މާތް ރަސޫލާ ޞޢޥ ގެ ދޮންދަރިކަނބަލުން ޒައިނަބުގެފާނު މުސްލިމް އަނހެނުންނަށް ނަމޫނާ ބޭކަނބަލެއް! މުސްކުޅިފުޅުވުމުންވެސް އެކަމުގެ އަސަރު މޫނުފުޅުން ނުފެނުމާ އެކަމުގެ ސަބަބު-

ކިޔުމަށް ހޭދަވާނީ 4މ 34ސ
މާތް ރަސޫލާ ޞޢޥ ގެ ދޮންދަރިކަނބަލުން ޒައިނަބުގެފާނު މުސްލިމް އަނހެނުންނަށް ނަމޫނާ ބޭކަނބަލެއް! މުސްކުޅިފުޅުވުމުންވެސް އެކަމުގެ އަސަރު މޫނުފުޅުން ނުފެނުމާ އެކަމުގެ ސަބަބު-

ޢަލީ އިޙްޞާން ފިރާޤް

 

ޒައިނަބުގެފާނަކީ މުއުމިނުތަކުންގެ މައިކަނބަލުން އުއްމުސަލަމަތުގެފާނުގެ ދަރިކަނބަލެކެވެ. ބަފައިކަލުންނަކީ އަބޫސަލަމަތުގެފާނެވެ. އަބޫސަލަމަތުގެފާނު އަވަހާރަވުމުން އުއްމުސަލަމަތުގެފާނާ ކާވެނި ބައްލަވައިގެންނެވީ މި އުއްމަތުގެ ނަބިއްޔާ މުޙައްމަދު صلّى اللّـه عليه وسلّم  އެވެ. އެހެންކަމުން ޒައިނަބުގެފާނު އެކަމަނާގެ ތުއްޕުޅުއިރުގެ ދުވަސްތައް ހޭދަކުރެއްވީ ދޮންބައްޕާފު صلّى اللّـه عليه وسلّم  ގެ އޯގާވެރިކަމުގެ ހިޔާވަހިކަމުގެ ދަށުގައެވެ. އެކަމަނާ ބޮޑުފުޅުވީ މާތް ރަސޫލާ صلّى اللّـه عليه وسلّم  ގެ ފުރިހަމަ ބެއްލެވުމާއި އަޅާލެއްވުމުގެ ދަށުންނެވެ. 

ރިވާޔަތްތަކުގައި ބަޔާންވެގެންވާ ގޮތުގައި ޒައިނަބުގެފާނު އުފަންވެވަޑައިގެންނެވީ ޙަބަޝާގައެވެ. އެއީ އުއްމުސަލަމަތުގެފާނާއި އަބޫސަލަމަތުގެފާނު ޙަބަޝާއަށް ހިޖްރައަށް ވަޑައިގެން ތިއްބަވަނިކޮށެވެ. ޒައިނަބުގެފާނުގެ އަސްލު ނަންފުޅަކީ ބައްރާއެވެ. އެކަމަނާއަށް ޒައިނަބު އޭ ވިދާޅުވެ ނަންފުޅު ދެއްވީ ޚުދު މާތް ރަސޫލާ صلّى اللّـه عليه وسلّم އެވެ. 

އެއްފަހަރަކު މާތް ރަސޫލާ صلّى اللّـه عليه وسلّم  އެކަލޭގެފާނުގެ ކާފަ ދެދަރިކަލުންކަމުގައިވާ ޙަސަންގެފާނާއި ޙުސައިންގެފާނު އެކަލޭގެފާނުގެ ގާތަށް ގެންނެވިއެވެ. އަދި ދަރިކަނބަލުން ފާޠިމަތުގެފާނުވެސް އެކަލޭގެފާނުގެ އަރިހަށް ގެންނެވުމަށްފަހު ޙަދީޘް ކުރެއްވިއެވެ. [އޭ އަހަރެންގެ އަހުލުބައިތުންނޭވެ. ތިޔަބައިމީހުންނަށް ރަޙްމަތާއި ބަރަކާތްލައްވާށިއެވެ.] މިތަން ދެކެވަޑައިގެން އުއްމުސަލަމަތުގެފާނު ކީރިތި ކުރައްވަން ފެއްޓެވިއެވެ. އެހިނދު މާތް ރަސޫލާ صلّى اللّـه عليه وسلّم  ޙަދީޘް ކުރެއްވިއެވެ. [ކަމަނާ ކީރިތި ކުރައްވަނީ ކީއްވެގެންތޯއެވެ؟] އެކަމަނާ ވިދާޅުވިއެވެ. [ކަލޭގެފާނު ޙަސަންގެފާނާއި ޙުސައިންގެފާނާއި ފާޠިމަތުގެފާނަށް ކަލޭގެފާނުގެ އަހްލުބައިތުންގެ ޝަރަފުދެއްވައިފީމުއެވެ. ނަމަވެސް އަޅުގަނޑާއި އަޅުގަނޑުގެ އަންހެންދަރިފުޅަށް އެ މާތްކަމެއް ނުދެއްވީމުއެވެ.] މާތް ރަސޫލާ صلّى اللّـه عليه وسلّم  ޙަދީޘް ކުރެއްވިއެވެ. [ކަމަނާއާއި ކަމަނާގެ އަންހެންދަރިކަނބަލުންވަނީ ތިމަންކަލޭގެފާނުގެ އަހުލުބައިތުންގެ ތެރެއިންނެވެ.]

{އިބްނު ޢަސާކިރު، ތާރީޚް ދިމިޝްޤް، ވޮލިޔުމް 3، ޞަފްޙާ 209} 

މާތް ރަސޫލާ صلّى اللّـه عليه وسلّم ، އުއްމުސަލަމަތުގެފާނުގެ ގެކޮޅުގައި ހުންނަވާ ދުވަސްދުވަހު އެކަލޭގެފާނު ވުޟޫ ކުރައްވާތަނަށް ތުއްޕުޅު ޒައިނަބުގެފާނު ވަޑައިގަންނަވައެވެ. ބައެއް ފަހަރު ސަމާސާފުޅު ކުރެއްވުމުގެ ގޮތުން މާތް ރަސޫލާ صلّى اللّـه عليه وسلّم  އެކަމަނާގެ މޫނުފުޅަށް ފެންފޮދު ވިއްސަވައިލައްވައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެކަމަނާ ނުހަނު މުސްކުޅުފުޅުވީއިރުވެސް މޫނުފުޅުމަތިން ޒުވާންކަމުގެ އަސަރުތައް ފާޅުވޭވެ ހުރެއެވެ. އެއްގޮތަކަށްވެސް މުސްކުޅިފުޅުކަމުގެ އަސަރެއް މޫނުފުޅު މައްޗަކު ނުހުރެއެވެ. 

ސީރަތުގެ ޢިލްމުވެރިން ބަޔާން ކުރައްވާ ގޮތުގައި ޒައިނަބުގެފާނަކީ އެކަމަނާގެ މަންމާފުޅު އުއްމުސަލަމަތުގެފާނު ފަދައިން ވަރަށް ޢިލްމުވެރި، ފިޤުހުވެރި ބޭކަނބަލެކެވެ. މަޝްހޫރު ތާބިޢީ ބޭކަލެއްކަމުގައިވާ އަބޫރާފިޢު ވިދާޅުވެފައިވެއެވެ. [މަދީނާގެ ފިޤުހުވެރި އަންހެނުންގެ ވާހަކަ ދައްކާނަމަ، އަހަރެން، ޒައިނަބު ބިންތި އަބީސަލަމާގެ ނަންފުޅު ޒިކުރު ކުރަމެވެ.]

{އިބްނު ޙަޖަރު، އަލްއިޞާބާ، ވޮލިޔުމް 8، ޞަފްޙާ 160} 

ޒައިނަބުގެފާނު ކާވެނީގެ ގޮތުން ގުޅިވަޑައިގެންނެވީ އެކަމަނާގެ ދެބެއިންގެދެދަރި ބޭކަލެއް ކަމުގައިވާ ޢަބްދުﷲ ބިން ޒަމްޢަތުއާއެވެ. މިކާވެނިފުޅުން ހަ ފިރިހެން ބޭފުޅުންނާއި، ތިން އަންހެން ބޭފުޅުން ލިބިވަޑައިގެންނެވި ކަމަށް އިބްނު ސަޢުދު ބަޔާން ކުރައްވައެވެ. 

ޒައިނަބުގެފާނަކީ ވަރަށް ކެތްތެރި ބޭކަނބަލެކެވެ. މުސްލިމު ކަނބަލުން ނަމޫނާއަށް ބަލަންޖެހޭފަދަ ޝަޚްޞިއްޔަތެކެވެ. ވާޤިޔަތު ޙައްރާ ނުވަތަ ޙައްރާ ހަނގުރާމައިގައި އެކަމަނާގެ ދެފިރިހެން ދަރިކަލުން ޝަހީދުވިއެވެ. އެދެދެރިކަލުންގެ ފުރާނަނެތް ހަށިކޮޅު އެކަމަނާގެ އަރިހަށް ގެނެވުމުން އެކަމަނާ އިންތިހާ ދަރަޖައަށް ކެތްތެރިވެވަޑައިގެން ވިދާޅުވިއެވެ.

إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ ﴿١٥٦﴾

މާނައީ: [ހަމަކަށަވަރުން ތިމަންމެންނީ، اللَّه އަށް މިލްކުވެވޮޑިގެންވާ ބަޔެކެވެ. އަދި ހަމަކަށަވަރުން ތިމަންމެންނީ، އެކަލާނގެ حضرة އަށް އެނބުރިދާނޭ ބަޔެކެވެ.] މިދެންނެވި ހިތާމަވެރި ޙާދިޘާ ހިނގީ ހިޖްރައިން 63 ވަނަ އަހަރުގެ ތެރޭގައި މަދީނާގައެވެ.

{އުސުދުލްޣާބާ، ވޮލިޔުމް 7، ޞަފްޙާ 451} 

މި ޙާދިޘާގެ ބަރާބަރު ދިހަ އަހަރުފަހުން، ހިޖްރައިން 73 ވަނަ އަހަރުގެ ތެރޭގައި ޒައިނަބުގެފާނު އަވަހާރަވެއްޖެއެވެ. އެކަމަނާގެ މައްޗަށް އިމާމުވެވަޑައިގެން ކަށުނަމާދު ކުރެއްވީ މި އުއްމަތުގެ ފިޤުހުވެރިޔާގެ ނަންފުޅުން މަޝްހޫރުވެވަޑައިގެންފައިވާ ޞަޙާބީ ޢަބްދުﷲ ބިން ޢުމަރު ރަޟިޔަﷲ ޢަންހުއެވެ. އެކަމަނާ ފަސްދާނުލެވުނީ މަދީނަތުލް މުނައްވަރާގެ ޖަންނަތުލް ބަޤީޢުގައެވެ.

{އިބްނު ސަޢުދު، ތަބަޤާތު، ވޮލިޔުމް 8، ޞަފްޙާ 337}

މިއަދު އޮންލައިން