ކައިވެންޏަށް އެދިގެން އަންނަ ފިރިހެނުންނާއި ސުވާލުކުރަންވީ ލޯބިވޭތޯ ނުވަތަ އަބަދުވެސް ލޯބިވާނަންތޯ ނުވަތަ ކަލެއަކީ ތަޤްވާވެރިއެއްތޯ އެކަންޏެއް ނޫނެވެ. ކޮންމެ ފަދަ ބުރަ މަސައްކަތެއް ކުރަންޖެހުނަސް އެމަސައްކަތެއްކޮށްގެން އަނބިދަރިން ގޮވައިގެން ދިރިއުޅެން މަސައްކަތްކުރުމުގެ ހިތްވަރު އެބަހުރިތޯވެސް ސުވާލުކުރަންޖެހޭނެއެވެ.
މިސުވާލުކުރަންޖެހޭ ސަބަބަކީ ކިތަންމެ ވަރަކަށް ލޯބިވީނަމަވެސް ކިތަންމެ ތަޤްވާވެރި ނަމަވެސް ދިރިއުޅެވޭނީ އާމްދަނީ ހޯދަން މަސައްކަތްކުރުމުގެ ހިތްވަރު ހުރެގެން ކަމަށްވާތީއެވެ. އެހިތްވަރު ނެތްނަމަ ދިރިއުޅުން އާރާސްތެއް ނުކުރެވޭނެއެވެ.
އަންހެނެއްގެ ކައިވެންޏަށް އެދިގެންދާ ފިރިހެނުން ނުވަތަ ކައިވެނިކޮށްގެން ތިބޭ ފިރިހެނުން ތިމާއަކީ ތަޤްވާވރިއެއް ކަމަށް ބުނުމަކުން އަދި ނުފުދެއެވެ. އަދި އަޅުކަންކުރާ މީހަކު ކަމުގައިވުމަކުން އެކަނިވެސް ނުފުދެއެވެ.
އެމީހާއަކީ އަނބިދަރިން ގޮވައިގެން ދިރިއުލުމުގެ ހިތްވަރުހުރި މީހަކަށްވާންޖެހޭނެއެވެ. ވަކިފެންވަރެއްގެ ވަޒީފާއެއްގައި ނޫނީ މަސައްކަތްކުރަން ފަސްޖެހޭ މީހަކަށް ވެގެން ނުވާނެއެވެ. އަދާކުރަން ބޭނުންވާ ވަޒީފާ ނުލިބިއްޖެނަމަ، ނުވަތަ އަދާކުރަމުން އައި ވަޒީފާ ގެއްލިއްޖެނަމަ މަގުކުނިކަހައިގެން ނަމަވެސް އަނބިދަރިންގެ ބޭނުންތައް ފުއްދައިދޭނެ ފައިސާ ހޯދަން މަސައްކަތްކުރަން ކުރޭ މީހަކަށްވާން ޖެހޭނެއެވެ!
މިއަދު އެންމެ ބޮޑަށް މައްސަލަތައް ޖެހެމުން މިދާ އެއްސަބަބަކީ އެހިތްވަރު ބައެއް މީހުންގެ ކިބައިގައި ނެތުމެވެ. ނިކަން ވިސްނައިލަބަލާށެވެ. ދެމަފިރިން އެކުގައި ވަޒީފާއަދާކުރަނިކޮށް ވަޒީފާ ގެއްލުމުން ބައެއް ފިރިން އެމީހުން ބޭނުންވާ ފެންވަރުގެ ވަޒީފާއެއް ނުލިބިގެން ވަޒީފާއަދާނުކޮށް އެބަތިބެއެވެ. އަނބިމީހާއަށް ލިބޭ މުސާރައިން އެކަނި ދެކޮޅު ނުޖެއްސޭއިރުވެސް އެގޮތައް ކަންތައް ކުރުމުން އަނބިމީހާއަސް ބުރަބޮޑުވެ ފޫހިވާތަން އައުދެއެވެ. އެއީ އެކަންހަމަ މެދުވެރިވާނެ ގޮތެވެ.
އަދި ފިރިމީހާ އެކަނި ވަޒީފާއަދާކުރަމުން ދަނިކޮށް ވަޒީފާ ގެއްލުމުން ބޭނުންވާ ފެންވަރުގެ ވަޒީފާއެއް ލިބެންދެން މަސައްކަތްނުކޮށް އެބަތިބެއެވެ. އެއިރު އަނބިދަރިން ތިބެނީ ކާންބޯން ނުލިބިފައެވެ. އަސާސީ ބޭނުންތައް ނުފުއްދިފައެވެ. މިޙާލަތުގައި އަނބިމީހާއަށް ޕްރެޝަރު ބޮޑުވެގެން ގޯހެއް ހެދުނީމާ އަނބިމީހާ ކުށްވެރިކުރަން އޮތީ ކޮން ޙައްޤެއް ހެއްޔެވެ؟
އަހުރެން މިބުނަނީ ނުލިބޭ ފައިސާއެއް ޚަރަދުކުރާކަށް ނޫނެވެ. ފައިސާ ލިބެން އޮތީ ކިތަންމެ ބުރަ އަދި ކިތަންމެ ދަށްފެންވަރުގެ މަސައްކަތެއް ކޮށްގެންނަމަވެސް އެމަސައްކަތެއް ކުރުމަށެވެ. އަބަދު އެއްފެންވަރެއްގެ ވަޒީފާގައި ތިބެވޭނެކަމަށް ޤަބޫލުވެސްކޮށްގެން ނުވާނެއެވެ.
މިބާވަތުގެ ދަތިތައް ކުރިމަތި ކުރައްވަވަނީވެސް އިމްތިޙާނަކަށެވެ. އިމްތިޙާނުން ފާސްވާން މަސައްކަތްކުރީމާ ޙާލަތު ބަދަލުކޮށް ދެއްވަވާނެތެވެ. އިން ޝާ ﷲ
- އަލަފްގެ ވިސްނުމުން