މުސްލިމުން އެކަކު އަނެކަކާއި ބައްދަލުވާހިނދު ފުރަތަމަ ކަމެއްގެ ގޮތުންވެސް ނުވަތަ ބައްދަލުވުން ނިންމައިލުމުގެ ކުރިން ތަޤްވާވެރިކަން އިތުރުވާނެ ހެޔޮ ބަހެއް ބުނެލުމަކީ ކުރަން ޙަދީޘްފުޅުން އެނގެން އޮތް ކަމެކެވެ. ޞަޙާބީން އެކަން ކުރެއްވެވިއެވެ.
ތަޤްވާވެރިކަން އެއީ އެންމެ މުހިންމުކަންތައް ކަމުގައިވެގެންދަނީ ތަޤްވާވެރިކަމަކީ އެމީހަކާއި ﷲ ތަޢާލާގެ ޢަޛާބާއިދެމެދު ލެވިގެންދާ ފާރަކަށް ނުވަތަ ހުރަހަކަށްވާތީއެވެ. ތަޤްވާވެރިކަމުގެ މާނައަކީ ﷲ ތަޢާލާ ކުރުމަށް އަހަރެމެންނަށް އަމުރުފުޅު ކުރެއްވެވި އެންމެހައި ކަންކަން ކުރުމާއި ނަހީކުރެއްވެވި އެންމެހައި ކަންކަމުން ދުރުހެލިވެ ހުރުމެވެ.
މިދެކަންތައް ފުރިހަމަނުވާނަމަ އެމީހެއްގެ ކިބައިގައި ތަޤްވާވެރިކަމެއް ނުވެއެވެ. އަޅުކަންކުރަމުން ފާފަކުރުންމަތީގައި ދެމިމިތިބޭ މީހުންނަކީ ތަޤްވާވެރިންކަމުގައި ނުވަނީ އެސަބަބަށްޓަކައެވެ. މުސްލިމްކަމާއި ތަޤްވާވެރިކަމަކީ ދެކަމެކެވެ. ކޮންމެ މުސްލިމަކީ ތަޤްވާވެރިއެއް ނޫނެވެ. ތަޤްވާވެރިއަކަށްވެވޭނީ ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް ބިރުވެތިވެވުމުންނެވެ. ފާފައެއް ކުރެވުނަސް ﷲ ތަޢާލާއަށް ބިރުވެތިވެ ވަޤުތުން ތައުބާވާ މީހަކަށް ވެވިގެންނެވެ.
ވީމާ އަހަރެމެންގެ މުޅި ޙަޔާތް ނުވަތަ ޙަޔާތުގެ ހުރިހާ ކަންކަން ހަދަންޖެހޭނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގަންނަން މަސައްކަތްކުރާ ދުވަސްތަކެއް ކަމުގައެވެ. ކޮންމެ ދުވަހަކީވެސް ތަޤްވާވެރިއަކަށްވާން ނުވަތަ ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރާ ދުވަހަކަށް ހަދާށެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ތިމާއަށް އިތުރުވެގެންދާނެ ދުވަހަކަށް ހަދަން މަސައްކަތްކުރާށެވެ. އެންމެ ހެޔޮ ޢަމަލަކީ އެއީއެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން