ޙަރަމްފުޅު ސަލާމަތްކޮށްދެއްވެވުން އެދި އާއި ޝަހީދުކުރަމުންގެންދާ މުސްލިމުންނަށްޓަކައި މިފަދައިން ދުޢާކުރައްވާ!- ނަޞްރު ދެއްވަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 20ސ
ޙަރަމްފުޅު ސަލާމަތްކޮށްދެއްވެވުން އެދި އާއި ޝަހީދުކުރަމުންގެންދާ މުސްލިމުންނަށްޓަކައި މިފަދައިން ދުޢާކުރައްވާ!- ނަޞްރު ދެއްވަވާނެ! އިން ޝާ ﷲ

އަހަރެމެން މުސްލިމުންގެ 3 ޙަރަމަފުޅުވެސް ނުރައްކަލުގެ ތެރޭގައެވެ. ޢަދާވާތްތެރިން ކެނޑިނޭޅި މަސައްކަތްކުރަމުން އެގެންދަނީ އެތަންތަން ނެތިކޮށްލާނެ ގޮތެއް ހޯދުމަށެވެ. ވަކިން ޚާއްޞަކޮށް 3 ވަނަ ޙަރަމްފުޅު ، މަސޖިދުލްއަޤްޞާ ވަނީ ވަރަށް ބޮޑު ނުރައްކލެއްގެ ތެރޭގައެވެ. 

މަތިން ތަޅައި ހަލާކުކޮށްލަން އަދި ނުކެރެނީއެވެ. އެހެންވެ ބިމުއަޑިން ކޮނެގެންވެސް އެތަން ވައްޓައިލެވޭތޯ ކެނޑިނޭޅި އެގެންދަނީ މަސައްކަތްކުރަމުންނެވެ. 

މިއީ މުސްލިމުން މާތްވެގެންވާ 3 ޙަރަމްފުޅުގެ ޙިމާޔަތުގަ އާއި މުޝްރިކުން ޝަހީދުކުރަމުން ގެންދާ މުސްލިމުންނަށްޓަކައި އަދި މިޙާލަތުން ސަލާމަތްކޮށްދެއްވެވުން އެދި ގިނަގިނައިން އަތްއުފުލައި ދުޢާކުރަންވީ ވަގުތެވެ! ދުޢާއަކީ މުސްލިމުންގެ އެންމެ ބާރުގަދަ ހަތިޔާރެވެ! 

ސާބިތުކަމާއެކު ދުޢާކުރުމުން ﷲ ތަޢާލާ މުސްލިމުންނަށް ނަޞްރު ދެއްވަވާނެތެވެ! އެއީ ﷲ ތަޢާލާގެ ވަޢުދު ބަސްފުޅެކެވެ. އެކަން ޔަޤީންކޮށްގެން ތިބެ ދުޢާކުރާށެވެ! 

ޔާ ﷲ! އަޅަމެންގެ ދިރިއުޅުމުގައި ކުރިމަތިވަމުން މިއަންނަ ކަންކަމަށް ވިސްނައި ފިކުރުކުރުމުގެ ބާރު އަޅަމެންނަށް ދެއްވަވާނދޭވެ! އަދި އަޅަމެންގެ ޙަޔާތުގައި އެޅޭ ކޮންމެ ފޔަވަޅަކީ އިނބަ ﷲ ރުހިވޮޑިގަންނަވާ ގޮތަށް އެޅޭ ފިޔަވަޅެއް ކަމުގައި ލައްވަވާނދޭވެ! 

މުސްލިމުންނަށް މިއަދު ކުރިމަތިކުރުވަމުން ގެންދާ ގޮންޖެހުންތަކަށް ކުރިމަތިލުމުގެ ސާބިތުކަން އަޅަމެންނަށް ދެއްވަވާނދޭވެ! މުސްލިމަކަށްވުމަކީ ކުށެއްކަމަށް ޤަބޫލުކޮށް ޝަހީދުކުރަމުން ގެންދާ މުސްލިމުންގެ ފުރާނައަށް ސުވަރުގޭގެ ނިޢްމަތް މިންވަރުކުރައްވަވާނދޭވެ! 

މިބިރުވެރި ޙާލަތުން މުސްލިމުން ސަލާމަތްކުރައްވަވާނެ ވަގުތު އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ވެސް އިނބަ ﷲ އެވެ. އަދި ސަލާމަތްކަން ދެއްވެވޭނީވެސް އިނބަ ﷲ އަށެވެ. އަޅަމެން އަލުކަންކުރަނީވެސް ހަމައެކަނި އިނބަ ﷲ ގެ ޙަޟްރަތަށެވެ. ވާގިއެދެނީވެސް ހަމައެކަނި އިނބަ ﷲގެ ޙަޟްރަތުންނެވެ. 

މުސްލިމުންނަށް މީގެ ކުރިމަތިވި ހުރިހާ މުޞީބާތްތަކުން ވެސް ސަލާމަތްކޮށްދެއްވަވައި ނަޞްރު ދެއްވެވީ ވެސް ހަމަ އިނބަ ﷲ އެވެ. އިނބަ ﷲ ގެ ފަރާތުން މެނުވީ އެއްވެސް މީހަކަށް، އެއްވެސް ބައަކަށް، އެއްވެސް ކަމެއްގައި ނަޞްރު ލިބުމެއް ނުވާކަން އަޅަމެން ހިތުގެ އަޑީން ޤަބޫލުކުރަމުއެވެ. 

މިބިންމަތީގައިވާ އިންބަ ﷲ އެންމެ މަތިވެރިވި ކުރެއްވެވި ބިނާ، އެބިނާއެއްގެ ބިންގާ މަލާއިކަތުން އެޅުންވެވި ބިނާ ވެސް މިއަދު މިވަނީ ބޮޑު ނުރައްކަލެއްގައެވެ. އެ ބިނާއަށް ކިތަންމެ ކުޑަނަމަވެސް ގެއްލުމެއް ލިބުމަކީ އަޅަމެންގެ ހިތްތަކަށް ކެތްކުރެވޭވަރުގެ ކަމެއް ނޫންކަން މޮޅަސް ދެނެވޮޑިގެންވަނީވެސް ހަމަ އިނބަ ﷲ އެވެ. މުސްލިމުންގެ 3 ޙަރަމްފުޅާއި މުޤައްދިސް އެންމެހައި ބިނާތައް މުޝްރިކުންގެ ކިބައިން ސަލާމަތްކޮށްދެއްވަވައި އެތަންތަން ޙިމާޔަތްކޮށްދެއްވަވާނދޭވެ! އާމީން 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން