ޝައިޠޯނުންތައް ނެތްތަނެއް ނުހުންނާނެ! ޖިމްތަކުގަވެސް ނުރައްކާތެރި ޝައިޠޯނުންތައް ތިބޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
ޝައިޠޯނުންތައް ނެތްތަނެއް ނުހުންނާނެ! ޖިމްތަކުގަވެސް ނުރައްކާތެރި ޝައިޠޯނުންތައް ތިބޭނެ!

ދުނިޔޭގެ ކޮންމެ ތަނަކަށް ބެލިނަމަވެސް ޝައިޠޯނުންތައް ނެތްތަނެއް ނުހުންނާނެއެވެ. ނިދާކޮޓަރީގައިވެސް، މިސްކިތްތަކުގައިވެސް އަދި އަހަރެމެން ކަސްރަތުކުރަން ގޮސް މިއުޅޭ ޖިމްތަކުގައިވެސް ޝައިޠޯނުން ތިބޭނެއެވެ. 

ޖިމްއަށް އަހަރެމެންދަނީ މަތިވެރި މަޤްޞަދެއްގައެވެ. ކަސްރަތުކޮށް ފުރިހަމަ ޞިއްޙަތެއް ހޯދާށެވެ! އެއީ ކުރަންޖެހޭ ކަމެކެވެ. މައްސަލައަކަސް މިވަނީ އެތަނުންވެސް ޝައިޠޯނުންނާއި ބައްދަލުވުމުން އެތަނަށް ދިއަ މަޤްޞަދު ހަނދާން ނައްތައިލެވޭތީއެވެ. އެ ޝައިޠޯނުންތައް ދޭ ވަސްވާސްތަކުގައި ޖެހެވި މަގުފުރެދިގެންދާތީއެވެ. 

ޖިމްގެ ވާހަކަ މިދެއްކީ މިޘާލެއްގެ ގޮތުންނެވެ. ގިނަ ޒުވާނުންތައް ޖިމްތަކަށް ގޮސްއުޅޭތީއެވެ. ބުނަން މިއުޅޭ ވާހަކައަކީ ކޮންމެ ތަނަކަށް ދިއަ ނަމަވެސް އެތަނަކަށް ދިއަ މަޤްޞަދު ހަނދާން ނައްތައިނުލާށެވެ. 

މިޘާލަކަށް ޖިމްތަކަށް ދަނީ ކުރިން ބުނިފަދައިން ކަސްރަތުކުރާށެވެ! ތިބާގެ ރީތިކަމަށް ބަލައި ތައްރީފްކުރާ ޝައިޠޯނުންތަކުގެ މަޅީގައި ޖެހޭކަށް ނޫނެވެ. ލައިގެން ހުންނަ ހެދުން ގައަސް ބާރުވެފައި ކުރުވިވަރަކަށް ކުރާ ފައިދާ ބޮޑުވާނެ ކަމަށް ބުނާއަޑުއަހާކަށް ނޫނެވެ. ކޮފީތަކަށް ދޭ ދަޢުވަތު ޤަބޫލުކުރާކަށް ނޫނެވެ.

މިސްކިތަށްދަނީ އަޅުކަންކުރާށެވެ. ﷲ ތަޢާލާ އާއިމެދު ވިސްނައި ފިކުރުކުރާށެވެ. ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރާށެވެ. ޚުޝޫޢަތްތެރިކަމާއިއެކު އަޅުކަންކުރާށެވެ. ދުނިޔަވީ ފިކުރުތައްކޮށް އަވާ މެންދުރެއްގައި ހުންނާކަށް ނޫނެވެ.  

ދެމަފިރިން ނިދަން ކޮޓަރިއަށް ވަންނަންވީ އެކަކު އަނެކަކަށް ނުރުހޭ ބަސްތައް ބުނެ ދެމީހުން ދެފަރާތައް އެނބުރިތިބެ ނިދާކަށް ނޫނެވެ. ދެމީހުންވެސް އެކަކު އަނެކަކަށް އިހްތިރާމްކޮށް އުފާވެރިކަން ލިބިގަންނާށެވެ. ގުޅުންބަދަހިކުރާށެވެ.

މިފަދަ ކޮންމެ ތަނެއްގައިވެސް ޝައިޠޯނުންތައް ތިބޭނެއެވެ. ޙާޞިލްކުރަންވީ މަޤްޞަދު ޙާޞިލުކުރިއަނުދީ ފިތުނަތައް އުފައްދުވަން މަސައްކަތްކުރާނެއެވެ. ޛިކުރުތައް ކިޔައި އެކަކު އަނެކަކަށް ސަލާމްގޮވަންވީ ގެއަށް ވަންނަމުން އެކަންޏެއް ނޫނެވެ. ކޮޓަރިއަށް ވަންނަމުންވެސް އެކަންކަން ކުރާށެވެ! ބިސްމިﷲ ކިޔުން ގިނަކުރާށެވެ. ޝައިޠޯނާ އެންމެ ބޮޑަށް ނިކަމެތިކޮށްލެވޭނީ އެއިރުންނެވެ.

ވީމާ ޖުމުލަ ގޮތެއްގައި މިދެއްކި ވާހަކައިގެ ބޭނުމަކީ ކޮންމެ ތަނަކަށް ދިއަ ކަމުގައިވީނަމަވެސް އެތަނަކުން ޙާޞިލުކުރަންދިއަ ކަންކަން ޙާޞިލުކުރަން ސަމާލުކަންދޭށެވެ. ޝައިޠޯނުންގެ ބަސްތަކަށް ހެއްލި ގެއްލެނިވެގެން ނުދާށެވެ! މުސްލިމުންގެ ގޮތަކީ އެއީއެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން