ދިރިއުޅުމުގެ ދަތިކަން މިހާރު ހުރިގޮތުން ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހެއެވެ. ފިރިހެނުންނަށް ސުންނަތް ނަމާދުތައް ކުރުން ބޮޑަށް ރަނގަޅީ ގޭގައި ނަމަވެސް ގެދޮރުގެ ދަތިކަންހުރުމުން ހުރަސްއެޅޭ ބައަކު އުޅެއެވެ. އަދި ކޮޓަރީގައި އަނބިމީހާ ނިދާފައި އޮންނާތީ ދަމުނަމާދުކުރަން ފަސްޖެހޭ ބައަކުވެސް އެބައުޅެއެވެ.
ވީމާ މިކަމުގެ ޙުކުމަކަށް ބަލައިލާއިރު ތިރީގައި އެވަނީ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވާ ބަސްފުޅެވެ.
"ނަމާދުކުރާ ކޮޓަރީގައި އަނބިމީހާ ނިދާފައި އޮތުމަކުން ނަމާދަކަށް إن شاء الله އަޘަރެއް ނުކުރާނެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ- ދަމުނަމާދުގައި ސަޖިދަ އަށް ވަޑައިގަންނަވާއިރުގައި ޢާއިޝާ- ރަޟިޔަﷲ ޢަންހާ- ގެ ފައިންޕުޅު އެއްފަރާތް ކުރައްވާކަމަށް ވާރިދުވެފައިވެއެވެ."
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް