ކާމިޔާބާއި ފަލާހު ބޭނުން މީހުންނަށް އެކަން ޙާޞިލްކުރެވެން އޮތްމަގު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 52ސ
ކާމިޔާބާއި ފަލާހު ބޭނުން މީހުންނަށް އެކަން ޙާޞިލްކުރެވެން އޮތްމަގު-

މީސްތަކުންގެ ތެރެއިން ގިނަ ބައަކު މިއަދު މިވަނީ ހަތަރުއަނގޮޅިއެއްގައެވެ. ވަށައިގެން މަގުތަކެވެ. އެކަމަކު ކުރިއަށްދާންވީ ކޮން މަގަކުންކަން ޔަޤީނެއް ނުވެއެވެ. ކުރިއަށްދާން ބޭނުންވަނީ ކަށްޓަކަށް ނުހެރި ކަމަށް ބުނަމުން ގޮސް ވަންނަނީ ކަށިކުނބުރުވެޔޮތަކުން ފުރިފައިވާ ޖަންގައްޔަކަށެވެ. ގައަށް ކަށިތައް ނުހެރި ސަލާމަތްވެވޭނެ ހެއްޔެވެ؟

ދިރިއުޅުމުގައި ބޭނުންވަނީ ކާމިޔާބު މީހަކަށްވާންހެއްޔެވެ ؟ ކުރާ ކޮންމެ ކަމެއްގައި ފޮނި ނަތީޖާއެއް ހާޞިލްކޮށް ކުރިއަރައިގެންދާންހެއްޔެވެ ؟ ޅައިރުއްސުރެ ދެކެމުން އައި ހުވަފެންތައް ސީދާކޮށް، ހަޔާތުގެ ޞަފްހާތަށް ފުރިހަމަކުރަމުން އައިއިރު، ޙަޤީގީ ކާމިޔާބަކީ ކޮބައިކަން ދެނެހުރިންހެއްޔެވެ ؟

سورة النساء ގެ 13 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ.

" ... ﷲ އަށާއި އެކަލާނގެ ރަސޫލާއަށް ކިޔަމަންތެރިވާ މީހާ، އެތާނގެ ދަށުން ފެންއާރުތައް ހިނގަ ހިނގާ ހުންނަ ސުވަރުގެތަކަކަށް ވައްދަވާނެތެވެ. އެތާނގައި އެއުރެން ދެމިތިބެނިވިގޮތުގައެވެ. ބޮޑުވެގެންވާ ނަޞީބު ލިބުމަކީ އެއީއެވެ. "

ޝައްކެއްނެތެވެ. އިންސާނަކަށް ލިބޭނެ އެންމެ ބޮޑު ކާމިޔާބަކީ، ސުވަރުގޭގެ ދާއިމީ ނިޢުމަތެވެ.

ކާމިޔާބީ ހާސިލްކުރެވޭނެ އެންމެ ފުރިހަމަގޮތް ކޮންމެ ދުވަހަކު ވެސް ތިބާއަށް އިވިގެން ދާނެއެވެ. "حي عل الصلاة . حيَّ على الفلاح " “ ނަމާދަށް އަވަހަށް އަންނާށެވެ. ފަލާހާއި ކާމިޔާބު ލިބިގަތުމަށް އަވަހަށް އަންނާށެވެ." އެހެންކަމުން، ދުނިޔެއާއި އާޚިރަތުގައި ކާމިޔާބީއަށް އެދޭ ނަމަ އެއްމެ ފުރަތަމަ ބިންގަލެއްގެ ގޮތުގައި ނަމާދަށް ފަރުވާތެރިވާށެވެ. ޚުދު އިސްލާމްދީނުގެ ބިންގަލަކީވެސް ނަމާދެވެ.

ނަމާދު އޭގެ ވަގުތުގައި އަދާކުރުމަކީ ކޮންމެ މުސްލިމަކަށްއޮތް ވާޖިބެކެވެ. ނަމާދުއެޅުމަށްފަހު ދުނިޔެވީ ކަންކަމުގައި އެއްވެސް ބިރެއްނެތި މަސްޢޫލްވެގެން އުޅެނިކޮށް މަރު ތިބާއާއި ބައްދަލުކޮށްފިނަމަ ކޮންފަދަހެއްޔެވެ ؟ ޤިޔާމަތްދުވަހު އެކަމާމެދު ތިމާއަށް ސުވާލުކުރެވޭހިދު ދައްކާނީ ކޮން އުޒުރެއްހެއްޔެވެ ؟ ވިސްނާ ފިކުރުކޮށްލައްވާށެވެ. ނަފްސު ހިސާބުކޮށް ﷲ ޞުބްޙާނަހޫ ވަޠަޢާލާ ޙަޟްރަތަށް އެނބުރި ރުޖޫޢަވާށެވެ. އިޚްލާޞްތެރިކަމާއެކު، ނަމާދުތައް އޭގެ ވަގުތުގައި އަދާކުރުމަށް މަސައްކަތްކުރާށެވެ. ކާމިޔާބު މީހަކަށްވެވޭނީ އޭރުންނެވެ.

ހަމައެއާއެކު، ކާމިޔާބީއަށް މަގުކޮށުމަށްޓަކައި، ދުނިޔެއަށް ވުރެ އާޚިރަތަށް އިސްކަންދޭށެވެ. سورة الانعام ގެ 32 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. " ދުނިޔޭގެ ދިރިއުޅުމަކީ ކުޅިވަރެއްކަމުގައްޔާއި، މަޖަލެއްކަމުގައި މެނުވީ ނުވެއެވެ. تقوى ވެރިވާ މީހުންނަށް آخرة ގެ ގޮވަތި ހެޔޮކަން މާބޮޑެވެ. ފަހެ، ތިޔަބައިމީހުންނަކަށް ނުވިސްނޭހެއްޔެވެ؟ "

މިއާޔަތުންވެސް އާޚިރަތަށް އިސްކަންދިނުމުގެ މުހިއްމުކަން ދޭހަވެއެވެ. މިދުނިޔޭގެ އުފާތަކަށް ފުރަގަސްދިނުމަކީ ފަސޭހަކަމެއްނޫނެވެ. ހަވާ ނަފްސަށް ތަބާވާން އިސްކަންދިނުމަށް ޝައިތާނާ ކެނޑިނޭޅި މަސައްކަތްކުރަމުންދާނެއެވެ. އެހެންނަމަވެސް ހެޔޮ ނިޔަތަކާއި އެކު ﷲ ސުބްޙާނަހޫ ވަޠަޢާލާގެ ޘަވާބާއި ދަރުމައަށް އެދި ކުރާ ކޮންމެ ކަމެއްގައި އެކަލާނގެ ބަރަކާތް ލައްވާނެތެވެ. ކާމިޔާބު ލިބެން އޮތީ ﷲ ގެ މަގުގައި ކެތްތެރިކަމާއެކު ސާބިތުވެހުރެގެންނެވެ.

އެހެންކަމުން، އިޚްލާޞްތެރިކަމާއެކު ﷲ ޞުބްޙާނަހޫ ވަޠަޢާލާއަށް ކުއްތަންވެ ނަމާދަށް ފަރުވާތެރިވާށެވެ. ދުނިޔެއަށް ވުރެ އާޚިރަތަށް އިސްކަންދީ ގިނަ ގިނައިން މަރު ހަނދުމަކުރާށެވެ. ހަމައެއާއެކު ކީރިތި ޤުރުއާން ކިޔަވާ އެއަށް ޢަމަލުކޮށް އެކަލާނގެ ރުހުން ލިބިގަތުމަށްޓަކައި ގަދައަޅައި މަސައްކަތްކުރާށެވެ. ފަލާހާއި ކާމިޔާބު ލިބޭނީ އޭރުންނެވެ.

 

މިއަދު އޮންލައިން