އުފަލުގަ ހުންނަން ބޭނުންވާ މީހާގެ ވިސްނުން ބަހައްޓަންވީ މަގު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
އުފަލުގަ ހުންނަން ބޭނުންވާ މީހާގެ ވިސްނުން ބަހައްޓަންވީ މަގު-

އިންސާނުންނަށް އަބަދުވެސް ވިސްނެނީ ތިމާއަށް ނުލިބޭ ނުވަތަ ތިމާއަށް އުނިވާ ނިޢްމަތްތަކާއިމެދުގައެވެ. ޙާޞިލު ނުކުރެވިހުރި ކަންކަމާއިމެދުގައެވެ. އެގޮތަށް ވިސްނާ މީހަކަށް އަބަދުވެސް ހުންނަންޖެހޭނީ ކަންބޮޑުވުމެއްގައެވެ. ނުތަނަވަސްކަމުގައެވެ.

ހިތާމަވެރި ދުވަސްތަކެއް ނުވަތަ އެފަދަ ޙާލަތެއް ކުރިމަތިވެއްޖެ ނަމަ ފުރަތަމަ ކަމަކަށް ކުރަން އޮތް ކަމަކީ ކަންބޮޑުވެ ސިކުނޑިއަށް ބުރަބޮޑުކުރުމެއް ނޫނެވެ. އުފަލުގައި ހޭދަކުރެވުނު ދުވަސްތައްމަތިން ހަނދާންކޮށް ޝުކުރުވެރިވުން ގިނަކުރުމެވެ.

އެއްވެސް މީހެއްގެ ހުރިހާކަމެއް ހުންނާނީ ގޯސްކޮށެއް ނޫނެވެ. ރަނގަޅަށް ހުރި ކަންތައްތަކެއްވެސް ހުންނާނެއެވެ. މިސާލަކަށް މާލީ ގޮތުން އަތްމަތިވެދާނެއެވެ. ޞިއްޙަތު ސަލާމަތުން ހުރިނަމަ އެއީ ހާސް ނިޢްމަތެވެ. ބަލިވި ނަމަވެސް ބޭހާއިއެކު ދިރިއުޅެވޭނަމަ އެވަނީ ހަމަ ބޮޑު ރަޙްމަތުގައެވެ.

ލޮލުގެ ފެނުން ދެރަވެފައިވާއިރު ކަންފަތަށް އަޑު އިވޭނަމަ އެވަނީ ހަމަ ބޮޑު ރަޙްމަތުގައެވެ. ކަނުވެފަ ބީރުވެފައިހުރިނަމަވެސް ދޫހެލޭނަމަ ޛިކުރުކުރެވޭނެއެވެ. ސިކުނޑި ސަލާމަތުން ހުރިނަމަ ﷲ ތަޢާލާ އާއިމެދު ވިސްނޭނެއެވެ. އެއިރުން އެންމެ ބޮޑު، އެންމެ ބޭނުން ކަންކަން ޙާޞިލުވީ ނޫންހެއްޔެވެ؟

ދުނިޔޭގައ ހޭދަކުރަން ލިބިފައިވާ މަދު ދުވަސްކޮޅާއިމެދު މިމޭރުމުން ނުވިސްނާނަމަ އެމީހަކަށް ހިތްހަމަޖެހުމެއް ދުވަހަކުވެސް ނުލިބޭނެއެވެ. ކަންބޮޑުވާންޖެހޭ ކޮންމެވެސް ކަމެއް ކުރިމަތިނުވާ ދުވަހެއް ތިމާ އާއި ބައްދަލުކުރާނެކަމަށް އުންމީދުވެސް ނުކުރާށެވެ!

ދުނިޔެއަކީ މުއުމިނުންގެ ހުރަގެ ކަމަށާއި ކާފިރުންގެ ސުވަރުގެ ކަމަށް އޮތް ބަސްފުޅުކަން އަބަދުވެސް ހިތުގައި ބާއްވާށެވެ! އެއިރުން ހުރިހާ ހާސްކަމެއް ފިލައިގެން ހިނގައިދާނެއެވެ! އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން