ކިތަންމެ ގިނަ ފައިސާ އަތުގަހުރިނަމަވެސް ދެއަންތބަށް ކައިވެނިކުރެވޭނީ އެކަމަށް ޝަރުޠު ހަމަވެގެންނެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 22ސ
ކިތަންމެ ގިނަ ފައިސާ އަތުގަހުރިނަމަވެސް ދެއަންތބަށް ކައިވެނިކުރެވޭނީ އެކަމަށް ޝަރުޠު ހަމަވެގެންނެވެ!

ދެވަނަ އަންތބަކު ބޭނުން ނުވާނެ ފިރިހެނަކު ވަރަށް މަދުވާނެއެވެ. ތަނަވަސްކަން ހުރިނަމަ އެކަމަށް ބޮޑަށް އެދެވެއެވެ. އެހެނަސް ދެއަނތބަށް ކައިވެނިކުރުމުގެ ހަމަ ޝަރުޠަކީ ހަމައެކަނި ތަނަވަސްކަން ހުރުމެއް ނޫނެވެ. އަދި ފިރިހެނަކު ކަމުގައިވުމެއްވެސް ނޫނެވެ. އެކަންކަމަށްވުރެ މާބޮޑެތި ޝަރުޠުތަކެއް އެކަމުގައި އެބަހުއްޓެވެ. 

މުސްލިމް ކޮންމެ ފިރިހެނަކަށްވެސް އެއް އަނބިންނަށްވުރެ ގިނަ އަނބިން ހުއްދައެވެ. 4 އަނބިން ހަމަކުރެވިދާނެއެވެ. ނަމަވެސް އެކަން ކުރަންވާނީ އެކަންކުރުމުގެ ޝަރުޠު ހަމަވާ މީހުންނެވެ! 

މިސާލަކަށް ތިމާއަކީ ފައިސާގެ ގޮތުން ތަނަވަސްކަން ލިބިފައިވުމަކުން އަދި ޝަރުޠު ފުރިހަމައެއް ނުވެއެވެ. އެހެނީ ފުރަތަމަ ކައިވެނީގައި ދަރިން ލިބިފައިވާނަމަ އެދަރިންނަށް ދޭންޖެހޭ ލޯބި ކޮބައިހެއްޔެވެ؟ ލޯބި ދެވޭނީ ވަގުތު ދީގެން ނޫންހެއްޔެވެ؟ 

ފައިސާވެރިކަން އިތުރުވާވަރަކަށް ވަގުތު ބޭނުންވެއެވެ. ވަރަށް މަދު ފައިސާވެރިއަކަށް ނޫނީ ޢާއިލާއަށް ދޭންޖެހޭ ވަގުތު އޮންނަނީ ނުދެވިފައެވެ. މަސައްކަތުގައި ބިޒީވެގެން ގޮހެވެ. އެއް ޢާއިލާއަށް ވަގުތު ނުދެވޭއިރު ދެވަނަ ޢާއިލާއެއް ގެންގުޅެން ޖެހުމުން ވަގުތަށްވާނީ ކިހިނަކުންހެއްޔެވެ؟ 

ދެން އޮތީ ފައިސާވެރިކަން ނެތް މީހުންނެވެ. އެމީހުންނަށް އުޅެންޖެހެނީ އނބިދަރިންނަށް ކުރަންޖެހޭ ޚަރަދުވެސް ނުކުރެވިގެންނެވެ. ވީއިރު ޚަރަދުކުރަންޖެހޭ އިތުރު ޢާއިލާއެއް ހޯދުމުން ދެންވާނީ ކިހިނަކުން ހެއްޔެވެ؟ ދަރިންކޮޅު ނިކަމެތިވެގެންދާނެ މިންވަރު ނިކަން ހިތަށް ގެނެސްބަލާށެވެ! 

ވީމާ ހަމަ އެކަނި މިދެ ޙާލަތަށް ބެލިނަމަވެސް އެނގެނީ ދެއަންތބަށް ކައިވެނިކުރުމުގެ ޝަރުޠަކީ ހަމައެކަނި ފިރިހެނަކު ކަމުގައިވުންކަމަށް ބަލައިގެން ފުދޭނެ އެއްވެސް ގޮތެއް ނެތްކަމެވެ. އިތުރު ޝަރުޠުތަކެއް އެބަހުރިކަމެވެ. އެ ޝަރުޠުތައް ފުރިހަމަ ނުވާނަމަ އެއް އަނބިންނަށްވުރެ ގިނަ ކުރުމަކީ ތިމާ ބަލަހައްޓަންޖެހޭ ދަރިންނަށާއި ދަރިންގެ މައިމީހާއަށް ދެވޭނެ އެންމެ ބޮޑު އަނިޔާއެވެ. 

އަނބިމީހާގެ މައްސަލަތައް ހުރެދާނެއެވެ! ދަރިން ލިބުމަށްފަހު އިސްކުރަންޖެހޭނީ އަނބިމީހާގެ މައްސަލަތަކެއް ނޫނެވެ! ދަރިންގެ ޙައްޤުތަކެވެ. ދަރިންނަށް ބައްޕައަކު ކޮށްދޭންޖެހޭ ކަންކަމެވެ. ދަރިންނަށް ކޮށްދޭންޖެހޭ ކަންކަން ފުރިހަމަކޮށް ނުދެވޭނަމަ އަނބިމީހާގެ މައްސަލަތައް އައްޑަނައަކަށް ހަދައި ދެވަނަ އަންތބަކު ހޯދުމުގެ އެއްވެސް ޙައްޤެއް އެއްވެސް ފިރިހެނަކަށް އޮންނާނެ ކަމަކަށް އަހަރެން ޤަބޫލެއް ނުކުރަމެވެ. 

އެގޮތަށް ބުރަވަނީ ދަރިންގެ ޙައްޤުތައް އަދާނުކުރެވި ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ނުކުރެވޭ މީހާ ﷲ ތަޢާލާގެ ޙަޟްރަތުގައި ޖަވާބުދާރީވާންޖެހޭއިރު އަނބިމީހާގެ މައްސަލަތައް އައްޑަނައަކަށް ހަދައިގެން ނުފުދޭނެތީއެވެ! 

ދެން އޮތީ އަނބިމީހާ ބޭވަފާތެރިވުމާއި ޙަރާމްކަންކަން ކުރުމެވެ. އެ ޙާލަތުގައި އޮތީ ދެވަނަ އަންތބަކު ހޯދުމެއް ނޫނެވެ! އެފަދަ މައްސަލަތައް ޙައްލުކުރަން މަސައްކަތްކުރުމުން ވެސް ޙައްލު ނުކުރެވޭނަމަ އޮތީ ކޮންމެ ޙާލެއްގައި ނަމަވެސް ކައިވެނި ރޫޅާލައި ދެމީހުން ވަކިވުމެވެ. ދިރިއުޅުން ކުރިއަށް ގެންދާނެ އިތުރު މަގެއް ހޯދަން މަސައްކަތްކުރުމެވެ. 

- ޑރ. ޢުމަރު ޔޫސުފް ތަރްބީ

މިއަދު އޮންލައިން