"ސްޓްރެސް" ގެ މައްސަލަތަކާމެދު އެހާބޮޑަށް ކަންބޮޑުވަނީ ކީއްވެ؟ އެ މައްސަލަ ނެތް ހަމަ އެކަކުވެސް ދުނިޔެއަކު ނުހުންނާނެ!: ޑރ. ޔާސިރު ޤާޟީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
"ސްޓްރެސް" ގެ މައްސަލަތަކާމެދު އެހާބޮޑަށް ކަންބޮޑުވަނީ ކީއްވެ؟ އެ މައްސަލަ ނެތް ހަމަ އެކަކުވެސް ދުނިޔެއަކު ނުހުންނާނެ!: ޑރ. ޔާސިރު ޤާޟީ

މިއަދު ގިނަ ބައަކު އެމީހުންނަށް ޖެހިފައިވާ އެންމެ ބޮޑު އެއް މުޞީބާތް ކަމަށް ދެކެނީ "ސްޓްރެސް" އެވެ. ހިތާމަތަކާ ހިތްދަތިކަމާއި ގުޅިފައި ހުންނަ ކަންކަމެވެ. އެކަމަކު ބުނަން ހެއްޔެވެ؟ މިކަންކަން ހުރިހާ ރަސޫލް ބޭކަލުންނަށްވެސް ކުރިމަތިވެވަޑައިގެންނެވިއެވެ. އަދި އެކަންކަން ކުރިމަތިނުވާނެ ހަމަ އެކަކުވެސް ދުނިޔެއަކު ނުހުންނާނެއެވެ. 

ދެން ބަލައިލަންވީ ޙަދީޘްފުޅަށެވެ. އެންމެ ބޮޑަށް އެކަންކަން ކުރިމަތިވެވަޑައިގަންނަވާނީ ރަސޫލްބޭކަލުންނަށް ކަމާއި ދެން އެންމެ ބޮޑަށް ރަސޫލް ބޭކަލުންނަށް ތަބަޢަވެ ޢަމަލުކުރާ މީހުންނަށް ކަމާއި ދެން އެއާއި ޖެހިގެން ތަބަޢަވެ ޢަމަލުކުރާ މީހުންނަށްކަން އެނގެން އެބަ އޮތެވެ. 

މީސްތަކުންނޭވެ! މާލީ ދަތިތަކާ ހިތާމަތަކާ ހިތްދަތިކަން ކުރިމަތިވަނީ ތަޤްވާވެރިކަން ނެތުމުން ނުވަތަ އެމީހަކަށް ﷲ ތަޢާލާ ރުހިވޮޑިނުގަމުން ކަމަށް ޤަބޫލުކުރާ ކްރިސްޓިއަން ޢަޤީދާއެއް އޮވެއެވެ. ނަމަވެސް ކީރިތި ޤުރްއާނުގައި އޮތީ ތަޤްވާވެރިވުމުން ނުވަތަ ތަޤްވާވެރިވާން މަސައްކަތްކުރުމަކީ އިމްތިޙާން ނުކުރައްވަވައި ދޫކޮށްލައްވަވާނެ ކަމެއް ނޫން ކަމަށެވެ. އަދި ﷲ ތަޢާލާ އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވާ އަޅުންނަށް ކުރިމަތިކުރައްވަވާ އިމްތިޙާންތައް ބޮޑެތިވެފައި ވަރުގަދަވާނެކަންވެސް އެނގެން އެބަ އޮތެވެ. 

ތަޤްވާވެރިވުމަކުން ދުނިޔޭގައި އެމީހަކު ބޭނުންވާ ހުރިހާ އުފާތަކެއް ނުލިބޭނެއެވެ. އެހެނީ މުއްމިނުންނަކީ ދުނިޔޭގެ އުފާވެރިކަމަކީ އެންމެ ބޮޑު މަޤްޞަދުކަމަސް ހަދަންޖެހޭނެ ބައެއް ނޫނެވެ. އިމެއްނެތި އެމީހަކު ބޭނުންވާ ހުރިހާ އުފާތަކެއް ލިބުން އޮތީ ސުވަރުގެ ވަދެވުމުންނެވެ. 

ﷲ ތަޢާލާ ތިބާގެ ދަރަޖަ މަތިވެރިކުރައްވަވަން ބޭނުންފުޅުވެވޮޑިގެންފިނަމަ ގިނަ މުޞީބާތްތައް ކުރިމަތިކުރައްވަވާނެތެވެ. އެއީ އެކަމަމުގެ ސަބަބުން ތިބާގެ ތަޤްވާވެރިކަން އިތުރުވެ ގިނަ އަޅުކަން ކުރާ މީހަކަށްވުމަށްޓަކައެވެ. އެކަމުގެ ސަބަބުން ތިބާގެ ދަރަޖަ އުފުއްލަވައި ދެއްވެވުމަށްޓަކައެވެ. 

- ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން

 

މިއަދު އޮންލައިން