ޢިބްރަތްތެރި ވާހަކަ: ދަތިޙާލުގަ އުޅެނިކޮށް ފިހާރައެއް ލިބުމުން އަނބިމީހާ އާ ދަރިފުޅު އެއްލާލާފަ އުދުހެން ދިއަމީހާ ބިކަޙާލުގަ ޖެހުމާ އަނބިމީހާއަށް ތަނަވަސް ދިރިއުޅުމެއް ލިބުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 40ސ
ޢިބްރަތްތެރި ވާހަކަ: ދަތިޙާލުގަ އުޅެނިކޮށް ފިހާރައެއް ލިބުމުން އަނބިމީހާ އާ ދަރިފުޅު އެއްލާލާފަ އުދުހެން ދިއަމީހާ ބިކަޙާލުގަ ޖެހުމާ އަނބިމީހާއަށް ތަނަވަސް ދިރިއުޅުމެއް ލިބުނު ގޮތުގެ ވާހަކަ-

އަޅުގަނޑުމެންގެ ކައިވެންޏަށް 7 އަހަރެވެ. 5 އަހަރުގެ އަންހެން ކުއްޖަކު ލިބިފައިވެއެވެ. ދެމީހުންވެސް މަސައްކަތްކުރަމެވެ. މިބުނީ ވަޒީފާއަދާކުރާ ވާހަކައެވެ. އެވަރުންވެސް އޮންނަނީ ލިބޭ އާމްދަނީ މަދުވެފައެވެ. އެއީ ދެމީހުންނަށްވެސް ލިބެނީ ކުޑަކުޑަ މުސާރައަކަށްވާތީއެވެ. ކިރިޔާވެސް ދެކޮޅު ޖެއްސެނީ އަޅުގަނޑުގެ ގޭގައި އުޅޭތީ ކުލި ދައްކަން ނުޖެހޭތީއެވެ. 

ވަޒީފާގައި އުޅެމުންވެސް ދަރިފުޅާއި ފިރިމީހާގެ ހުރިހާ ކަންކަން ކުރަމެވެ. ލިބުނު އެންމެ މީރުކޮށް ކައްކައި ކާންދެމެވެ. ގޭތެރޭގެ މަސައްކަތްވެސް ކުރަމެވެ. ވީމާ ނިދައިލަން ލިބޭ ވަޤުތުކޮޅު ފިޔަވައި ހުރިހާ ވަޤުތުތަކެއްގައިވެސް އަޅުގަނޑަށް އުޅެން ޖެހެނީ އެއްވެސް އަރާމެއް ނެތި ބުރަ މަސައްކަތުގައެވެ. އެއީ މިންވަރުފުޅު ކަމަށް ބަލައި އެއްވެސް ޝަކުވާއެއް ނުކުރަމެވެ. 

ދެރަވަނީ އެންމެ ކަމަކާއިއެވެ. އެއީ ޝުކުރުގެ ބަހެއް ނުބުނާތަނުގައި އަޅުގަނޑާއިވެސް ދަރިފުޅާއިވެސް ފިރިމީހާގެ އަޅައިލުން ކުޑަކަމުންނެވެ. ދަރިފުޅަށް ލޯބިދިނުމަކީ ފިރިމީހާ ކުރަންދަންނަ ކަމެއް ނޫނެވެ. އަޅުގަނޑަށް ލޯބި ދިނުމަކީ އޭނާ ކުރަން ބޭނުންވާ ކަމެއް ނޫނެވެ. 

އެޙާލަތަށްވެސް ކެތްތެރިވީމެވެ. ޝަކުވާތަކެއް ނުކުރަމެވެ. ނަމަވެސް ދަރިފުޅު ލޯބިން ގޮސް ކަމަކު އެދުނަސް އަޅާނުލައި ދުރަށްލުން ފަދަ ކަންކަން ކުރާތީ ކޮންމެވެސް ވަރަކަށް ބަސް ބުނެވެއެވެ. 

ކައިވެންޏަށް 7 ވަނަ އަހަރު އެކުވެރިއަކު ފިރިމީހާއަށް ހަދިޔާއެއް ދިނެވެ. އެއީ އެކުވެރިޔާ ބަލިވެ މަސައްކަތް ނުކުރެވުމުން އޭނާގެ ފިހާރައެވެ. ފިހާރަދިނީ ވިޔަފާރިކޮށްގެން ލިބޭ ފައިދާއިން އެތަނުގައި އެއިރު ހުރި މުދަލުގެ އަގު ދައްކާ ގޮތަށެވެ.   

އަޅުގަނޑު އުންމީދުކޮށްގެން ހުރީ އެހައި ބޮޑު ނިޢްމަތެއް ދެއްވެވުމުން ޝުކުރުވެރިވުމުގެ ގޮތުންވެސް އޭނާގެ އުޅުމަށް ބަދަލުތަކެއް ގެނެސް އަޅުގަނޑާއި ދަރިފުޅަށް އަޅައިލުން އިތުރުކުރާނެ ކަމަށެވެ. ނަމަވެސް ކަންކަން މެދުވެރިވީ އެގޮތަކަށް ނޫނެވެ. 

ފިހާރައިން އަޅުގަނޑަށް ވަޒީފާއެއް ދިނުމަށް އެދުމުން އެކަމަށްވެސް ކުރީ އިންކާރެވެ. ވެއްދީ ބޭރުމީހުންނެވެ. ގެއަށްކުރާ ޚަރަދު އިތުރުކުރުމުގެ ބަދަލުގައި ކުރީ މަދެވެ. ފިހާރަ ހިންގަން ފެށިތާ 3 ވަނަ މަހު ވަރިކޮށްލާފައި ދަމުން ބުނީ އަޅުގަނޑަށް ކައްކަންވެސް ނުއެނގޭކަމަށާއި އަޅުގަނޑާއިއެކުގައި އުޅުމުން ބޮލުގައި ރިއްސާތީ މަސައްކަތްކުރަންވެސް އުނދަގޫވާ ކަމަށެވެ. 

އަޅުގަނޑު ޖަވާބެއް ނުދެމެވެ. ﷲ އަށް ވަކީލްކުރީއެވެ. ދޮރުން ނުކުތް ވަޤުތު ބުނީމެވެ. "އުފާވެރި، ތަނަވަސް ދިރިއުޅުމެއް ދެއްވެވުން އެދި ދުޢާކުރަމެވެ.! ބައްޕަގެ ލޯތްބަށް އަބަދުވެސް ވަރަށް ބޮޑަށް ބޭނުންވެގެން އުޅޭ ދަރިއަކު ހުރިކަން ހަނދާންކޮށްލިއްޔާ ރަނގަޅުވާނެއެވެ." 

ގެއިން ދިއަ ފަހުން ދަރިފުޅު ދެކެލަންވެސް ނުއަންނަ ތަނުގައި އެންމެ ރުފިޔާއެއްވެސް ނުދެއެވެ. އެކަމަކު ﷲ ގެ ރަޙްމަތްފުޅު ކިތަންމެހައިވެސް ބޮޑެވެ. އަޅުގަނޑަށް ލިބޭ މަދު ރުފިޔާކޮޅުގައި ބަރަކާތް ލެއްވެވިއެވެ. އެއްވެސް މީހެއްގެ ގާތުގައި ކަމަކު ކިޔާކަށް ނުޖެހުނެވެ. ނުކުރެވިފައި ހުންނަ ކަންކަން ނުކުރެވުނު ނަމަވެސް ހިތްހަމަޖެހިލައިގެން ހުރުމުގެ ކުޅަދާނަކަން ދެއްވެވިއެވެ. 

އަހަރުވީފަހުން ބައްދަލުވި މީހަކު ކައިވެންޏަށް އެދުމުން އެކަން ޤަބޫލުކޮށް ކައިވެނިކުރީމެވެ. އޭނާއަކީ ދެކައިވެނިކޮށްގެންވެސް ދަރިއަކު ނުލިބި ހުރި މީހެކެވެ. އެހެންވެ އޭނާ އަޅުގަނޑުގެ ދަރިފުޅުދެކެ ވަރަށް ލޯބިވިއެވެ. ލޯބިދިނެވެ. ކައިވެންޏަށް ދެވަނަ އަހަރު ދެމަފިރިންނަށް ދަރިއަކުވެސް ލިބުނެވެ. 

ދަރިފުޅު ވިހައި ގަދަވިތަނާ އެއްދުވަހު މީހަކު ދޮރުގައި ޓަކިޖެހުމުން ހުޅުވިއިރު ދޮރުމަތީގައި ދަބަހެއް ހިފައިގެން ހުރީ ކުރީގެ ފިރިމީހާއެވެ. "އަހަރެންނަށް ވަރަށް ބޮޑަށް މާފުކުރާށެވެ. އަހަރެންނަށް ކަންކަން ކުރެވުނު ގޮތުގެ ޝަޒާ ފެނިއްޖެއެވެ. އުޅެވުނު އާވާރާ ދިރިއުޅުމުގެ ސަބަބުން ފިހާރަދިން އެކުވެރިޔާއަށް އަގު އަދާނުކުރެވިގެން ފިހާރަ އަތުލައިފިއެވެ. އޭނާއަށް ދައްކަންޖެހޭ ކުލިވެސް ނުދެއްކޭތީއެވެ. އުޅުނު ތަނުގެ ކުލި ނުދެއްކޭތީ ބޭރުކޮށްލައިފިއެވެ. 

އަހަރެން މިއައީ ތައުބާވެ ހުރެގެންނެވެ. ދެން ދުވަހަކުވެސް ހިތުގައި ޖެހޭނެ ކަމެއް ނުކުރާނަމެވެ. ރަނގަޅު ފިރިއެއްކަން ޘާބިތުކޮށްދޭނަމެވެ. އާދޭސްކޮށްފައި ބުނަމެވެ. ދެވަނަ ފުރުޞަތެއް ދޭށެވެ."

އެހިސާބަށް ބުނިތަނާ ފިރިމީހާ ބޭރުން އަތުވެއްޖެއެވެ. އައީ ފިނިފެންމާ ގަހެއް އިންދާފައި ހުރި ޕޮޓެއް ހިފައިގެންނެވެ. އެއިރުވެސް މައުތައް ހުރީ ފޮޅިފައެވެ. އައިގޮތަށް އައިސް ކޮނޑުގައި އަތްޖައްސާލާފައި ބުނީ "އަވަހަށް އެތެރެއަށް ވަންނަމާ ހިނގާށެވެ." އެހެން ބުނެފައި ކުރީގެ ފިރިމީހާގެ ގާތުގައިވެސް ގޭތެރެއަށް ވަންނަން ބުންޏެވެ. 

3 މީހުން އެކުގައި ވަދެ ސިޓިންގ ރޫމްގައި މަޑުކޮށްލިތަނާ "ބައްޕާ! ބައްޕާ!" ގޮވަމުން އައިސް ދެވަނަ ފިރިމީހާގެ އުނގައްވަދެ ދޮންދީ ސަކަރާތްޖަހަން ފަށައިފިއެވެ. އަޅުގަނޑު ތެދުވެގެން ގޮސް ދެވަނަ ދަރިފުޅު ގެނެސް އުނގައްލައިގެން އިށީނދެއްޖައީމެވެ. 

ކުރީގެ ފިރިމީހާ، އޭނާގެ ދަރިފުޅާއި ދިމާއަށް "ދަރިފުޅާއޭ! ބައްޕަ ކައިރިއަށް އައިސްބަލާށޭ!" ބުނީމާ އިރުކޮޅަކު ބަލަންހުރެފައި ދޮންބައްޕަގާތުގައި ބުނީ "ކޮއްކޮ އާއެކު ކުޅެން އައުމަށެވެ." އެހެން ބުނެފައި އަތުގައި ހިފާއިރަށް ތެދުވެގެން ދަރިފުޅާއިއެކު ހިނގައްޖެއެވެ. 

އޭނާ ކަޅިޖަހާ ނުލައި ގޭތެރޭގެ ކަންކަމަށް ބަލަނީއެވެ. އޭނާ ގެއިން ދިއައިރު ކަންކަން ހުރި ނިކަމެތިކަމާ މިހާރުގެ ތަފާތު ބޮޑުވުމުން އޭނާ އިނީ ޙައިރާންވެފައެވެ. ފަހަރެއްގައި އެފަދަ ތަނަވަސްކަމެއް ދުވަހަކުވެސް އަޅުގަނޑަށް ލިބިދާނެކަމަށް ހީވެސް ނުކޮށްހުރި ފަދައެވެ. 

އަނެއްކާވެސް ދެމީހުން އެކަނިވުމުން ބުނީމެވެ. "އަހަރު ދުވަސްވަންދެން ވަރަށް ހިތާމަކުރީމެވެ. އިންތިޒާރުވެސް ކުރީމެވެ. އެކަމަކު މިހާރުދެން މާލަސްވެއްޖެ ދޯއެވެ." 

އަނގައިންވެސް ނުބުނެ އޭނާ ތެދުވެގެން ގޮސް ދޮރުން ނުކުންނަން އުޅުމުން ބުނީމެވެ. "އުފާވެރި، ތަނަވަސް ދުވަސްތަކަކަށް އެދި ދުޢާކުރަމެވެ. ތިއަވީ ތައުބާގެ މަތީގައި ރިވެތި ދިރިއުޅުމެއް އުޅެން މަސައްކަތްކުރާށެވެ. އިރާދަކުރެއްވިއްޔާ ރަނގަޅު ގޮތްތައް މިންވަރުކުރައްވަވާނެތެވެ!" 

މިއަދުނޫހުގެ ކިޔުންތެރިންނަށް މިކިޔައިދިނީ އަޅުގަނޑުގެ ޙަޔާތުގައި ކަންކަން ދިމާވި ގޮތެވެ. އަންހެން ކިޔުންތެރިންނަށް ބުނެލަން އޮތީ ކިރިޔާ ތަނަވަސްކަމެއް ލިބޭ އިރަށް ސައިޒުއޮޅޭ ފިރިންގެ ކިބައިން އަވަހަށް ސަލާމަތްވާށެވެ. އާދޭސްކޮށްގެން އެކުގައި އުޅެން މަސައްކަތް ނުކުރާށެވެ. އެއިގެ ބަދަލުގައި ކެތްތެރިވެލައި، ޘާބިތުވެލައި ދުޢާކުރީމާ ﷲ ދެއްވަވާ ބައިވެރިޔާގެ ކިބައިން ލިބޭ އުފާވެރިކަން މާބޮޑުވާނެއެވެ! 

- ޝަހުޒާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން