އަހަރެން ބައިވެރިވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޢިލްމުވެރިއަކު ވިދާޅުވިއެވެ. "އަހުރެންވެސް ކޮންމެ ދުވަހަކު ޓިކްޓޮކް ބަލަމެވެ. ކަލޭމެންވެސް ކޮންމެ ދުވަހަކުވެސް ޓިކްޓޮކް ބަލަން ވަޤުތުކޮޅެއް ހޭދަކުރާށެވެ."
އެ ޝައިޚާއި އެކަނި ބައްދަލުވުމުން އަހައިލީމެވެ. "ޓިކްޓޮކުން ބައްލަވަނީ ކޮން އެއްޗެއްތޯ؟" އެވެ. ޖަވާބުގައި ވިދާޅުވިއެވެ. "ދީނީ ވަރަށް ގިނަ މަޢުލޫމާތު ލިބެއެވެ. ދަރުސްދޭންވެސް އެ މަޢުލޫމާތު ބޭނުންކުރަމެވެ."
މިއީ ހަމަ ޙަޤީޤަތެކެވެ. ޓިކްޓޮކްގައިވެސް ސޯޝަލް މީޑިއާގެ އެހެން ވަސީލަތްތަކުގައިވެސް ދީނުގެ ވަރަށް ގިނަ މަޢުލޫމާތުހުރެއެވެ. ކިޔެވިނަމަވެސް އަހަރެމެންގެ ހަނދާނުން ފިލާފައިވާ ބައެއް މުހިންމު ވާހަކަތައްވެސް ހުރެއެވެ. ވީމާ ސޯޝަލް މީޑިއާ ބެލުމާއި ބޭނުންކުރުމަކީ އެއްވެސް މައްސަލައެއް ނޫނެވެ.
މައްސަލައަކަށް މިވަނީ ސޯޝަލް މީޑިއާގައި ހުންނަ އަހުރެމެން މުސްލިމުން ފާފަވެރިވާ، އަހުރެމެންނަށް ގެއްލުން ލިބޭ ވާހަކަތައް ކިޔައި ބަލައިހެދުމުންނެވެ. ވީމާ ސަމާލުކަންދޭންވީ ތިމާ ބަލައި ކިޔާ އެއްޗަކަށެވެ. އެކަމުން ތިމާއަށް ދުނިޔެއާއި އާޚިރަތުގައި ފައިދާކުރާނެ ގޮތަށް ކަންކަން ކުރުމަށެވެ.
- މުފްތީ މެންކުގެ ދަރުސަކުން