ޝައިޚަކު ވިދާޅުވެފައިވެއެވެ.
އެއިރު އަހުރެންގެ ޢުމުރަކީ އެންމެ 16 އަހަރެވެ. އެހެންކަމާއިއެކުގައިވެސް ޤުރްއާނުގެ ޢިލްމު އެނގޭތީ ނުއެނގޭ މީހުންނަށް މިސްކިތުގައި ކިޔަވައިދެމެވެ. އެއްރޭ ފަތިސްނަމާދު ވަޤުތު ޖެހުމުގެ ކުރިން މިސްކިތަށް އައުދެވުނުއިރު އަހުރެންނާއި އެތައް ދަރިވަރުންގެ އުސްތާޛް ޝައިޚް މިސްކިތުގެ ފާޚާނާތައް ސާފުކުރައްވަނީއެވެ.
ސިހުން ލިބުނުވަރުން ޝައިޚް ތިއަކަން ތިއަކުރައްވަނީ ކީއްވެގެންތޯ ސުވާލުކުރުމުން ވިދާޅުވިއެވެ. "އެންމެ ހެޔޮ ޢަމަލަކީ މީސްތަކުންނަށް ނުފެންނަ ގޮތަށް ކުރާ ޢަމަލުތަކެވެ. އެއްވެސް މީހަކަށް އަހުރެން މިކަން ކުރާތަން ނުފެނުނަސް ﷲ ތަޢާލާ ބައްލަވައި ވޮޑިގެންވެއެވެ."
އެހެނަސް މިއަދު މިފެންނަނީ މުޅިންތަފާތު މަންޒަރުތަކެކެވެ. މިފެންނަނީ މައިކް ހިފައިގެން ހުރެ މީސްތަކުންގެ ކުރިމަތީގައި ވާހަކަދައްކަން އެންމެން އަވަސްވެގަނެގެން އުޅޭތަނެވެ. އެމީހާގެ މޮޅުކަން ވީހައި ގިނަ ބައަކަށް ދައްކަން މަސައްކަތްކުރެވޭތަނެވެ.
ވިސްނާށެވެ! ތިބާ ސުވަރުގެ ވައްދަވާނެ ޢަމަލުތަކަކީ މީސްތަކުންނަށް ނުފެންނަގޮތަށް ތިބާކުރި ހެޔޮ ޢަމަލުތައް ﷲ ތަޢާލާ އެކަނި ދެކެދެނެވޮޑިގަތުންކަމަށް ނުވަތަ އެގޮތަށް ކުރެވުނު ހެޔޮ ޢަމަލުތައް ކަމުގައިވެދާނެއެވެ. އަދި މީސްތަކުންނަށް ދައްކަން ތިބާކުރި ކަންކަން ތިބާކުރި ހެޔޮ ޢަމަލުތަކުގެ ގޮތުގައި ޤަބޫލުފުޅު ނުކުރެއްވެވުން އޮތީ އެންމެ ގާތުގައެވެ.
ވީމާ އަހުރެންގެ ނަޞޭޙަތަކީ މީސްތަކުންނަށް ފެންނަ ގޮތަށް ތިބާކުރި ހެޔޮކަމުގެ ދެގުނަ އިތުރަށް މީސްތަކުންނަށް ނުފެންނަ ގޮތަށް އެކަނިހުރެ ކުރުމެވެ. ދެއްކުންތެރިކަމުގެ ޛައްރެއްގެ މިންވަރުވެސް ހިމެނިގެންނުދާނެ ގޮތަށް ހެޔޮ ޢަމަލުތައް ކުރުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން