މުޅި ދުނިޔެ މައްސަލަތަކުން ފުރިބާރުވެ ތިބާ ފިއްތައިލިނަމަވެސް ތިބާއަށް ސަލާމަތްކަން ލިބެން އޮތް މަގު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 44ސ
މުޅި ދުނިޔެ މައްސަލަތަކުން ފުރިބާރުވެ ތިބާ ފިއްތައިލިނަމަވެސް ތިބާއަށް ސަލާމަތްކަން ލިބެން އޮތް މަގު-

މުޅި ދުނިޔެއަށް ބެލިނަމަވެސް ދުނިޔެ މިވަނީ މައްސަލަތަކުން ފުރިގައެވެ. ދުނިޔޭގައި ދިރިއުޅޭ އެންމެންނަށް ބެލިނަމަވެސް ކޮންމެ މީހަކުވެސް ދިރިއުޅެމުން އަންނަނީ އެތައް ބައިވަރު މައްސަލަތަކަކާއިއެކުގައެވެ. މީސްތަކުން މިވަނީ މައްސަލަތަކުގެ ތެރޭގައި ފިތިބާރުވެފައެވެ. ތާށިވެފައެވެ. ގުޑައިވެސް ނުލެވިފައެވެ.

އެހެނަސް ދީލަތިވަންތަ ﷲ ތަޢާލާ އަހަރެމެންނަށް އަންގަވާފައިވަނީ ތިމަން ﷲ ގެ ޙަޟްރަތަށް އައުމަށެވެ. މިހިސާބުން އުފެދިދާނެ ސުވާލަކީ ﷲ ތަޢާލާގެ ޙަޟްރަތަށް ދިއުމަކީ ކޮބައިތޯއެވެ؟ އެކަންވާނީ މަރުވީމައި ނޫންހެއްޔެވެ؟ 

ނޫނެކެވެ. އެއީ އަދި ރަނގަޅު މާނައެއް ނޫނެވެ! ﷲ ތަޢާލާ އެއަންގަވަނީ ޢަމަލުތައް އިޞްލާޙްކޮށް އެކަލާނގެ މަގަށް އެނބުރި ރުޖޫޢަވުމަށެވެ. ދެން އުފެދޭނެ ސުވާލަކީ އެއީ ކީއްކުރަން ހެއްޔެވެ؟ ސަބަބަކީ ހުރިހާ މައްސަލަތަކެއްގެ ޙައްލުވެސްވަނީ އެކަލާނގެ ޙަޟްރަތުގައި ކަމެވެ. ކޮންމެ ކަމެއްވެސް ޙައްލުކުރެވޭނީ އެކަމަށް ﷲ ތަޢާލާ އިރާދަކުރެއްވެވުމުން ކަމެވެ. 

ބުނަން ބޭނުންވަނީ ކިތަންމެ ގިނަ، ކިތަންމެ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވީނަމަވެސް ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެ މަގުން ޢަމަލުތައްކުރަން ފަށާށެވެ! ހެޔޮ ގޮތްތައް އިރާދަކުރައްވަވާނެތެވެ. ކުރިމަތިވެފައިވާ އެންމެހައި ދަތިތަކުން ސަލާމަތްކޮށްދެއްވަވާނެތެވެ. ނަމަވެސް އަހަރެމެންނަށް މިއަދު ކަންކަން މިކުރެވެނީ ކިހިނަކުންހެއްޔެވެ؟ 

ދަތި އުނދަގޫކަމެއް ކުރިމަތިވެއްޖެނަމަ މިދެވެނީ ﷲ ތަޢާލާ އާއި ދުރަށެވެ. ކުރެވެނީ ނަހީކުރައްވަވާފައިވާ ޢަމަލުތަކެވެ. ބޯހަމަޖައްސައިލުމުގެ ނަމުގައެވެ. ފިކުރުތަކާއި ދުރުހެލިވުމުގެ ބޭނުމުގައެވެ. މާމޮޅު ގޮތެއް ހޯދުމުގެ ވެސް ބޭނުމުގައެވެ. 

ވިސްނާށެވެ! ޤަބޫލުކުރާށެވެ! އެކަން އެހެންނަކުން ނުވާނެއެވެ! ﷲ ތަޢާލާ ނަހީކުރެއްވެވި އެއްވެސް ކަމެއް ކޮށްގެން ބޮލަށް ހަމަޖެހުމެއް ނުލިބޭނެއެވެ. ފިކުރުތަކާއި ދރުހެލިވެސް ނުވެވޭނެއެވެ. މޮޅު ގޮތެއްވެސް ނުހޯދޭނެއެވެ. އެހެނީ އެކަލާނގެއީ މާލިކުލްމުލްކް އެވެ. އެންމެހައި ކަންކަމުގެ އެންމެހައި ބާރުތަކެއް ލިބިވޮޑިގެންވަނީ އެކަލާނގެއަށެވެ. އެކަލާނގެ ރަޙްމަތުން މެނުވީ އެއްވެސް ޙަޤީޤީ ފައިދާއެއް ނުކުރާނެއެވެ. 

ވީމާ ޝައިޠޯނުންގެ ބަސް ޤަބޫލުނުކުރާށެވެ! ﷲ ތަޢާލާ އަހަރެމެންނަށް އަންގަވާފައިވާ ފަދައިން ﷲ ތަޢާލާ އަށް ކިޔަމަންތެރިވެ ވާގިއެދޭށެވެ. މުޅި ދުނިޔެ މައްސަލަތަކުން ފުރިފައިވީނަމަވެސް ތިބާއަށް ސަލާމަތްކަން ދެއްވަވާނެތެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން