ޢުމަރުގެފާނުގެ ވަދާޢީ ޚުޠުބާ: ޚުޠުބާއަށްފަހު އެކަލޭގެފާނުގެ ވަށައިގެން ތިއްބެވި ބޭކަލުން ކީރިތި ކުރެއްވި! ތިބާއަށްވާ ގޮތެއް ނިކަން ބަލައިލަބަލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 20ސ
ޢުމަރުގެފާނުގެ ވަދާޢީ ޚުޠުބާ: ޚުޠުބާއަށްފަހު އެކަލޭގެފާނުގެ ވަށައިގެން ތިއްބެވި ބޭކަލުން ކީރިތި ކުރެއްވި! ތިބާއަށްވާ ގޮތެއް ނިކަން ބަލައިލަބަލާށެވެ!

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ޢުމަރު ބުން ޢަބްދުލްޢަޒީޒު ދެއްވި އެންމެ ފަހު ޚުޠުބާގައި ޙަމްދުޘަނާއަށްފަހު ވިދާޅުވިއެވެ. 

"އެއަށްފަހު ދަންނައެވެ. ފަހެ ހަމަކަށަވަރުން ތިޔަބައިމީހުން ޚަލްޤުކުރެއްވުނީ ބޭކާރު ގޮތުގައެއް ނޫނެވެ. އަދި އަޅާނުލާ ތިޔައިބައިމީހުން ދޫކޮށްލެވިފައި ނުވެއެވެ. ހަމަކަށަވަރުން ތިޔަބައިމީހުން އަލުން އިޢާދަކުރެވޭނެއެވެ. އެދުވަހުން ތިޔަބައިމީހުންގެ ޙިސާބު ބައްލަވައި ޙުކުމްކުރެއްވުމަށް ﷲ ތަޢާލާ ފައިބާވޮޑިގަންނަވާނެއެވެ. ފަހެ ގެއްލެނިވެ ހަލާކުވެގެންވަނީ ﷲ ގެ ރަޙުމަތުން ބޭރުވި މީހެކެވެ. އަދި އުޑުތަކާއި ބިންފަދަ ތަނަވަސްކަންހުރި ސުވަރުގެ ތަކުން މަޙްރޫމުވި މީހެކެވެ. 

މިއަދު ރައްކާތެރިވެ ބިރުވެތިވި މީހަކު މެނުވީ މާދަމާ އަމާންކަން ނުލިބޭނެކަން ތިޔަބައިމީހުންނަށް ނޭނގެނީ ހެއްޔެވެ! އަދި ފަނާވެދަނިވި އެއްޗެއް ވިއްކާ ދެމިހުންނަނިވި އެއްޗެއް ގަތް މީހަކު މެނުވީއެވެ. އަދި މަދު އެއްޗަކުން ގިނަ އެއްޗެއް ގަތް މީހަކު މެނުވީއެވެ. އަދި ބިރުވެރިކަމުން އަމާންކަން ހޯދި މީހަކު މެނުވީއެވެ. 

ފަހެ ތިޔަބައިމީހުން އެތަނަކުން ނުކުމެގެން އައި ބުރަކަށިތައް ހަލާކުވެއްޖެއެވެ. އަދި ބަޔަކަށް ފަހު، ބަޔަކު އަންނާނެއެވެ. އެއީ ވާރުތަވެރިންކުރެ އެންމެ ހެޔޮ ވާރުތަވެރިޔާގެ ޙަޟްރަތަށް ތިޔަ އެންމެން ރުޖޫޢަކުރެއްވުމަށް ދާންދެނެވެ. 

ދެން ކޮންމެ ދުވަހެއްގެ ހެނދުނާއި ހަވީރު ﷲ ޢައްޒަ ވަޖައްލަގެ ޙަޟްރަތަށް ދާ ބަޔަކާ ތިޔަބައިމީހުން އަލްވަދާޢު ކިޔާނެއެވެ. އެއީ އެބައެއްގެ އަޖަލު ހަމަވެ، މުއްދަތު ހަމަވެފައިވާ ބައެކެވެ. ފަހެ ތިޔަބައިމީހުން، އެމީހުން ގެންގޮސް، ބިމުގައި ވަޅުލާނެއެވެ. އެވަޅަކީ ތަންމައްޗެއް އެޅިފައި ނުވާ، ބާލީހެއް ނުވާ ތަނެކެވެ. ލޯބިވި މީހުން ދޫކޮށް އެވަނީ ވެއްޔާ އެކުވެފައެވެ. އަދި ޙިސާބުބެއްލެވުމާ އެވަނީ ކުރިމަތިލާފައެވެ. އޭނާގެ ޢަމަލުން އެވަނީ ރަހީނުކުރެވިފައެވެ. އޭނާ ދޫކޮށްފައި ދިޔަ އެއްޗަކަށް ބޭނުމެއް ނުވާ، އިސްކޮށްފައިވާ އެއްޗަކަށް ފަޤީރުވެފައިވާ މީހެކެވެ. 

ފަހެ ﷲ ގެ އަޅުތަކުންނޭވެ! ޢަހުދު ކަށަވަރުތައް ހަމަވުމުގެ ކުރިން އެއިލާހަށް ބިރުވެތިވާށެވެ. އެއީ ތިޔަބައިމީހުންގެ ގާތަށް މަރު އައުމުގެ ކުރިންނެވެ." 

އެއަށްފަހު އެކަލޭގެފާނުގެ ރިދާކޮޅު މޫނުގައި އަޅުއްވާ ކީރިތި ކުރެއްވިއެވެ. އަދި ވަށައިގެން ތިއްބެވި ބޭކަލުންވެސް ކީރިތި ކުރެއްވިއެވެ.

______________________________________________________

މަޞްދަރު: مختصر فقه الأسماء الحسنى / أ.د. عبدالرزاق بن عبدالمحسن البدر (ص: 57) 

ތަރުޖަމާ: ޝައިޚް އިމްރާން މުޙައްމަދު ޢަލީ

މިއަދު އޮންލައިން