އަހަރެމެން މިހާރު މިވަނީ ޙުރުމަތްތެރިވެގެންވާ 4 މަހުގެ ތެރެއިން ރަޖަބް މަހުގައެވެ. ޙުރުމަތްތެރިވެގެންވާ މައްސަރުތަކުގައި ﷲ ތަޢާލާ އަންގަވާފައިވަނީ މިވެނި އެވެނި ނުބައި ޢަމަލުތައް ނުވަތަ ޙަރާމްކަންކަން ނުކުރުމަކަށް ނޫނެވެ.
އަންގަވާފައިވަނީ ތިއަބައިމީހުން މަގުފުރެދިގެން ނުދިއުމަށެވެ. އެއިގެ މާނައަކީ ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެ އެއްވެސް ކަމެއް ނުކުރުމެވެ. ޙަރާމްކުރެއްވެވި އެއްވެސް ކަމެއް ނުކުރުމަށެވެ. ﷲ ތަޢާލާ ރުހިވޮޑި ނުގަންނަވާނެ އެއްވެސް ކަމެއް ނުކުރުމަށެވެ. އަދި ﷲ ތަޢާލާ ފަރުޟު ކުރައްވަވާފައިވާ އެންމެހައި ކަންކަމަށް ރައްކައުތެރިވުމަށެވެ.
މިކަންކަމަށް ރައްކައުތެރި ނުވެވިއްޖެނަމަ އެމީހަކު އެދަނީ މަގުފުރެދިގެންނެވެ. "ތިއަބައިމީހުން މަގުފުރެދިގެން ނުދާށެވެ!" އޮތް ބަސްފުޅު އެގޮތަށް އެއޮތީ މަގުފުރެދިގެންދަނީ މީސްތަކުން ކަމުގައިވެފައި ފާފަކުރުމުން ފާފަވެރިވާނީ އެމީހަކު ކަމުގައިވާތީއެވެ.
މީސްތަކުން މިއަދު ޣާފިލުވެފައިވާވަރުން ޙުރުމަތްތެރިވެގެންވާ މައްސަރެއް ފެށުނު ނަމަވެސް އެކަން އެނގޭ ކަމަކަށް ނުވެއެވެ. ބަލައިލުމެއް ނެތި އުޅޭނެހައި ގޮތަކަށް އުޅެމުން ގެންދަނީއެވެ. ފާފަތައް ކުރަން ބިރެއް ނުގަނެއެވެ.
މިގޮތަށްވެސް ވިސްނައިލާށެވެ. އެއްވެސް މީހަކު ހަރަމްފުޅުގެ އަރިއަހުގައި ފާފައެއް ކުރާނެ ހެއްޔެވެ؟ ނުކުރާނީ ކީއްވެގެން ހެއްޔެވެ؟ އެއީ ޙުރުމަތްތެރިވެގެންވާ ތަނަކަށްވާތީއެވެ. އެހެންކަމަށްވާއިރު ﷲ ތަޢާލާ ޙުރުމަތްތެރި ކުރައްވަވާފައިވާ މައްސަރެއްގައި ފާފަކުރަން ބިރުނުގަންނަނީ ކީއްވެގެން ހެއްޔެވެ؟
ފާފަކުރަން ބިރުގަންނަން ޖެހޭނީ ހަމައެކަނި ޙުރުމަތްތެރި ކުރެއްވެވި 4 މަހަކު ނޫނެވެ. އަހަރުގެ 12 މަހުގައެވެ. 12 މަހުގެ ކޮންމެ ދުވަހެއްގައެވެ. މިބުނަނީ ޙުރުމަތްތެރިވެގެންވާ މައްސަރުތަކުގައި ފާފަނުކުރަން އިތުރަށް ސަމާލުކަންދޭންޖެހޭނެ ވާހަކައެވެ. ވީމާ އޮޅުވައިނުލާށެވެ.
- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން