މިދާޢީގެ ވާހަކައަށް ވިސްނައިފިނަމަ ޞިއްޙީ ބަލިކަށިކަން ލިބިފައިވާ މީހުން އުފާކޮށް ޝުކުރުކުރާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 7ސ
މިދާޢީގެ ވާހަކައަށް ވިސްނައިފިނަމަ ޞިއްޙީ ބަލިކަށިކަން ލިބިފައިވާ މީހުން އުފާކޮށް ޝުކުރުކުރާނެ!

އެކި ގޮތް ގޮތުން ޞިއްޙީ ބަލިކަށިކަމާއި ޖނުކުޅެދުންތެރިކަން ލިބިފައިވާ ގިނަ ބައަކު އުޅެއެވެ. އެއިގެ ތެރެއިން ބައެއް މީހުންނަކީ ވަރަށް ކުޑަކުޑަ މިންވަރަކަށް ނުކުޅެދުންތެރިކަން ލިބިފައިވާ މީހުންނެވެ. އެހެނަސް އެމީހުންގެ ޢަމަލުތަކާއި ބުނެއުޅޭ ބަސްތަކުން ހީވަނީ ދުނިޔޭގައި އެންމެ ނިކަމެތި ޙާލުގައި އުޅެންޖެހިފައިވާހެންނެވެ.

އެފަދަ މީހުން ތިރީގައިވާ ވާހަކަ ކިޔާލައި ޢިބްރަތް ޙާޞިލްކުރުން ބުއްދިވެރިއެވެ.

ބާރު ލިބިގެން ދުނިޔޭގަ ހުރެވޭއިރު ގުނަވަންތަކުން ބޭނުންހައި ޢަމަލުތަކެއް ކުރަމުން ގެންދާ މީހުން މިދާޢީގެ ވާހަކަކޮޅު އަޑުއަހާލުން ބުއްދިވެރި!

އޭނާގެ ބޮލުންތިރި ވާގިދެރަވެފައިވާ މަޝްހޫރު ދާޢީ، ޢަބްދުﷲ ނިޢްމަތްތަކާއި މެދު ވިދާޅުވެފައިވެއެވެ.

"އަހަރެންނަށް ޖެހިފައިވާ ޙާލަށްވުރެ ދެރަ ޙާލެއް ޖެހިފައިވާ މީހަކު ނުވާނެކަމުގައި އަހަރެން ހީކޮށް އުޅުނީމެވެ."

އެހެނީ އޭނާއަކީ ބޯފިޔަވައި އެހެން ގުނަވަނެއް އޭނާ ބޭނުންވާގޮތްގޮތަށް ޙަރަކާތް ނުކުރެވޭ މީހެކެވެ.

"މިހެން ހީކޮށް އުޅެނިކޮށް އަހަންނާއި ޝައިޚްއަކާއި ދިމާވިއެވެ. އެ ޝައިޚަށް އަހަރެން ހީކޮށް އުޅުނު ގޮތް އެނގުނު ހިނދު ބުންޏެވެ. އަހަރެންނާއެކީ ހިނގާށެވެ. ތިބާއަށް ވުރެ ޙާލުދެރަ މީހަކު ދައްކާނަމެވެ. "

އެޝައިޚާއެކު އަހަރެން ދިއުމުން ޝައިޚް އަހަންނަށް ދެއްކީ އަހަރެން ފަދައިން ވާގި ނެތިފައިވާ މީހެކެވެ. ނަމަވެސް އޭނާގެ ހާލު މާ ނިކަމެއްޗެވެ. އެއީ އޭނާ ވާގި ނެތުމުގެ އިތުރުން އަޑެއްވެސްނީވެއެވެ. އަދި ވާހަކައެއްވެސް ނުދެއްކެއެވެ.

އަޑުނީވޭ، ވާހަކަ ނުދެއްކޭ އަދި ގައިގެ އެއްވެސް ތަނެއްގައި ވާގި ނެތް މީހެއްގެ ޙާލު ތަޞައްވުރުކޮށްލައްވާށެވެ.!!!

އޭނާ ގާތުގައި ހުއްޓިހުރެ ރޮމުން އަހަރެންނަށް އެމީހާގެ ޙާލު މީހަކު ބަޔާން ކޮށްދިނެވެ.

"މީނާ އޮންނަތަނަށް މީނާގެ އާއިލާގެ މެންބަރުން ވަންއިރު ކަމަކުދާކަށްނެތެވެ!!! އޭނާގެ މުޅި ހެދުމުގައި އޮތީ ލެއެވެ! އޭނާ އޮތީ އެތައް އިރެއްވަންދެން ރުއި ގަދަ ރުއިމެއްގެ ސަބަބުން ގިސްލެވި ލެވިއެވެ. ވީގޮތް ބަލާލިއިރު އޭނާގެ އަތުގެ ދެއިނގިއްޔެއްނެތެވެ.!!! އެ ދެއިނގިލި ވަނީ ބުރިވެފައެވެ.

ވީ ކިހިނެތް ހެއްޔެވެ؟ އޭނާގެ ދެ އިނގިލި ބުރިވީ ކިހިނެއްބާވައެވެ؟

ވީގޮތަކީ އޭނާ އޮތްތަނަށް މީދަލެއް ވަދެ އޭނާގެ ކައިރީގައި އޮވެ އޭނާގެ ދެއިނގިލި ކައިލައިގެން ދިޔައީއެވެ.!!

އިނގިލި ކަމުން މީދާދިއައިރުވެސް އޭނާ އޮތީ އޭތީގެ ކިބައިން މިންޖުވާނެ އެއްވެސް ގޮތެއްނެތިފައެވެ.! ވާތަދުން ލޮލޮންކަރުނަ އޮހޮރާހާލުގައި އެ މީދަލަށް ބަލަން އޮތުން ނޫންގޮތެއް އެފަކީރަކަށް ނެތެވެ.!

ތިބާގެ ޙާލަކީ ކޮބާހެއްޔެވެ.؟!

ތިބާގެ އިނގިލިން ކޮށް އުޅެނީ ކޮންކަމެއްހެއްޔެވެ؟

ތިބާގެ ދެފައިން ތިބާ ގެންގޮސް ދެނީ ކޮން ކޮންތާކަށް ހެއްޔެވެ؟

ތިބާގެ އަނގައިން ބުނެ އުޅެނީ ކޮން ބަސް ތަކެއްހެއްޔެވެ؟

ތިބާގެ ދެކަންފަތުން އަޑު އަހައި އުޅެނީ ކޮންފަދަ އަޑު ތަކެއްހެއްޔެވެ؟

މިއީ ހައްތާވެސް ނިޢްމަތެވެ.

ނަމަވެސް ޝުކުރުކުރަނީ މަދުބައެކެވެ."

"قُلْ هُوَ الَّذِي أَنشَأَكُمْ وَجَعَلَ لَكُمُ السَّمْعَ وَالْأَبْصَارَ وَالْأَفْئِدَةَ ۖ قَلِيلًا مَّا تَشْكُرُونَ"

(سورة الملك: 23)

"ކަލޭގެފާނު ވިދާޅުވާށެވެ! އެކަލާނގެއީ، ތިއަބައިމީހުން އުފައްދަވައި، ތިއަބައިމީހުންނަށް އިވުމާއި، ފެނުމާއި، ހިތްތައް، ލެއްވި ރަސްކަލާނގެއެވެ. ތިއަބައިމީހުން ޝުކުރު ކުރަނީ ވަރަށްވެސް މަދުންނެވެ."

މަސްދަރު: "އަލްޢިބަރު"

މިއަދު އޮންލައިން