ރަމަޟާން މަހު އަހަރެމެން ރޯދަހިފަމުއެވެ. މަދުވެގެން 14 ގަޑިއިރު އަދި ބައެއް ޤައުމުތަކުގައި 18، 20 ގަޑިއިރުވެސް އެއްވެސް އެއްޗެއް ނުކައި ނުބޮއި އެބަ ތިބެމުއެވެ. އެއީ ﷲ ތަޢާލާއަށް ކިޔަމްނަތެރިވެ ރޯދަހިފުމަށެވެ.
ހަމަ އެމީހާ ގެއަށް އައިސް ވަންނައިރު ކާން ހަދާފައި ނެތުމުން މުޅި ގޭތެރެ އެބަ ޤިޔާމަތްކޮށްލައެވެ. ދުލުން ނުބައިބަސްތައް ބުނެ، އަދި ބައެއް މީހުން އަންނަ ރުޅީގައި ހަމަ އެމީހާ މަސައްކަތްކޮށްގެން ހޯދާފައިހުރި އަގުބޮޑު ތަކެތިވެސް އެބަ ހަލާކުކުރެއެވެ. އަނބިންނަށް އަނިޔާވެސް ކުރެއެވެ.
އެކަން އެކުރަނީ ރަމަޟާން މަހު ރޯދަ ހިފަން އެންގެވި ﷲ ތަޢާލާ، ކެތްތެރިކަން އިސްކުރުމަށާއި އަނބިންނަށް އޯގާތެރިވެ ހެޔޮކޮށް ހިތަން އަންގަވާފައިވަނިކޮށެވެ. ނިކަން ބުނެބަލާށެވެ. ކުރެވޭ ކަންކަން އެބަ ދެކޮޅުޖެހޭ ހެއްޔެވެ؟
ރަމަޟާން މަހާއި ގުޅުވައިގެން އަދިވެސް ސުވާލެއްކޮށްލާނަމެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދުމަށްޓަކައި 2 ގަޑިއިރު ނުވަތަ 3 ގަޑިއިރު ކޮޅަށް ތިބެގެން ރަމަޟާން މަހު ދަމުނަމާދުކުރަމުއެވެ. ބައެއް މީހުން ހަމައެހައިގިނައިރު ކޮޅަށް ތިބެގެން އިރާކޮޅު ތަރާވީޙް ނަމާދު ކުރުމަށްފަހުގައިވެސް ދަމުނަމާދުކުރެއެވެ.
ވާހަކަދައްކަން މިއުޅެނީ ތަރާވީހް ނަމާދާއި ދަމުނަމާދުކުރާތީ ކަންބޮޑުވާ ވާހަކައެއް ނޫނެވެ. ފާހަގަކުރަން މިއުޅެނީ ރަމަޟާން މަސް ފާއިތުވުމުން ފަތިސް ނަމާދުގެ 2 ރަކްޢަތްކުރަން 5، 10 ވަރަކަށް މިނިޓް ހޭދަނުކުރެވޭ ވާހަކައެވެ، ކަންނެތްވެ ނިދަން އޮންނަ ވާހަކައެވެ.
އަނެއްކާވެސް ސުވާލުކޮށްލަން ބޭނުންވަނީ މިކުރެވޭ ކަންކަން އެބަ ދެކޮޅުޖެހޭ ހެއްޔެވެ؟
މީސްތަކުންނޭވެ! އަހުރެމެންނަށް މިކުރެވޭ ކަންކަމާއި ކަންކަމުގައި ޢަމަލުކުރެވޭ ގޮތުގައި އިޞްލާޙްކުރަންޖެހޭ ކަންތައްތަކެއް އެބަހުރި ނޫންހެއްޔެވެ؟ ހަމައެކަނި ވަކިމަހެއްގައި ނުބައި ނުބޮއި ކެތްތެރިވެފައި އެހެން މަސްތަކުގައި މިފާހަގަކުރި ފަދަ ކުދިކުދި ކަންކަމުގައި ކެތްތެރި ނުވީމާ ތިބާއަކީ ކެތެރިއަކަށްވެވޭނެ ހެއްޔެވެ؟
ހަމައެފަދައިން ރަމަޟާންމަހު ފަރުޟު ނަމާދުތަކުގެ އިތުރުން މިބުނި މަގުން ސުންނަތްވެސް ކޮށްފައި ރަމަޟާންމަސް ދިއުމުން ފަތިސްނަމާދާއި އެހެން ފަރުޟު ނަމާދުތައް ނުކުރީމާ އިސްލާމްކަން ކޮބައިހެއްޔެވެ؟ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރާ މީހަކަށްވެވުން ކޮބައިހެއްޔެވެ؟
ﷲ ތަޢާލާގެ ރުހިވޮޑިގަތުމަށް އެދޭމީހާ މިކަންކަމަށް ވިސްނައިލާށެވެ. އިޞްލާޙްކުރަންޖެހޭ ކަންކަން އިޞްލާޙްވެސް ކޮށްލާށެވެ! ﷲ ތަޢާލާ ރުހިވޮވޮޑިގަންނަވާ އަޅަކަށް ވެވޭނީ އެއިރުންނެވެ.
- މުފްތީ މެންކުގެ ދަރުސަކުން