ރަޙިމުގެ ގުޅުން ކަނޑާ މީހުން ބިރުވެތިވެ ވިސްނަން ޖެހޭ މުހިންމު ބައެއް ކަންކަން...

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
ރަޙިމުގެ ގުޅުން ކަނޑާ މީހުން ބިރުވެތިވެ ވިސްނަން ޖެހޭ މުހިންމު ބައެއް ކަންކަން...

ކޮންމެ މީހަކުވެސް ވިސްނަންވީ އެމީހެއްގެ މައިންބަފައިންނާއި ރަޙިމުގެ ގުޅުން ބާއްވައި ދަމަހައްޓަންޖެހޭ މީހުން ކަނޑައަޅަނީ އަމިއްލައަށް ނޫންކަމެވެ. އެކަން ކުރައްވަވަނީ ﷲ ތަޢާލާ ކަމެވެ. 

މުޅި ދުނިޔޭގައިވާ އެންމެންނަށް ބެލިނަމަވެސް އެމީހަކު ބޭނުންވި މައިމީހާގެ ބަނޑުން އުފަންވެވުނު މީހަކުވެސް އަދި އެމީހަކީ ތިމަންނާގެ ބައްޕަ ކަމުގައި ވާން ބޭނުންވެގެން ބައްޕަކިޔަން ޖެހުނު ހަމައެކަކުވެސް ނުހުންނާނެއެވެ. އެހެނެއް ނޫނެވެ. މައިންބަފައިންގެ ރަނގަޅުކަމުން އެމީހުންގެ ދަރިންކަމުގައި ވެވުނީތީ އެކަމަށް ފަޚުރުވެރިވާ މީހުން ތިބޭނެއެވެ. އެއީ މުޅިންތަފާތު ދެކަމެކެވެ. 

ކޮންމެއަކަސް ބުނަން ބޭނުންވަނީ ރަޙިމުގެ ގުޅުން ބާއްވައި އެކަން ދަމަހައްޓަންޖެހޭ އެއްވެސް މީހަކާއި އެގުޅުން ހިނދުކޮޅަކަށް ނަމަވެސް ކަނޑައިލުމުގެ ހުއްދަ ލިބިގެންނުވާ ކަމެވެ. ކަނޑާލައިފިނަމަ އެކުރެވެނީ އެކަމެއް ނުކުރަން ﷲ ތަޢާލާ އަމުރުފުޅު ކުރައްވަވާފައިވާ ކަމެކެވެ. 

ރަޙިމުގެ ގުޅުން ބާއްވަންޖެހޭ މީހެއްގެ ޢަމަލުތައް ހުންނަ ގޮތުން އޭނާ އާއި ގާތްގުޅުމެއް ބޭއްވެން ނެތްނަމަ ދުރުހެލިވެވިދާނެއެވެ. ނަމަވެސް އޭނާއަށް ހެޔޮކޮށް ހިތަންވާނެއެވެ. އޭނާއަށް ބޭނުންވާ އަސާސީ ބޭނުންތައް ފުއްދައިދިނުމަށް އެހީތެރިވާންވެސްވާނެއެވެ. މިޘާލަކަށް ފައިސާ ދިނުމުން ﷲ ތަޢާލާ ޙަރާމްކުރެއްވެވި ކަންކަމަށް ޚަރަދުކުރާނަމަ، އިސްރާފްކުރާނަމަ ފައިސާ އަތަށް ނުދޭނީއެވެ. އެއީ އޭނާ އީބްލާޙްކުރުމަށްޓަކައެވެ. 

ބައެއް ޙާލަތްތަކުގައި ދެވޭ ނަޞޭޙަތް ޤަބޫލުނުކުރާތީ އަނގައިން ނުބުނެ އެބަތިބެއެވެ. އެއީ ރަނގަލު ގޮތެއް ނޫނެވެ. އެއިރުން އޭނާއަށް ހެޔޮ ނަޞޭޙަތްދޭނީ ކާކުހެއްޔެވެ؟ އަދި އެއިރުން އޭނާއަކީ ޝައިޠޯނާގެ އަޅަކަށް ހަދަން ޝައިޠޯނާއަށް ފުރުޞަތުވެސް ބޮޑުވެގެންދާނެއެވެ.  

ވިސްނާށެވެ! އެންމެ ދެބެއިން ތިބިނަމަވެސް ޚިޔާލުތަފާތުވެދާނެއެވެ. ޢާއިލާތަކުގައި ގިނަބައަކު ތިބޭނަމަ ޚިޔާލުތަފާތުވާ މީހުން ގިނަވެސްވާނެއެވެ. އެކި ގޮތްގޮތަށް އުޅޭ މީހުންވެސް ތިބޭނެއެވެ. ޢާއިލާގައި އެފަދަ މީހުން ތިބުމަށް މިންވަރުކުރައްވަވަނީ ﷲ ތަޢާލާއެވެ. އެއީ ތިބާ އިމްތިޙާންކުރެއްވެވުމަށް ކަމަށް ދެކޭށެވެ. 

މިއަދު ބައެއް މީހުންނަށް މިކަންކަމެއް ނުވިސްނެއެވެ. އަމިއްލައަމިއްލައަށް ގޮތް ނިންމައި ދާދިކުޑަކުޑަ ކަންކަމާއި ގުޅިގެންވެސް ރަޙިމުގެ ގުޅުން އެބަ ކަނޑައިލައެވެ. އެއްގޮތަކަށްވެސް އެކަން ނުކުރާށެވެ. ނުބައިކޮށް ކަންކަންކުރާ އަޚުންނަށް މާފުކުރާށެވެ. އޭނާގެ ކިބައިން ލިބުނު ގެއްލުމަށް ނުބަލާށެވެ! ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމުން ކުރާނެ ފައިދާ މާބޮޑުވާނެކަން ޔަޤީންކުރާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން