ދުނިޔޭގައިވާ ހުރިހާ ރަންތަކާއި ޖަވާހިރުތަކަށްވުރެ އަގުބޮޑު ޖަވާހިރެއް ލިބެން އޮއްވައި ދޫކޮށްލައިގެން ތިބޭ މީހުންނަކީ ހާދަ މޮޔަ ބައެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 59ސ
ދުނިޔޭގައިވާ ހުރިހާ ރަންތަކާއި ޖަވާހިރުތަކަށްވުރެ އަގުބޮޑު ޖަވާހިރެއް ލިބެން އޮއްވައި ދޫކޮށްލައިގެން ތިބޭ މީހުންނަކީ ހާދަ މޮޔަ ބައެކެވެ!

ތިބާއަކީ މަސްވެރިއެއް ކަމަށްވާނަމަ ކަނޑުގައިވާ ހުރިހާ މަސްބޭނުމަށްވުރެ ފައިދާހުރި ކަމެއް އެބައޮތްކަން އެނގޭ ހެއްޔެވެ؟ ތިބާއަކީ ރަނުގެ ވިޔަފާރިކުރާ މީހެއްނަމަ ދުނިޔޭގައިވާ ހުރިހާ ރަނަށްށްވުރެ ފައިދާހުރި ކަމެއް އެބައޮތްކަން އެނގޭ ހެއްޔެވެ؟ މިހެން ގޮސް ހުރިހާ އެންމެން ކުރާ ހުރިހާ މަސައްކަތަކާއިގުޅުވައިގެންވެސް މިސުވާލުކުރެވިދާނެއެވެ.

މިގޮތުން ކުރެވޭ ސުވާލުގެ ޖަވާބު ހުރިހާ މުސްލިމުންނަށްވެސް ވަރަށް ރަނގަޅަށް އެނގޭނެއެވެ. އެހެނީ ފަތިސްނަމާދުގެ އިހު ސުންނަތުގެ ދެ ރަކްޢަތަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި ދުނިޔެއާއި ދުނިޔޭގައިވާ ހުރިހާއެއްޗަކަށްވުރެ އަގުހުރި އެއްޗެއްކަން ނުއެނގޭ މުސްލިމަކު ނުހުންނާނެއެވެ. 

އަހުރެން ތަކުރާރުކޮށް މިކުރާ ސުވާލަކީ އެކަން އެނގިތިބެ ފަތިސްނަމާދަށް ނުހޭލަނީ ކީއްވެގެން ހެއްޔެވެ؟ ފަތިސްނަމާދުގެ އިހުސުންނަތް ނުކުރަނީ ކީއްވެގެން ހެއްޔެވެ؟ އެހައިގިނަ ޘަވާބާއި ދަރުމަ ލިބެން އޮތް، އެންމެ 3 މިނިޓުންވެސް ކޮށްލެވެން އޮތް އަޅުކަމެއް ނުކުރަނީ ކީއްވެގެންހެއްޔެވެ؟ 

މިއީ ފަތިސްނަމާދަށް ނުހޭލައި ފަތިސްނަމާދުގެ އިހުސުންނަތް ނުކުރާ މީހުން ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަމެކެވެ. ތިމާއަކީ ހަމަ ޙަޤީޤަތުގައިވެސް ދުނިޔެއާއި އާޚިރަތުގެ ކާމިޔާބީއަށް އެދޭނަމަ މިއީ ފުރަތަމަވެސް ވިސްނައިލަންޖެހޭނެ ކަމެކެވެ. 

ތިބާ ކުޅަ ޢަމަލުތަކުގެ ފަތް ތިބާގެ ކުރިމަތީގައި ހުޅުވައިލެވޭނެކަން އެއީ އެންމެންނަށްވެސް ޔަޤީންކަމެކެވެ. ހުޅުވައިލެވޭއިރު ވީހައިގިނަ ހެޔޮ ޢަމަލުތަކުން އެފަތް ފުރިގެންވާތަން ދެކެން ބޭނުންނުވާނީ ކާކުހެއްޔެވެ؟ 

ވިސްނައިލާށެވެ! މުޅި ޢުމުރުގައި އަޅުކަންކޮށްފައި ދިއަނަމަވެސް ތިމާއަށް ކުރެވުނު އަޅުކަން ގިނަވެގެން ޤިޔާމަތް ދުވަހު އުޅޭނެ ހަމައެކަކުވެސް ނުހުންނާނެއެވެ. ހުންނާނެނަމަ ނަބީބޭކަލުންނާއި ރަސޫލް ބޭކަލުންނަށް އެދުވަހުން ބިރުފުޅުން އުޅުއްވަވާކަށް ނުޖެހުނީއެވެ. އެހެނަސް އަހަރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ފިޔަވައި ހުރިހާ ނަބީބޭކަލުންނާއި ރަސޫލްބޭކަލުން އެދުވަހު ތިއްބަވާނީ އިންތިހާއަށް ބިރުފުޅުންނެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި ކިތަންމެ ކުޑަކުޑަ ކަމަކަށް އެދިގެން ނަމަވެސް ދަންނަވާލަން ކެރިވަޑައިނުގަންނަވާނީ އެހެންވެގެންނެވެ.  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ޤިޔާމަތް ދުވަހުގައި ތިމާއަށް ކާމިޔާބު ލިބެން އެދޭމީހަކުނަމަ ފަތިސްނަމާދާއި ފަތިސްނަމާދުގެ އިހު ސުންނަތް ދޫކޮށްނުލާށެވެ! މީޒާނުގައި ތިބާގެ ކޮޅަށް ބުރަކަން ބޮޑުވެގެންދާނީ އެންމެ ބުރަދަންހުރި ޢަމަލުތައް ކޮށްގެންނެވެ. އެންމެ ގިނައިން ޘަވާބު ދެއްވަވާނެ ޢަމަލުތައްކޮށްގެންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން