އެންމެ "ބެސްޓް" އަންހެނަކަށްވުމަށް ކުރަންޖެހޭ ކަންތައް؛- ޑރ. ޝައިޚާ ހައިފާ ޔޫނިސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
އެންމެ "ބެސްޓް" އަންހެނަކަށްވުމަށް ކުރަންޖެހޭ ކަންތައް؛- ޑރ. ޝައިޚާ ހައިފާ ޔޫނިސް

ކޮންމެ އަންހެނަކުވެސް މަސައްކަތްކުރާނީ އޭނާއަކީ އެންމެ "ބެސްޓް" އަންހެނަކަށްވުމަށެވެ. އެކަމަށް ކޮންމެ އަނހެނަކުވެސް އެމީހެއްގެ ފެންވަރުން މަސައްކަތްކުރާނެއެވެ. ނަމަވެސް އެފަދަ އަންހެނަކަށްވުމަށްޓަކައި ޙާޞިލުކުރަންޖެހެނީ ކޮން ކަމެއްކަން ގިނަބައަކަށް ވަނީ އޮޅިފައެވެ. 

އެއްވެސް ޙާލެއްގައި އެއީ ދަރިންނަށް، ފިރިމީހާއަށް، ވަޒީފާއަށް، އޭނާގެ ރީތިކަމަށް، އޭނާގެ ގެދޮރަށް، ގެދޮރުގެ މަސައްކަތްތަކަށް ސަމާލުކަން ދިނުމެއް ނޫނެވެ. އެކަމަށް އޮތީ އެންމެ ޖަވާބެކެވެ. އެއީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތުގައި ޘާބިތުވެ ހުރެ ދިރިއުޅުމެވެ. 

ނިކަން ބުނެބަލާށެވެ! ތިމްނަނާ ދުނިޔޭގައި އުޅެމުން މިދަނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތުގައި ޘާބިތުވެ ހުރެގެން ކަމަށް ބުނެވޭނީ ކިތައް އަންހެނުންނަށް ހެއްޔެވެ؟ އަތް އުފުލައި ޖަވާބުދޭނެ ކަމެއް ނެތެވެ. އެކަން ތިމާއާއި ﷲ ތަޢާލާ އާއި ދެމެދުގައި ބާއްވާށެވެ! 

"މިއަޅާ ކައިވެނިކުރީވެސް، ދަރިން ހޯދީވެސް، ދަރިން ބަލައި ބޮޑުކުރަނީވެސް، ކިޔެވީވެސް ބުރަމަސައްކަތްކޮށްގެން ވަޒީފާ އަދާކުރަނީވެސް، ޤުރްއާން ކިޔަވައި ހިތުދަސްކުރަނީވެސް، އަދި އެހެން ޢަމަލުތައް ކުރަނީވެސް އިނބަ ﷲ އަށްޓަކައެވެ." މިފަދައިން ބުނެލަން ކެރޭނެ ހެއްޔެވެ؟ ﷲ ތަޢާލާގެ ޙަޟްރަތުގައި އެކަލާނގެ ކުރިފުޅުމަތީގައި ހުއްޓިހުރެ މިހެން ބުނަން ކެރޭނީ ކިތައް އަންހެނުންނަށް ހެއްޔެވެ؟ 

ކޮންމެ އަނހެނަކުވެސް ވިސްނައިލާށެވެ! ޖަވާބުގައި ތެދުވެރިކަމާއިއެކު އާނއެކެވެ ބުނެވިދާނެކަމާއިމެދުގައެވެ. މިއަދު މައްސަލައަކަށްވެގެން މިއުޅެނީ އެކަމެކެވެ. ﷲ ތަޢާލާއަށްޓަކައި ކަންކަން ނުކުރެވޭ ކަމެވެ. ވީމާ އެންމެ ރަނގަޅު އަނހެނަކަށްވާން ބޭނުންނަމަ މި ދެއްކި ވާހަކައަށް ވިސްނައިލާށެވެ! 

މިވާހަކައިގައި އަންހެނުންނަށް ނިޞްބަތްކޮށްގެން ވާހަކަ މިދެއްކީ މިތަނުގައި މިތިބީ އަންހެނުން ކަމުގައިވާތީއެވެ. މިމޭރުމުން ވިސްނަންވީ ހަމައެކަނި އަންހެނުންނެއް ނޫނެވެ! މިކަމުގައި ފިރިހެނުން އެއްވެސް ވަރަކަށް އިސްތިސްނާއެއް ނުވެއެވެ. 

- ޑރ. ޝައިޚާ ހައިފާ ޔޫނިސްގެ ދަރުސަކުން

މިއަދު އޮންލައިން