އެންމެ ފަހު ވަޞިއްޔަތަކަށް ކުރަން މަސައްކަތްކުރަންވީ ވަޞިއްޔަތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
އެންމެ ފަހު ވަޞިއްޔަތަކަށް ކުރަން މަސައްކަތްކުރަންވީ ވަޞިއްޔަތް-

ދުނިޔޭގެ ކަންކަމަށް ޣާފިލުވެވިފައިވާ މިންވަރު ބޮޑުވުމުން ބަލި އެނދުގައި އޮންނައިރުވެސް އެންމެ ގިނައިން ވަޞިއްޔަތް ކުރެވެނީ މުދަލާއިމެދުގައެވެ. އެއީ މުދަލަށް ދަހިވެތިވެތިވެވިފައިވާ މިންވަރު އަންގައިދޭ ކަމެކެވެ. މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. ތިމާގެ އަތުގައި ފައިސާ އާއި މުދައު ހުރިނަމަ ދުނިޔޭގައި އޮއްވައި ދަރިންނަށް މިންވަރެއްބަހައްޓާފައި ދެންހުރި ބައި ﷲ ގެ މަގުގައި ޞަދަޤާތްކޮށްހުސްކޮށްލަން ނޫނީ މުދަލާއިބެހޭ ގޮތުން ކުރަންއޮތީ ކޮން ވަޞިއްޔަތެއް ހެއްޔެވެ؟

ތިބާއަކީ ތަނަވަސްކަން ލިބިފައިވާ މީހެކެވެ. މިހާރު ތިބާ އޮތީ ބަލި އެނދުގައި މަރުވުމުގެ ޙާލަތުގައެވެ. ތިބާގެ ދަރިން އަދި ކާފަ މުނިކާފަދަރިންނަށް ކުރާނެ ވަޞިއްޔަތަކީ ކޮބައިތޯ ސުވާލުކުރުމުން ބުނަނީ:

"އަތުގައި ހުރި ފައިސާ އާއިބެހޭ މައުލޫމާތު ކިޔައިދީ ތަނަވަސްކަން ޙަވާލުކުރާނަމެވެ. އެކުވެރިވެ އެންމެން ގުޅިގެން އުޅުމަށް ވަޞިއްޔަތްކުރާނަމެވެ. އަދި ޖަނާޒާގެ ކަންކަމާއި ބެހޭ ގޮތުންވެސް ވަޞިއްޔަތްކުރާނަމެވެ."

މައްސަލައެއް ނެތެވެ. މި 2 ކަންތަކަކީވެސް ކުރަން ރަނގަޅު ވަޞިއްޔަތެވެ. ނަމަވެސް ﷲ ތަޢާލާ ކީރިތި ޤުރްއާނުގައި ވަޙީކުރައްވަވާފައިވާ ވަޞިއްޔަތް މުޅިން ތަފާތެވެ.

"އެކަމަށް އިބްރާހީމްގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ވަޞިއްޔަތްކުރެއްވެވިއެވެ. އަދި ޔަޢްޤޫބްގެފާނުވެސްމެއެވެ. އޭ އަހަރެންގެ ދަރިންނޭވެ! ހަމަކަށަވަރުން ﷲ ތިއަބައިމީހުންނަށްޓަކައި ދީން ހޮއްވަވައި ޚިޔާރުކުރައްވަވައިފިއެވެ. ފަހެ (އެކަލާނގެއަށް) ކިޔަމަންވެ ތިބޭ ޙާލުގައި މެނުވީ ތިއަބައިމީހުން މަރުނުވާށެވެ." (އަލބަޤަރާ: 132)

"ނުވަތަ ޔަޢްޤޫބްގެފާނގެ އަރިއަހަށް މަރު އައިސް ޙާޒިރުވިހިނދު ތިއަބައިމީހުން ޙާޒިރުވެ ދެކެން ތިބީމު ހެއްޔެވެ؟ އެހިނދު އެކަލޭގެފާނުގެ ދަރިކަލުންނަށް އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަން މަރުވެދިއުމަށްފަހު ތިއަބައިމީހުން އަޅުކަންކުރާނީ ކޮންފަރާތަކަށް ހެއްޔެވެ؟ އެއުރެން ދެންނެވޫއެވެ. ތިމަންމެން އަޅުކަންކުރާނީ ކަލޭގެފާނުގެ އިލާހަށެވެ. އަދި ކަލޭގެފާނުގެ ކާބަފައިކަލުނަވި އިބްރާހީމްގެފާނާއި، އިސްމާޢީލްގެފާނާއި، އިސްޙާޤްގެފާނުގެ އިލާހަށެވެ. އެއީ، އެއްކައުވަންތަ ކަލާނގެއެވެ. ތިމަންމެން މިތިބީ، އެކަލާނގެއަށް ކިޔަމަންވެ މުސްލިމުން ކަމުގައިވެގެންނެވެ." (އަލބަޤަރާ: 133)

މީސްތަކުންނޭވެ! މަރުމަތީގައި ކުރަންޖެހޭ އެންމެ މުހިންމު ވަޞިއްޔަތަކީ މިއީއެވެ. ﷲ ތަޢާލާ ނޫން ފަރާތަކަށް އަޅުކަން ނުކުރުމަށާއި ފުރިހަމަ ގޮތުގައި އީމާންވެ ވީހައި ގިނަ ހެޔޮ ޢަމަލުތައްކޮށް ސުވަރުގެ ހޯދަން ގަދައަލައި މަސައްކަތްކުރުމަށެވެ. ފާފަ ނުކުރުމަށާއި ނަރަކައިން ސަލާމަތްވުމަށް މަސައްކަތްކުރުމަށެވެ.

މިއަށްވުރެ މުހިންމު ވަޞިއްޔަތެއް ނުވެއެވެ. ކީރިތި ޤުރްއާނުގައި މި ވަޞިއްޔަތް ބާވައިލައްވަވާފައި އެވަނީ މިއަށްވުރެ މުހިންމު ވަޞިއްޔަތެއް ނެތުމުންނެވެ!

--މުފްތީ މެންކްގެ ދަރުސަކުން

މިއަދު އޮންލައިން