ދަތުރުތައްކުރާއިރު ސަމާލުވާތި!: ނަބީ ބޭކަލުންގެ ޤަބުރުފުޅުތަކުގެ ނަމުގަ ދައްކަނީ އަޞްލެއް ނެތް ކަންތައްތަކެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ދަތުރުތައްކުރާއިރު ސަމާލުވާތި!: ނަބީ ބޭކަލުންގެ ޤަބުރުފުޅުތަކުގެ ނަމުގަ ދައްކަނީ އަޞްލެއް ނެތް ކަންތައްތަކެއް!

ނަބީބޭކަލުންގެ ނަންފުޅުގައި ޒިޔާރަތްހަދައި އެތަންތަނުގައި އެބޭކަލުންގެ ޤަބުރުފުޅުތައް ފަސްދާނުލެވިފައިވާކަމަށް ބުނެ ފަތުރާ ވާހަކަތައް ދޮގުކުރައްވައި ސުޢޫދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ ސަމާޙަތުއްޝައިޚް ޢަބްދުލްޢަޒީޒު ބުން ބާޒު رحمه الله ވިދާޅުވެފައިވެއެވެ. 

"މަދީނާގައިވާ ނަބިއްޔާ ގެ ޤަބުރުފުޅާ ފަލަސްޠީނުގެ ޚަލީލު އޭ ކިޔުނު ސަރަޙައްދުގައިވާ އިބްރާހީމުގެފާނުގެ ޤަބުރުފުޅު ފިޔަވާ އެހެން ޤަބުރުފުޅުތައް ވީތަނެއް ކަނޑައެޅިގެން ބުނާކަށް ނޭނގޭނެއެވެ. 

ނަބީބޭކަލުންގެ ޤަބުރުފުޅުތަކެއް އޮމާންގައި ނުވަތަ އެނޫން ޤައުމެއްގައިވެސް ވާކަމުގެ ދަޢުވާ ކުރާ މީހަކު އެދައްކަނީ ތެދުވާހަކައެއް ނޫނެވެ. އެއީ ދޮގެކެވެ. އެގޮތުން ނޫޙުގެފާނާއި ހޫދުގެފާނާއި ޞާލިޙުގެފާނު عليهم السلام އަދި އެނޫން ބޭކަލެއްގެ ޤަބުރުފުޅުވެސް ވީތަނެއް ކަނޑައެޅިގެން ނޭނގެއެވެ. 

އެހެންކަމުން މުޙައްމަދުގެފާނާއި އިބްރާހީމުގެފާނު ފިޔަވާ އެހެން އެއްވެސް ނަބީބޭކަލެއްގެ ޤަބުރުފުޅުވީތަނެއް ނޭނގޭނެއެވެ. މުޙައްމަދު މަދީނާގައި ފަސްދާނުލެވިފައިވާކަމަށް މުސްލިމުންވަނީ އިޖުމާޢުވެފައެވެ. އަދި އެއީ އެންމެންވެސް ރަނގަޅަށް ދަންނަކަމެކެވެ. ހަމައެފަދައިން އިބްރާހީމްގެފާނުގެ ޤަބުރުފުޅުވެސް، އަލްޚަލީލޭ ކިޔުނު ސަރަޙައްދުގައިވާ ހޮހޮޅައިގައި ވާކަމީ އެނގޭކަމެކެވެ. އެދެބޭކަލުން ފިޔަވާ އެހެން ބޭކަލުންގެ ޤަބުރުފުޅުތައް ވީތަނެއް ނޭނގޭކަމަށް ޢިލްމުވެރިންވަނީ ކަނޑައެޅިގެން ވިދާޅުވެފައެވެ." 

ވީމާ ޤައުމުތަކަށް ގޮސްއުޅޭ އުޅުމުގައި ތަންތަނަށް ޒިޔާރަތްކުރާއިއރު މިކަންކަމަށް ސަމާލުކަންދޭންވާނެއެވެ. އެފަދަ ޒިޔާރަތްތަކުގައި ފަސްދާނުލެވިފައިވަނީ އެބުނާ ނަބީބޭކަލެއްކަން ޤަބޫލުކުރުމެއް ނެތެވެ.

މިއަދު އޮންލައިން