އަންހެނަކު އޭނާގެ ފިރިމީހާކާރީގައި ވަރިކުރާށޭ 3 ފަހަރު ބުނުމުން ވަރިވާނެކަމަށްބުނާ އަޑު އަހަމެވެ. މިކަމުގެ ހަޤީގަތަކީ ކޮބާތޯއެވެ؟ އަންހެންމީހާ ފިރިމީހާއާ ދިމާލަށް ކަލޭ މަގޭ ފިރިއެއްކަމަށް ގަބޫލެއްނުކުރަމޭ ބުނުންއެއީ ކޮންކަހަލަ ކަމެއް؟ އެކަމުގެ ސަބަބުން ވަރިވާނެތޯއެވެ؟ މިކަމުގައި ﷲގެ އަޒާބާއއި ޘަވާބު ހުރިގޮތެއް ވެސް އެގެން ބޭނުން؟
ޖަވާބު: الحمدلله، والصلاة والسلام على رسول الله صلى الله عليه وسلم، وبعد:
އިސްލާމްދީނުގައި ވަރިކުރުމުގެ ބާރު ދެއްވާފައިވަނީ ފިރިމީހާއަށެވެ. އެހެންކަމުން، އަންހެނަކު ވަރިކުރާށޭ ކިޔާ ކިތަންމެފަހަރަކު ގޮވި ނަމަވެސް، ނުވަތަ އަންހެނަކު އޭނާގެ ފިރިމީހާ އާއި ދިމާލަށް ކަލޭތީ މަގޭ ފިރިމީހާ ކަމަށް ގަބޫލެއްނުކުރަމޭ ބުނިކަމުގައިވީނަމަވެސް، ފިރިމީހާ ވަރިނުކުރާހާ ހިނދަކު، ނުވަތަ ޝަރްޢީ ކޯޓަކުން ދެމަފިރިން ވަރިކޮށް ނުދޭހާ ހިނދަކު ވަރިއެއް ނުވާނެއެވެ.
ސަބަބަކާ ނުލާ ވަރިއަށް އެދުމަކީ ބޮޑުވެގެންވާ ފާފައެކެވެ. ކީރިތި ރަސޫލާ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ޙަދީޘެއްގެ މާނާގައިވެއެވެ. "އަންހެނަކު ސަބަބަކާ ނުލާ އޭނާގެ ފިރިމީހާގެ ގާތުން ވަރިއަށް އެދެފިނަމަ އޭނާގެ މައްޗަށް ސުވަރުގޭގެ ވަސް ޙަރާމްވެގެންވެއެވެ". ސުވަރުގޭގެ ވަހަކީ އެތައްހާސް ކިލޯމީޓަރެއް ދުރަށް ހުންނަ ވަހެކެވެ. ސުވަރުގޭގެ ވަސްފެންނަ ހިސާބަށްވެސް ނުދެވޭނެ ކަމަށް އޮތުމުން އެގެނީ ކަމުގެ ބޮޑު ކަމެވެ. والله أعلم.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް