"ޤުރްއާނަކީ ޝިފާއެއް" ކަމަށް ބުނެވެނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
"ޤުރްއާނަކީ ޝިފާއެއް" ކަމަށް ބުނެވެނީ ކީއްވެ؟

"---ކަލޭގެފާނު ވިދާޅުވާށެވެ! އެ ފޮތަކީ، އީމާންވި މީހުންނަށްވާ ތެދުމަގެކެވެ. އަދި ޝިފާ އެއްވެސްމެއެވެ.—" (ފުއްސިލަތް: 44) 

"ޤުރްއާނަކީ ޝިފާއެއް" ކަމަށް ބުނެވެނީ މި ވަޙީ ބަސްފުޅާއި އެހެންވެސް އެތައް އާޔަތަކުން އެކަން އެނގޭތީއެވެ.  

ކީރިތި ޤުރްއާނަކީ ހުރިހާ ބަލިތަކަށްވެސް އޮތް ޝިފާއެކެވެ. ހިތަށް ކުރިމަތިވާ ހުރިހާ މައްސަލަތަކަށްވެސް އޮތް އެންމެ ބޮޑު ފަރުވާއެވެ. ހިތަށް ހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭ އެންމެ ބޮޑު ބައިވެރިޔާއެވެ. އަދި މިކަންކަމަކީ އިތުރަށް ތަޖުރިބާކުރަންޖެހޭ ކަންކަމެއް ނޫނެވެ. ތަޖުރިބާކޮށް ނިމިފައިވާ އަދި މިހާރުވެސް ތަޖުރިބާކުރެވެމުންދާ އެންމެ ބޮޑު ޙަޤީޤަތެވެ. 

ބައެއް މީހުން ކުރާ ސުވާލެކެވެ. "އެހެންވީއިރު ޤުރްއާން ކިޔެވީމާ ބަލިފަސޭހަ ނުވަނީ ކީއްވެގެންތޯ؟" އެވެ. އެމީހުންނާއި އަހުރެން ކުރަންބޭނުންވާ ސުވާލަކީ ބޭސްކެއުމުން ނުވަތަ ބުއިމުން ބަލި ފަސޭހަ ނުވަނީ ކީއްވެގެންހެއްޔެވެ؟ އެއީ ބޭހަކީ ފަރުވާއަކަސް ނުވާތީ ހެއްޔެވެ؟ 

މިފަދަ ސުވާލުކުރާ މީހުންނަށް ޖަވާބުދެއްވަމުން ބައެއް ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. "ކޮންމެ ކަމަކަށް އެދިގެންވެސް ޤުރްޢާން ކިޔަވާށެވެ. ބަލިން ޝިފާ ލިބުން އެދިގެންވެސް ކިޔަވާށެވެ. ޔަޤީންކަމަކީ އެމީހަކުގެ ބަލި ފަސޭހަ ނުވިނަމަވެސް ހިތްހަމަޖެހުން ލިބޭނެ ކަމެވެ." 

"ޤުރްއާނަކީ ޝިފާއެއް" ކަމަށް ބުނެވޭ ބަހުގެ މާނައާއިމެދު ޝައިޚް އަޙްމަދު ސަމީރު ވިދާޅުވެފައިވަނީ މިފަދައިންނެވެ.   

"ކީރިތި ޤުރްއާނަކީ ޝިފާއެކޭ ބުނާބުނުމުގެ މާނައަކީ: ކީރިތި ޤުރްއާނަކީ ޝައްކާއި ވަހުމްތަކާއި، ޝިރުކާއި މުނާފިޤުކަމާއި، ޝަހަވާތުގެ ބައްޔާއި މިނޫންވެސް ރޫޙާނީ އެހެނިހެން ބަލިތަކާއި، މާއްދީ ބަލިތަކަށްވެސް އޮތް ފަރުވާއެއްކަމެވެ."

މިއަދު އޮންލައިން