ބިރުވެތިވޭ! ދެމަފިރިން ގުޅުވުމަށާ ވަރިކުރުވުމަށް ސިޙުރުހެދުމަކީ ކުފުރަކަށާ އަދި ޝިރުކަކަށް ވެދާނެ ބޮޑު ޙަރާމްކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 52ސ
ބިރުވެތިވޭ! ދެމަފިރިން ގުޅުވުމަށާ ވަރިކުރުވުމަށް ސިޙުރުހެދުމަކީ ކުފުރަކަށާ އަދި ޝިރުކަކަށް ވެދާނެ ބޮޑު ޙަރާމްކަމެއް!

ދެމަފިރިންގެ މެދުގައި މައްސަލަ ޖެހިގެން އުޅޭނަމަ ހައްލުކުރަން މަސައްކަތްކޮށްދޭންޖެހޭއިރު ސިޙުރު ފަންޑިތަ ހެދުން ހުއްދަނުވާނެތޯ؟ 

މިއީ ކިޔުންތެރިއެއްގެ ސުވާލެކެވެ. ތިރީގައިވާ ލިޔުމުން ކިޔުންތެރިޔާއަށް ޖަވާބު ލިބިލައްވާނެކަމަށް އުންމީދުކުރަމެވެ. 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين. 

ދެމަފިރިން ގުޅުވުމަށްޓަކައި ސިޙުރުހެދުމަކީ ޙަރާމްވެގެންވާކަމެކެވެ. އަދި [މިފަދައިން ކަންކުރުމަށް] ހުއްދަވެގެން ނުވެއެވެ. މިއަށް ކިޔަނީ عَطْف އެވެ. [ދިވެހިބަހުންނަމަ: އިސްތިރިއެވެ.] 

އަދި ދެމަފިރިން ދުރުކުރުވުމަށް ހަދާ އެއްޗަށް ކިޔަނީ صَرْف އެވެ.  [ދިވެހިބަހުންނަމަ: ވަރިތޮޅިއެވެ.] އެއީވެސް ޙަރާމްކަމެކެވެ.  އަދި ކުފުރަކަށާއި އަދި ޝިރުކަކަށް އެކަންވެދާނެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވެވިއެވެ. 

﴿…وَمَا يُعَلِّمَانِ مِنْ أَحَدٍ حَتَّىٰ يَقُولَا إِنَّمَا نَحْنُ فِتْنَةٌ فَلَا تَكْفُرْ فَيَتَعَلَّمُونَ مِنْهُمَا مَا يُفَرِّقُونَ بِهِ بَيْنَ الْمَرْءِ وَزَوْجِهِ وَمَا هُم بِضَارِّينَ بِهِ مِنْ أَحَدٍ إِلَّا بِإِذْنِ اللَّـهِ وَيَتَعَلَّمُونَ مَا يَضُرُّهُمْ وَلَا يَنفَعُهُمْ وَلَقَدْ عَلِمُوا لَمَنِ اشْتَرَاهُ مَا لَهُ فِي الْآخِرَةِ مِنْ خَلَاقٍ… [ سورة البقرة ١٠٢] 

މާނައީ: "… ތިމަންމެން ވާކަން ކަށަވަރީ އިމްތިހާނެއް ކަމުގައޭ، ފަހެ (އެ ދަސްކޮށްގެން) ކާފަރުނުވާށޭ ވިދާޅުވެ (ނަޞޭޙަތްދެއްވުމަށް ފަހުގައި) މެނުވީ، އެއްވެސް މީހަކަށް އެ ދެ މަލާއިކަތުން އުނގަންނަވައެއް ނުދެއްވައެވެ. ފަހެ، މީހާޔާއި އެމީހާގެ އަނބިމީހާޔާ ދެމެދު ދުރުކޮށް ވަކިކުރާނޭގޮތް އެ ދެ މަލާއިކަތުންގެ ކިބައިން އެއުރެން އުނގެނި އުޅުނެވެ. الله ގެ އިޛުނަފުޅާލައިގެން މެނުވީ، އެއްވެސް މީހަކަށް އެއިން ގެއްލުމެއް ދެނިވި ބައަކު ކަމުގައި އެބައިމީހުން ނުވެއެވެ. އެބައިމީހުން އެ އުނގެނެނީ އެބައިމީޙުންނަށް ގެއްލުންދޭ، އަދި އެބައިމީޙުންނަށް މަންފާއެއް ނުކުރާ ކަންތަކެވެ. ހަމަކަށަވަރުން، އެތަކެތި ބަލާގަތް މީހަކަށް އާޚިރަތުގައި އެއްވެސް މިންވަރެއް ނެތްކަން، އެބައިމީހުންނަށް ކަށަވަރުކޮށް އެނގިފައިވެއެވެ" 

ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙު އަލްޢުޘައިމީން رحمه الله 

فتاوى أركان الإسلام / ص: ١٥٣/ طبعة: دار الثريا للنشر 

މަސްދަރު: ދިސަލަފިއްޔާ

މިއަދު އޮންލައިން