ނިޔަފަތި ނުކަނޑައި ހުރެވޭނީ ކިތައް ދުވަހު؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 2ސ
ނިޔަފަތި ނުކަނޑައި ހުރެވޭނީ ކިތައް ދުވަހު؟

ނަބަވީ އިރުޝާދުތަކުން އެނގޭ ގޮތުގައި ނިޔަފަތި ކެނޑުމަކީ ފިޠުރަތުގެ ތެރެއިން ވާ ކަމެކެވެ. މާތް  ރުއްސުންލެއްވި އަބޫހުރައިރާގެ  ކިބައިން ރިވާވެގެން ވެއެވެ. 

ސަލާމާއި ޞަލަވާތް ލެއްވި ކީރިތިރަސޫލާ ޙަދީޘްކުރެއްވިއެވެ 

'' الْفِطْرَةُ خَمْسٌ الِاخْتِتَانُ وَالِاسْتِحْدَادُ وَقَصُّ الشَّارِبِ وَتَقْلِيمُ الْأَظْفَارِ وَنَتْفُ الْإِبِطِ''

މާނައީ :'' ފިޠުރަތުގެ ތެރެއިންވާ ފަސްކަމެއް ވެއެވެ. އެއީ : ޚިތާނުކުރުމާއި، ޢައުރައިގެ ވަށައިގެންވާ އިސްތަށި ބޭލުމާއި، މަތިމަސް ކޮށުމާއި، ނިޔަފަތި ކެނޑުމާއި، ކިހިލިފަތުގެ އިސްތަށި ވަކިކުރުމެވެ. '' ( މުސްލިމް )

ބައެއް ދަންނަ ބޭކަލުން ހުކުރު ދުވަހު މެންދުރުކުރިން ނިޔަފަތި ކެޑުން މުސްތަޙައްބު ކަމުގައި 

ވިދާޅުވެއެވެ. އެއީ ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާ  ހުކުރު ދުވަހު ނިޔަފަތި ކެނޑުއްވުމާއި، މަތިމަސްކޮށްޓެވުމަށ ލޯބި ކުރައްވާ ކަމުގައި އައިސްފައިވާ ރިވާޔަތަކަށް ބުރަވެލައްވައެވެ. މިޙަދީޘް އަކީ ޟަޢީފު ޙަދީޘެއްނަމަވެސް މި ޙަދީޘަށް ބާރު އަޅާ އެހެން ރިވާޔަތް ވެސް އައިސްފައިވާތީއެވެ.

އަދި ނިޔަފަތި ނުކަނޑާ ސާޅިސް ދުވަހަށް ވުރެ އިތުރު ކުރުމަކީ ހުއްދަކަމެއް ނޫނެވެ. 

އެހެނީ މާތް  ރުއްސުންލެއްވި އަނަސްގެފާނު ވިދާޅުވިއެވެ.

''وُقِّتَ لَنَا فِي قَصِّ الشَّارِبِ وَتَقْلِيمِ الْأَظْفَارِ وَنَتْفِ الْإِبِطِ وَحَلْقِ الْعَانَةِ أَنْ لَا نَتْرُكَ أَكْثَرَ مِنْ أَرْبَعِينَ لَيْلَةً'' ( مسلم ) 

"މަތިމަސް ކުރުކުރުމާއި، ނިޔަފަތި ކެނޑުމާއި، ކހިލިފަތިން އިސްތަށި ވަކި ކުރުމާއި، ޢާނަތު (ލަދުވެތި ގުނަވަން) ބޭލުމާއި (މިކަންކަން ނުކޮށް) ސާޅިސް ރެއަށްވުރެ އިތުރު ނުކުރުމަށް އަހަރެމެންނަށް އެންގެވިގެން ވެއެވެ. (އެބަހީ ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާ  އަންގަވާފައި ވެއެވެ.)  (މުސްލިމް)  

ނިޔަފަތި ކެނޑުމުގެ ތަރުތީބާއި ބެހޭގޮތުން އެއްވެސް ރިވާޔަތެއް ޞައްޙަވެގެން ނުވާކަމުގައި ދަންނަބޭކަލުން ވިދާޅުވެއެވެ. 

ނަމަވެސް ކަނާތް އިސްކުރުން މުސްތަޙައްބު ކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ. އެއީ ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާ ޝަރަފުވެރި  ކޮންމެކަމެއްގައި ކަނާތް ކިބަ އިސްކުރައްވަވައެވެ. 

- އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް ޙުސައިން

މިއަދު އޮންލައިން