭކަމަށް ޤަބޫލުކުރާ މީހާ އެހުންނަނީ އޭނާގެ ބެލެނިވެރިކަން އެންމެ ފުރިހަމަ ގޮތުގައި ﷲ ތަޢާލާ އާއި ޙަވާލުކޮށްގެންނެވެ. ވަކީލްކުރުމުގެ ޙަޤީޤީ މާނައަކީ އެއީއެވެ. 

އެފަދައިން ހުރި އަޅަކު ﷲ ތަޢާލާ ދޫކޮށްލައްވަވާނެކަމަށް ހީކުރަންވެސް ހެޔޮނުވާނެއެވެ. އެމީހަކަށް ކުރިމތިވެފައިވަނީ ކިތަންމެ ބޮޑު ކަމެއްނަމަވެސް އެކަމަކުން އަރައިގަނެވޭނެ މަގެއް ﷲ ތަޢާލާ ދައްކަވާނެތެވެ. އެއީ އެއްވެސް މިންވަރަކަށް ޝައްކުވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ. 

ދެން ފާހަގަކޮށްލަން ޖެހޭނެ ކަމަކީ ބައެއް މީހުން ބުނާ ވާހަކައެކެވެ. "އަހަރެން މިހުންނަނީ ﷲ އަށް ވަކީލްކޮށްގެންނެވެ. އެކަމުގެ އެއްވެސް ނަތީޖާއެއް ނުފެނެއެވެ." 

އެހެންއެކަން މެދުވެރިވާނަމަ ތިމާއަށް ހުރެވޭ ޙާލަތާއިމެދު އަމިއްލައަށް ވިސްނައިލާށެވެ. އެއިރުން ވަރަށް ގިނަ ކަންކަން ވިސްނޭނެއެވެ. "ތިމާ މިހުރީ ﷲ ގެ މަގުގައި" ކަމަށް ބުނެލުމަކުން އަދި ނުފުދޭނެއެވެ. އެކަން ޢަމަލުންވެސް ދައްކަން ޖެހޭނެއެވެ. 

ފަރުޟު ނަމާދުތަކަށް ރައްކައުތެރިވަމުހެއްޔެވެ؟ ފާފަނުކުރަން މަސައްކަތްކުރަމުހެއްޔެވެ؟ ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި ބިރުވެތިވެވޭހެއްޔެވެ؟ ﷲ ތަޢާލާގެ ދީނުގައި ޘާބިތުވާން މަސައްކަތްކުރަމުހެއްޔެވެ؟ މިހެންގޮސް ފުރިހަމަ މުސްލިމެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތައް ތިބާގެ ކިބައިގައި ހަމަހެއްޔެވެ؟ 

އަނެއްކާވެސް ދުނިޔަވީ މިޘާލެއް ބުނެލާނަމެވެ. ވަޒީފާ އަދާކުރުމުގައި ތެދުވެރި ނުވެވި މަޤާމުގެ ކުރިއެރުމަށް އެދެވޭނެ ހެއްޔެވެ؟ 

ހަމައެފަދައިން ނަމާދުނުކޮށް، ޛިކުރުތައް ނުކިޔައި ﷲ ތަޢާލާގެ ޙަޟްރަތުން ރައްކައުތެރިކަމަށް އެދެވޭނެ ހެއްޔެވެ؟ 

ޔަޤިންކަމާއިއެކު ބުނަމެވެ. ﷲ ތަޢާލާއަށް ފިރިހަމަގޮތުގައި އިޚްލާޞްތެރިވެހުރެ ﷲ ތަޢާލާއަށް ވަކީލުކުރާ އަޅަކަށް ކިތަންމެ ބޮޑު މުޞީބާތެއް ޖެހުނު ކަމުގައިވީނަމަވެސް އެކަމަކުން ސަލާމަތްވެވޭނެ މަގެއް ދައްކަވާނެތެވެ. އެމީހަކަށް ބޭނުންވާ ރައްކައުތެރިކަންވެސް ދެއްވަވާނެތެވެ. އެހެންކަމުން އެމީހާ އަބަދުވެސް ހުންނާނީ އެންމެ އުފަލުގައެވެ. އިން ޝާ ﷲ 

- މަޢްލޫމާތު: ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން

 

 

މިއަދު އޮންލައިން