ޤުރްއާނުގެ އާޔަތްތަކާ މާނަ ދަސްނުކޮށް ލަވަތައް ދަސްކުރުމަކީ ﷲ ގެ ޙަޟްރަތުގަ ޖަވާބުދާރީވާންޖެހޭނެ ކަމެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 15ސ
ޤުރްއާނުގެ އާޔަތްތަކާ މާނަ ދަސްނުކޮށް ލަވަތައް ދަސްކުރުމަކީ ﷲ ގެ ޙަޟްރަތުގަ ޖަވާބުދާރީވާންޖެހޭނެ ކަމެއް!: މުފްތީ މެންކް

މާޝާﷲ! އެތައްހާސް ބައަކު މިތަނަށް އެއްވެސް މިދަރުސް އަޑުއަހަންތިބިކަމަށްޓަކާ އުފާކުރަމެވެ. އެކަމުން އަންގައިދެނީ ޢަމަލުތައް އިޞްލާޙްކޮށް ތަޤްވާވެރިވާން ބޭނުންވެގެން ތިބި މީހުން ގިނަކަމެވެ. 

ހަމަ އެއާއިއެކުގައި އަހުރެން މިއުޅެނީ ތިއަބައިމީހުންނާއި ސުވާލެއްކުރާށެވެ! ސަމާލުކަންދީގެން އަޑުއަހާށެވެ! ކީރިތި ޤުރްއާނުގައިވާ އެންމެ މަތިވެރިކަންބޮޑު އާޔަތަކީ އާޔަތުލްކުރުސިކަން އެބަ އެނގެއެވެ. ނަމާދުގެ ކޮންމެ ރަކްޢަތެއްގައި އަލްހަމްދުކިޔަންޖެހޭކަންވެސް އެބަ އެނގެއެވެ. ފުރަތަމަ ދެރަކްޢަތުގައި އަލްޙަމްދަށްފަހު ސޫރަތެއް ކިޔަވަންޖެހޭކަން ވެސް އެބައެނގެއެވެ. އަހަރެމެން އެކަންކަން ކުރަމުއެވެ. 

އަހުރެންގެ ސުވާލަކީ: 

ކީރިތި ޤުރްއާނުގައިވާ އެންމެ މަތިވެރިކަންބޮޑު އާޔަތަކީ އާޔަތުލްކުރުސިކަމާއި ކޮންމެ ނަމާދެއްގެ ފަހުގައާއި ނިދުމުގެކުރިންނާއި ހެނދުނާއި ޙަވީރުގެ ޛިކުރުތަކުގެ ތެރޭގައި އެއާޔަތް ކިޔަވަންޖެހޭކަން އެނގޭއިރު އެމަތިވެރިކަންބޮޑުވެގެންވާ އާޔަތުގެ މާނަ އެނގެނީ ކިތައް މީހުންނަށް ހެއްޔެވެ؟ 

ދެން ނަމާދުގެ ކޮންމެ ރަކްޢަތެއްގައި އަލްހަމްދު ކިޔަންޖެހޭކަމާއި ފުރަތަމަ ދެރަކްޢަތުގައި އަލްޙަމްދަށްފަހު ސޫރަތެއް ކިޔަވަންޖެހޭކަންވެސް އެނގޭއިރު އެންމެކުޑަމިނުން އަލްޙަމްދާއި ނަމާދުގައި ކިޔަވާ ކުރުސޫރަތްތަކުގެ މާނަ އެނެގެނީ ކިތައް މީހުންނަށް ހެއްޔެވެ؟ 

މިސުވާލުގެ ޖަވާބަށް އަތްއުފުލަން ބުނެފިނަމަ އަތް އުފުލައިލެވޭނީ މަދު މީހަކަށެވެ. ނަމަވެސް އެންމެ ފަހާއި ކުރީގެ ހިންދީ ލަވަތަކާއި އިނގިރޭސި ލަވަތައް އެނގޭ މީހުންގެ އަތް އުފުލަން ބުނެފިނަމަ ގިނައަކު އުފަލުން ތިބެ ފަޚުރުވެރިކަމާއިއެކު އަތް އުފުލާނެއެވެ. 

މިވީ ކިހިނަކުންހެއްޔެވެ؟ މިހާރުގެ ލަވައެވެ ބުނީމާ އެއިގެ ބަހުރުވަ ނުބައިވެގެންގޮސް ވަލުޖަނަވާރުވެސް ބޭނުން ނުކުރާނެ ބަހުރުވަ އެލަވަތަކުގައި ހުރެއެވެ. އެކަމަކުވެސް މައްސައްލައެއް އޮންނަކަމަކަށް ނުވެއެވެ. 

މިވާހަކަ މިދައްކަނީ ޤިޔާމަތްދުވަހު ﷲ ތަޢާލާގެ ޙަޟްރަތުގައި މިކަންކަމަށް ޖަވާބުދާރީވާންޖެހޭނެތީއެވެ. ތިބާ ދަސްކުރި ލަވަތަކާއި އެފަދަ ތަކެތި ތިބާއަށް ދައްކަވާފައި "ތިމަން ﷲ ގެ އާޔަތްތަކާ އެއިގެ މާނަ ދަސްނުކޮށް މިތަކެތި ދަސްކުރީ ތިމަން ﷲ ބާވައްލެއްވެވި އާޔަތްތަކަށްވުރެ އެއްޗެއްސަށް ލޯބިކުރީތީ ނޫންތޯ؟" ސުވާލުކުރައްވަވައިފިނަމަ ތިބާ ދޭން އޮންނާނީ ކޮން ޖަވާބެއް ހެއްޔެވެ؟ ގަންނަޖެހޭ ލަދު ބޮޑުކަމުން މޫނުގައި އަތް އަޅަން މަސައްކަތްކުރި ނަމަވެސް އެކަމެއްވެސް ނުކުރެވޭނެއެވެ. 

ވީމާ ކޮންމެ މީހަކުވެސް ކީރިތި ޤުރްއާނުގެ އާޔަތްތަކާއި މާނަ ދަސްކުރަން ސަމާލުކަންދޭށެވެ. ކޮންމެ ދުވަހަކުވެސް ކުރު ސޫރަތެއްގެ މާނަ ނަމަވެސް އަދި އެންމެ އާޔަތެއްގެ މާނަ ނަމަވެސް ދަސްކުރަން މަސައްކަތްކުރާ މީހަކަށްވާށެވެ! ﷲ ތަޢާލާގެ ޙަޟްރަތުގައި ލަދުވެތިވާން ނުޖެހޭނެ މީހަކަށްވާން ގަދައަޅައި މަސައްކަތްކުރާށެވެ. 

- މުފްތީ މެންކުގެ ދަރުސަކުން  

މިއަދު އޮންލައިން