ބައެއް ޢިލްމުވެރިންގެ އަރިއަހުގައި ޚާއްޞަ ޙާލަތެއް މެދުވެރިވެގެން ނޫނީ ފަތިސް ނަމާދަށް ނުހޭލައި ނިދަން އޮތުމަކީ ކުރެވޭ ފާފައެކެވެ. އަދި އެކަމުން އެނގެނީ އެމީހަކު ﷲ ތަޢާލާއަށް ބިރުވެތިނުވާކަމެވެ. ކިޔަމަންތެރިކަމެއް ނެތްކަމެވެ.
ރަސޫލް ﷺ ފަތިސް ނަމާދަށް ހޭފުޅު ނުލެއްވެވުނު ދުވަހު ޤަޞާއަށް ފަތިސް ނަމާދުކުރެއްވެވިއެވެ. އެއީ ދަތުރުފުޅެއްގެމަތީގައެވެ. ހޭފުޅުނުލެއްވެވިދާނެކަމަށް ހީފުޅުކުރެއްވެވިފައި އޮތުމުން ހޭފުޅު ލައްވުވާނެ ފާރަވެރިއަކުވެސް ބެހެއްޓެވިއެވެ. އެބޭކަލަކަށްވެސް އަވަހާރަފުޅު ލެއްޕެވުނީއެވެ.
އަދި ކީއްހެއްޔެވެ؟ ޝައިޠޯނާ އެތަނާއި ކައިރިވެއްޖެ ކަމަށް ޙަދީޘްކުރައްވަވައި ޤާފިލާވެސް އެހެންތަނަކަށް ބަދަލުކުރެއްވެވިއެވެ.
މިކަމުން އެނގިގެންދަނީ ނިދަންވާނީ ފަތިސް ނަމާދަށް ހޭލެވޭނެ މަގުފަހިކޮށްފައިކަމެވެ. ގޭގައި ވޮޗަރެއް (ފާރަވެރިއަކު) ބައިންދާނަމަ އެމީހަކާއި ގޮވަން ޙަވާލުކުރަންވާނެއެވެ. ނޫންނަމަ ގަޑިސޯނާކުރުން، ފޯނު ސޯނާކުރުން ފަދަ ކަންކަންކޮށް ހޭލަން މަސައްކަތްކުރަންވާނެއެވެ.
ނިދާ ހޭލެވުނުއިރު އިރުއަރައިފިއެވެ. ގަޑިން ހެނދުނު ހަތެއްޖަހާވެސް ބޮޑުވެއްޖެއެވެ. ދެން އެދުވަހުގެ ފަތިސްނަމާދު ކުރާނީ ކިހިނެއް ހެއްޔެވެ؟ މެންދުރު ވަންދެން ނުކޮށް ހުންނާނީ ހެއްޔެވެ؟ މެންދުރު ނަމާދާއި އެކުގައި ކުރާނީ ހެއްޔެވެ؟
الحمد لله والصلاة والسلام على رسوله ، أما بعد :
އިންސާނެއްގެ އިޙްތިޔާރުން ބޭރުން ނިދި ގަދަވެގެން ފަތިސްނަމާދަށް އިރު އެރުމުގެ ކުރިން ނުހޭލެވިއްޖެނަމަ ނިދިން ހޭލެވުނު އިރަކުން އަވަހަށް ފަތިސްނަމާދު ކުރާނީއެވެ. ވަކި ވަގުތެއް ވަންދެން ފަސްކުރުމެއްނެތެވެ.
ހެނދުނު ހަތެއްޖެހިއިރު ހޭލެވުނަސް ނުވަތަ އޭގެ ފަހުން ހޭލެވުނަސް އިތުރަށް ލަސްކުރުމެއްނެތި އަވަހަށް ފަތިސްނަމާދު ކުރާނީއެވެ. އަޅަމެންގެ ނަބިއްޔާ صلى الله عليه وسلم އިރުޝާދު ދެއްވާފައިވަނީ މިގޮތަށެވެ.
އިރުއަރާފަހުން ފަތިސްނަމާދު ކުރުން އާދައަކަށް ހަދައިގެން ނުވާނެއެވެ. ޤަޞްދުގައި ނަމާދު އޭގެ ވަޤުތުން ފަސްކުރުމަކީ އެކަމަށް ތަޢުބާވާން ޖެހޭ ވަރުގެ ފާފައެކެވެ. والله أعلم