އަންހެނަކަށް ނުވަތަ ފިރިހެނަކަށްވީތީ އޮތީ ކޮން މަތިވެރިކަމެއް؟ އާދަމްގެފާނު މަށިން އުފެއްދެވީވެސް އާދަމްގެފާނުގެ ކަށިކޮޅަކުން ޙައްވާގެފާނު އުފެއްދެވީވެސް ހަމަ ﷲ ނޫންތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
އަންހެނަކަށް ނުވަތަ ފިރިހެނަކަށްވީތީ އޮތީ ކޮން މަތިވެރިކަމެއް؟ އާދަމްގެފާނު މަށިން އުފެއްދެވީވެސް އާދަމްގެފާނުގެ ކަށިކޮޅަކުން ޙައްވާގެފާނު އުފެއްދެވީވެސް ހަމަ ﷲ ނޫންތަ؟

ﷲ ތަޢާލާގެ ވަޙީ ބަސްފުޅުގައިވަނީ މިފަދައިންނެވެ. 

ތިއަބައިމީހުންނަށްޓަކައި ހަމަތިއަބައިމީހުންގެ ނަފްސްތަކުން އަނބިން ހެއްދެވިކަމީ، އެކަލާނގެކުޅަދުންވަންތަކަމުގެ ހެކިތަކުގެތެރެއިންވާ ކަމެކެވެ. އެއީ ތިއަބައިމީހުން އެކަނބަލުންގެފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެކަލާނގެ ތިއަބައިމީހުނގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވެވިއެވެ. ހަމަކަށަވަރުން ފިކުރު ހިންގާ ބައަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ." (އައްރޫމް: 21)

މިއާޔަތުން އެނގިގެން މިދަނީ އަންހެނުންނަކީ ފިރިހެނުންގެ ނަފުސްތަކުން އުފެއްދެވި ބައެއްކަމެވެ. ނަމަވެސް އެކަމަކީ އެއްވެސް ޙާލެއްގައި ފިރިހެނުންނަކީ އަންހެނުންނަށްވުރެ މަތީގައި ތިބި ބައެއްކަން އަނގައިދޭ ސަބަބެއް ނޫނެވެ. ވީމާ އެއީ ފިރިހެނުން ފަޚުރުވެރިވާންޖެހޭ ސަބަބެއް ވެސް ނޫނެވެ. 

އާދަމްގެފާނު މަށިން އުފެއްދެވީ ވެސް ﷲ ތަޢާލާއެވެ. އާދަމްގެފާނުގެ ހަށިކޮޅުން  (ކަށިކޮޅަކުން) ހައްވާގެފާނު އުފެއްދެވީވެސް ހަމަ ﷲ ތަޢާލާއެވެ. ވީއިރު އެކަމުގައި އާދަމްގެފާނުގެވެސް އެހެންވެސް މީހެއްގެ އެއްވެސް ދައުރެއް ނެތެވެ. ހުރިހާ ކަމެއް ވަނީ ﷲ ތަޢާލާގެ ޙަޟްރަތަށެވެ. 

އާދަމްގެފާނުގެ ދަރިކޮޅު އުފެދި އިތުރުވަމުން މިއަންނަނީ އަންހެނަކާއި ފިރިހެނެއްގެ ސަބަބުންނެވެ. ފިރިހެނަކަށް އެކަނި ދަރިއެއް ނުހޯދޭނެއެވެ. އަދި އަންހެނަކަށް އެކަނިވެސް ދަރިއަކު ނުހޯދޭނެއެވެ. ވީއިރު އަނެކާ އާއި ދިމާއަށް ތިބާ އުފެދުނީ އަހަރެންގެ ސަބަބުންކަމަށް ބުނެވޭނެ އެއްވެސް ސަބަބެއް ނެތެވެ. 

ހުރިހާ މައްސަލަތަކެއްވެސް އުފެދެމުން މިދަނީ ﷲ ތަޢާލާ މީސްތަކުން އުފެއްދެވި މަޤްޞަދު މިއަދު އޮޅުވާލާފައިވާތީއެވެ. " އަދި އެކަލާނގެ ތިއަބައިމީހުނގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވެވިއެވެ." އޮތް ބަސްފުޅު ޤަބޫލުނުކުރެވިގެން އުޅޭތީއެވެ. އަނހެނުންނާއި ފިރިހެނުން ލައްވަވާފައި މިވަނީ ދެމީހުން ގުޅި ލޯތްބާއިއެކު ދުނިޔޭގައި އުޅެންކަން ހަނދާންނައްތާލައިގެން އުޅޭތީއެވެ. ސުވާލަކީ ﷲ ތަޢާލާ ލެއްވެވި ލޯތްބާއި އޯގާތެރިކަން އަހަރެމެންގެ ކިބައިގައި އެބަހުރި ހެއްޔެވެ؟ އެބަ ޢަމަލުކުރެވޭ ހެއްޔެވެ؟ 

އަދި ކީއްހެއްޔެވެ؟ " އެއީ ތިއަބައިމީހުން އެކަނބަލުންގެފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ." އޮތް ބަސްފުޅުގެ މާނައަކީ ޙަލާލު، ﷲ ތަޢާލާ ހުއްދަކުރެއްވެވި ގޮތުގައި އުފާވެރިކަން ލިބުމަށްކަންވެސް ހަނދާންނެތިގެން އުޅޭތީއެވެ. 

ބަލަންވީ ﷲ ތަޢާލާ އަހަރެމެން އުފެއްދެވި ގޮތަކަށް ނޫނެވެ. ދުނިޔޭގައި އުޅެން ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށެވެ. އެގޮތަށް އުޅެން މަސައްކަތްކުރުމުން ދާނީ އުފާވެރިކަން ލިބެމުންނެވެ. އިން ޝާ ﷲ

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން