ޢިބްރަތްތެރި ވާހަކަ: މުއްދަތު ހަމަވެގެން އެއްލައިލީމާ އަނދައިގެން ނުގޮސް އަޅުގަނޑަށް ސަލާމަތްވެވުނީ ދިރިއުޅެން ކުރާނެ މަސައްކަތެއް ދަސްވެފަހުރިކަމުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 44ސ
ޢިބްރަތްތެރި ވާހަކަ: މުއްދަތު ހަމަވެގެން އެއްލައިލީމާ އަނދައިގެން ނުގޮސް އަޅުގަނޑަށް ސަލާމަތްވެވުނީ ދިރިއުޅެން ކުރާނެ މަސައްކަތެއް ދަސްވެފަހުރިކަމުން-

ކަންކަން ދިމާވިގޮތުން އަޅުގަނޑަކީ މާމޮޅަށް ކިޔެވުނު އަންހެނަކީމެއް ނޫނެވެ. ނުކިޔެވުނީ މަންމަމެން ކިޔަވައި ނުދިނީމައެއްވެސް ނޫނެވެ. ކުކުޅަށވުރެ ބިސްދޮށިވާން ލޯބިވެރިއަކު ހޯދައިގެން "ތެޅިއަރުވަން" ފެށުނީމައެވެ. 

އެކަމަކު މަސައްކަތެއް ދަސްކުރީމެވެ. އެއީ އަންހެންކުދިންގެ ބޯކޮށުމާއި އިސްތަށްޓަށް ފަރުވާ ދިނުމާއި ބޯމަށާޖުކުރުމެވެ. އެކަންކަން ދަސްކުރީ ބޭބެއަށް ދަރިއަކު ލިބުމުން ފަހަރިއަށް އެހީތެރިވާން މެލޭސިޔާގައި މަޑުކޮށްލައިގެން ހުރި ދުވަސްލޕޅުގައެވެ. 

ކޮންމެއަކަސް ލޯބިވެރިޔާ އާއި ކައިވެނިކުރެވުނެވެ. 2 ދަރިންވެސް ލިބުނެވެ. އެހިސާބުން ކައިވެނީގެ މުއްދަތު ހަމަވެއްޖެއެވެ. މިބުނީ އަޅުގަނޑު ދެކެ ލޯބިވުމުގެ މުދަތު ހަމަވިވާހަކައެވެ. ހަމަ އެޢާއިއެކު ކައިވެނީގައި ލިބިފައިވާ ދެ ދަރިން ދެކެ ލޯބިވުމުގެ މުއްދަތުވެސް ހަމަކޮށް ނިންމައިފިއެވެ. 

މުއްދަތު ހަމަވީމާ ގޮޑަށް އެއްލައިލާ އުޞޫލުން ވަރިކޮށްލައި ގެއިން ބޭރުކޮށްލައިފިއެވެ. ނަޞީބަކުން ދެ ދަރިން ގޮވައިގެން ގެއަށް ދިއައިމަވެސް މަންމަމެނެ އަޅުގަނޑަށް މަރުޙަބާ ކިޔެވެ.  އެންމެ ބޮޑު މައްސަލައަކަށްވީ ކިޔެވިފައި ނެތުމުން ރަނގަޅު ވަޒީފާއެއް ނުލިބޭނެތީއެވެ. އެކަމާއި ވަރަށް ދެރަވެފައި ހުއްޓައި އެކުވެރިއަކު ލަފާދިނީ އަޅުގަނޑަށް ކުރަން އެނގޭ މަސައްކަތްކުރަން ފެށުމަށެވެ. 

އޭނާގެ ގޭގައި ކުރިން ކުޑަފިހާރައެއް ހިންގި ތަންކޮޅެއް ހުރެއެވެ. އެތަންކޮޅު ސެލޫނަކަށް ބަދަލުކުރީއެވެ. މަސައްކަތު ގަދީގައި އެކުވެރިޔާ އަޅުގަނޑުގެ ދެ ދަރިންގެ ކަންކަން ކޮށްދެއެވެ. ގެންގުޅެނީވެސް އެގޭގައެވެ. އެހެންވެ ލިބޭ އާމްދަނީން ކުލި ދައްކާފައި ބާކީވާ އެއްޗެއް ދެމީހުން ހަމަހަމަކޮށް ބަހައިލަނީއެވެ. 

އެގޮތަށް މަސައްކަތކުރަން ފެށިތަނާ ބޭބެ ހޯދައިދިން ފުރުޞަތެއްގައި މިހާރު މިތިބީ މެލޭސިޔާގައެވެ. ކުރަނީ ހަމަ އެއް މަސައްކަތެކެވެ. މަސައްކަތްކުރަނީވެސް އެކުވެރިޔާ އާއި ދެމީހުން އެކުގައެވެ. މަސައްކަތް މިކުރަނީ މިއަހަރު ނިމުމުގެ ކުރިން އަމިއްލަ ސެލޫނެއް ހުޅުވުމަށެވެ. 

މިއަދުނޫހުގެ ކިޔުންތެރިންގެ ގާތުގައި ބުނެލަން ބޭނުންވަނީ އެންމެންނަކީ އެއްފެންވަރަކަށް ކިޔެވޭނެ ބައެއް ނޫނެވެ. ކޮންމެ ސަބަބެއް މެދުވެރިވެގެން ނަމަވެސް ނުކިޔެވިއްޖެނަމަ ކުރާނެ ކޮންމެވެސް މަސައްކަތެއް ދަސްކުރާށެވެ. އެކަމުން ފައިދާކުރާނެ ދުވަހެއް އަންނާނެއެވެ. މިހެން މިބުނަނީ އެކަން އަމިއްލައަށް ތަޖުރިބާކޮށްގެން ހުރެއެވެ. 

- ވަޙީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން