އިންސާނުން ކުރަން ބޭނުންވާ ކަންކަން ކުރުމުގައި އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަންތައް ގިނަބައަކު ވަނީ ހަނދާން ނެތިވެފައެވެ. އެހެންވެ މަސައްކަތް މިކުރަނީ އެކަން ހަނދުމަކޮށްލައިދެވޭތޯއެވެ.
ކަމެއް މިކުރެވެނީ އެންމެ ރަނގަޅަށް ކަމާއި ކާމިޔާބުވާނެކަން ޔަޤީންކުރަން ކުރާ ފުރަތަމަ ކަމަކީ ތަޖުރިބާކާރު މާހިރުންގެ ލަފާ ހޯދުމެވެ. އެކަމެއްގެ ޢިލްމުވެރިންގެ ބަސް ހޯދުމެވެ. ޙަޤީޤަތުގައި މިވަރަކުން އަދި ނުފުދެއެވެ.
ކިތަންމެ މޮޅު ބައެއްގެ ލަފާ ހޯދިނަމަވެސް ކިތަންމެ މޮޅު ބައަކު ލައްވައި ދިރާސާކޮށް ފީސިބިލިޓީ ހެދިނަމަވެސް އެކަމެއް ފުރިހަމަވެ ނިމެންދެން ކާމިޔާބުވާނެކަމުގެ އެއްވެސް ޔަޤީންކަމެއް ނުއޮވެއެވެ. ކޮންމެ ވަގުތަކުވެސް ހީވެސް ނުކުރެވޭ ކަންކަން މެދުވެރިވެ ކުރަން މަސައްކަތްކުރާ ކަންތައް ކާމިޔާބުނުވެ އެބަދެއެވެ.
އެއީ ކީއްވެގެން ހެއްޔެވެ؟ ކުރެވޭ ސުވާލުގެ ޖަވާބަކީ އެއީ ހުރިހާ ބާރުތަކެއް ﷲ ތަޢާލާގެ ޙަޟްރަތުގައި ވާތީއެވެ! ޙައްލަކީ ކޮބައިހެއްޔެވެ؟ ކުރެވޭ ސުވާލުގެ ޖަވާބަކީ ކުރިން ބުނި ހުރިހާ ކަންކަން ކުރިނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދުމާއި އެކަން ހިންމަވައި ދެއްވެވުން އެދި ދުޢާކުރުމާއި އަދި ހިންމަވައިދެއްވަވާނެކަމަށް ޔަޤީންކުރުން ހިނދުކޮޅަކަށްވެސް ހުއްޓައިނުލުމެވެ. ﷲ ތައާލާއަށް ވަކީލުކުރުންމަތީގައި ސާބިތުވުމެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން