ނަމާދު ނިމުމުން މަޑުކޮށްލެވެން އޮތް އެންމެ ގިނައިރަކު މަޑުކޮށްލުމަކީ ހާދަ ގިނަ ފައިދާތައް ލިބެން އޮތް ކަމެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 49ސ
ނަމާދު ނިމުމުން މަޑުކޮށްލެވެން އޮތް އެންމެ ގިނައިރަކު މަޑުކޮށްލުމަކީ ހާދަ ގިނަ ފައިދާތައް ލިބެން އޮތް ކަމެކެވެ!

ވަޤުތަކީ އެމީހަކު ހޯދުމުން ލިބޭނެ އެއްޗެކެވެ. ކިތަންމެ އަވަސްއަރުވާލައިގެން ތެލިފޮޅުނަސް ޙާޞިލްކުރެވޭނީ ﷲ ތަޢާލާ މިންވަރުކުރެއްވެވި ކަމެކެވެ. މިންވަރުކުރެއްވެވި ވަރަކަށެވެ.

ބައެއް މީހުން ނަމާދު ނިމުމާއިއެކު ޛިކުރު ކުރަން މަޑުކޮށްނުލައި މިސްކިތުން ފައިބައެވެ. ފައިބައި މީހުންނާއި ވާހަކަދައްކަން އެތައް އިރަކު އެބަހުރެއެވެ. މިއީ ވަރަށް ދެރަ ކަމެކެވެ. މީހުންނާއި ވާހަކަ ދައްކަން ހުންނަންވީ ވަޤުތުވާވަރަކުންނެވެ. ނަމަވެސް ކުރަންޖެހޭ ޛިކުރުތައް ކުރުމަކީ ވަޤުތު ހޯދައިގެންވެސް ކުރަންޖެހޭނެ ކަމެކެވެ.

އެހެންކަމުން މިރޭ މިކިޔައިދެނީ ހަމައެކަކުވެސް ލިބިނުގަނެ ދޫކޮށްލައިގެން ވާނެ ފުރުޞަތެއްގެ ވާހަކައެއް ނޫނެވެ. ނަމާދުކޮށް ޛިކުރުކުރާ ކޮންމެ މީހަކުވެސް ލިބިގަންނަންޖެހޭނެ ފުރުޞަތެއްގެ ވާހަކައެވެ. ސަމާލުކަން ދީގެން މިޙަދީޘް ބަސްފުޅަށް ވިސްނައިލާށެވެ!

"ނަމާދުކޮށް ނިމިގެން މުސައްލަމަތީގައި (ނަމާދުކުރި ތަނުގައި) އިނދެ ޛިކްރުކުރާނަމަ، އެތަނުގައި އެމީހަކު އިންހައިއިރަކު، (ވުޟޫމަތީގައި) އެމީހާގެ ފާފަ ފުއްސަވައި ދެއްވެވުމަށާއި އެމީހަކަށް ރަހްމަތް ލެއްވެވުން އެދި މަލާއިކަތުން ﷲ ތަޢާލާއަށް ދުޢާކުރައްވަވާނެތެވެ." ( ޞަޙީޙް ބުޚާރީ)

ތިބާ ޛިކްރްކޮށް ދުޢާކުރަމުން ގެންދާއިރު ތިބާއަށްޓަކައި މަލާއިކަތުންވެސް ގެންދަވާނީ ދުޢާކުރައްވަމުންނެވެ. ކިހައި ބޮޑު ރަޙްމަތެއް ހެއްޔެވެ؟ ނަމަވެސް ހިތާމައަކީ ބައެއް މީސް މީހުން ނަމާދުން އަވަދިވުމާއިއެކު ފުންމައިގެން ތެދުވެ މިސްކިތުން ނުކުންނަކަމެވެ. މިސްކިތުން ނުކުތުމަށްފަހު މީހުންނާއި ވާހަކަދައްކަން އެތައް އިރެއް ހޭދަކުރާކަމެވެ. ވީމާ ލިބެން ހުންނަ މަތިވެރި ނިޢްމަތްތައް ދޫކޮށް ނުލައި ފުރުޞަތުގެ ބޭނުން ހިފުމަށް ވަޞިއްޔަތް ކުރަމެވެ.

މި ޙަދީޘްފުޅުން އެނގެނީ ނަމާދު ނިމުމާއިއެކު ފުންމައިގެން ތެދުވެ އަވަހަށް މިސްކިތުން ނުކުންނަ މީހުންނަށް މަލާއިކަތުންގެ ދުޢާ ގެއްލިގެންދާނެ ކަމެވެ. ވީމާ އެމީހަކަށް އިނދެވެން އޮތްހައި ގިނަ އިރަކު ނަމާދުކުރި ތަނުން ނުތެދުވެ އިންނަންވާނެއެވެ. އެންމެ ކުޑަމިނުން ޛިކްރްތަސްބީޙަ ކިޔައިލެވެންދެން މަޑުކުރަންވާނެއެވެ. ތިބާގެ މައްޗަށް މަލާއިކަތުން ކުރައްވަވާ ދުޢާ ލިބޭނީ އެއިރުންނެވެ.

ހަމައެކަނި މިސްކިތަކު ނޫނެވެ! ގޭގައި ނަމާދުކުރަންޖެހޭ ޙާލަތުގައި ތިބޭ މީހުންނާއި އަންހެނުންނަށް މުސައްލަމަތީގައި މަޑުކޮށްގެން ތިބުމުން ވެސް މިފުރުޞަތު ދެއްވަވާނެތެވެ! އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން