ތިމާގެ ފައި ހަރުލައިފިހެން ހީވާއިރަށް މައިންބަފައިންގެ މަތިން ހަނދާން ނައްތާލާނަމަ އެމީހަކުގެ މަތިން ﷲ ތަޢާލާ ހަނދުމަނެތިކޮށްލައްވަވައިފާނެކަމަށް ބިރު ނުގަންނަނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ތިމާގެ ފައި ހަރުލައިފިހެން ހީވާއިރަށް މައިންބަފައިންގެ މަތިން ހަނދާން ނައްތާލާނަމަ އެމީހަކުގެ މަތިން ﷲ ތަޢާލާ ހަނދުމަނެތިކޮށްލައްވަވައިފާނެކަމަށް ބިރު ނުގަންނަނީ ކީއްވެ؟

ކޮންމެ ކުއްޖަކަށްވެސް ކިޔެވި މޮޅު ކުއްޖަކަށް ވެވެނީ އެތައް ބައެއްގެ މަސައްކަތުންނެވެ. އެކަމަށް މައިންބަފައިން އެތައް ބުރަތަކެއް އުފުލުމުގެ އިތުރުން ބޮޑެތި ހޭދަތަކެއްވެސް ކޮށްގެންނެވެ. އެކަން އެދަރިންނަށްވެސް އެނގޭނެއެވެ. 

އެހެނަސް ބައެއް ފަހަރު މިފެންނަ ކަންކަމުން ވަރަށް ދެރަވާންޖެހެއެވެ. އެއީ ކިޔެވި، ވަޒީފާ ލިބި، މުސާރަ ލިބެން ފަށާއިރަށް އެކުއްޖަކަށް އެޙިސާބަށް އައުދެވުނު ގޮތް ހަނދާންނެތިގެންދާތަން ފެންނާތީއެވެ. މައިން ބަފައިން، ނުވަތަ ތިމާއަށް އެހީތެރިވި މީހުންނަކީ އެއްވެސް ބައެއް ނޫންކަމަށް ދެކެވޭތަން ފެންނާތީއެވެ. 

ދުވަސްކޮޅަކުން ތަންކޮޅެއް މައްޗަށް ޖެހިލެވި މުޖުތަމަޢުގައި ޤަދަރުލިބިގެންވާ މަޤާމަކަށް ދެވޭއިރަށް މައިްނބަފައިންނަކީ އެއްވެސް ބައަކަށް ނުހަދައެވެ. ހުރިހާ ސަމާލުކަމެއް ދެނީ ކޮންމެވެސް އެހެން ބައަކަށެވެ.

އަހުރެންނަށް އެނގުހުރި މިނަވަރަށް ބުރަވެ ބުނަންއޮތީ މިބުނި ފަދައިން ޢަމަލުކޮށް މައިންބަފައިންގެ ޤަދަރާއި ކަރާމާތް ނަގާލައި އިހްމާލުކޮށްލައިފި މީހެއްގެ ނިމުން ރަނގަޅެއް ނުވާނެއެވެ. އަރައިގެންދިއަ ބާރުމިނުގައި ވެއްޓޭނެއެވެ، ނުވަތަ އެއަށްވުރެ ބާރަށްވެސް ވެއްޓިދާނެއެވެ. ޤަދަރުވެރިޔާ ފަޟީޙަތްވެ ނިކަމެތިވެދާނެއެވެ. 

އެކަން އެހެން އެވަނީ ކީއްވެގެން ހެއްޔެވެ؟ އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ނުލިބޭތީއެވެ. މައިންބަފައިން ނިކަމެތިކުރާ މީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ނުލިބޭނެކަން އެއީ ކީރިތި ޤުރްއާނުން ޔަޤީންކުރެވެން އޮތް ކަމެކެވެ. ވީމާ ޙަޤީޤީ ކުރިއެރުމަކަށް އެދޭމީހާ މިފާހަގަކުރި ކަންކަމަށް ސަމާލުކަންދޭށެވެ! އެމީހަކަށް ކުރިއެރުމާ ކާމިޔާބު ލިބޭނެއެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން